ރަޝިޔާ ސިފައިންނަށް މިއިން ޒަމާނަކު ނުދެވޭވަރުގެ ގެއްލުން ދެވިއްޖެ: ޒެލެންސްކީ
ރަޝިޔާ ސިފައިންނަށް މިއިން ޒަމާނަކު ނުދެވޭވަރުގެ ގެއްލުން ދެވިއްޖެ: ޒެލެންސްކީ

ކިއޭވް (މާޗް 12) - ޔުކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް މިއިން ޒަމާނަކު ނުދެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ގައުމާ މުޚާތަބް ކުރެއްވުމުގެ ގޮތުން އާއްމު ކުރެއްވި އާ ވީޑިއޯއެއްގައި ޒެލެންސްކީ ވިދާޅުވީ ރަޝިޔާ ސިފައިންގެ ބެޓެލިއަން ޓެކްޓިކަލް ގްރޫޕްތަކުގެ ތެރޭން 13 ގްރޫޕެއް ހަނގުރާމައިގައި ބައިވެރިވާން ނުކުޅެދޭވަރު ކޮށްފައިވާ ކަމަށެވެ. ރަޝިޔާ ސިފައިން ރަހީނުކުރި މެލިޓޮޕޮލް ސިޓީގެ މޭޔަރު ދޫކޮށްލުމަށް ރަޝިޔާ އަށް ޒެލެންސްކީ ވަނީ ގޮވާލައްވައިފަ އެވެ. އަދި ޔުކްރޭނުގެ ސިޓީއެއްގެ މޭޔަރަކު ވަގަށް ނަގަން ރަޝިޔާ އިން ލަދުގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިރަށް ކިއޭވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގައި ހޭދަވި 17 ދުވަސްތެރޭ ޔުކްރޭނުގެ 1،300 ސިފައިން މަރުވެފައިވާ ކަމަށެވެ. އެކަމަކު ހުޅަނގުގެ ބައެއް މަސްދަރުތަކުން ލަފާކުރާ ގޮތުގައި މި މުއްދަތުގައި ރަޝިޔާގެ 6،000 ސިފައިން ވަނީ މަރުވެފަ އެވެ.

ހުކުރު ދުވަހު އެކަނިވެސް ރަޝިޔާގެ 500 ސިފައިން އަމާންދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

ޔުކްރޭނުގެ ސިޓީތައް ރަޝިޔާ އިން މިހާރު ހިފި ނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށާއި ޔުކްރޭނުގެ ރައްޔިތުންގެ ބޮލަށް ރަޝިޔާ އަށް ސަވާރު ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.