12 މާޗް 2022 - 19:10

ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަނިކޮށް އެއް ކުއްޖަކު މަރުވެ ދެ ކުއްޖެއްގެ ހާލު ސީރިއަސްވެފައި ވާތީ އެކަން ހިނގައިދިޔަ ގޮތް ބަލަން ނިންމައި އެކަމަށް ކޮމިޓީއެއް އެކުލަވާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކުހިމެނޭ ތަމްރީނުތަކަކަށް ވާތީ އެކަމަށް ކުދިން ހޮވަނީ ވެސް ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށް ފަހު ޓްރެއިނިންގތަކުގައި ބައިވެރިވެވޭ ގާބިލްކަން ހުރިކަން ޔަގީންކޮށްފައި ކަމަށެވެ.
"ތިންކުއްޖެއްގެ މެޑިކަލް މައްސަލަތަކެއްދިމާވެ، އޭގެތެރެއިން އެއްކުއްޖަކު ނިޔާވެ، ދެވަނަ ކުއްޖަކަށް އައިސީޔޫ ގައި ފަރުވާކުރަންޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދޭން ޖެހުމަކީ، އެމްއެންޑީއެފް އިން މިކަމާ ކަންބޮޑުވެ ހިތާމަ ކުރާކަމެކެވެ." އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
އެތަނުން ބުނީ ހިނގައިދިޔަ ކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެކި ދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާފައިވާ ކަމަށެވެ.
"މިކަންކަމާ ގުޅޭގޮތުން އިތުރަށް އެއްޗެއް ދަންނަވަން އެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުން" ކަމަށް މެެސެޖުގައި ބުނެފައިވެ އެވެ.
ތަމްރީން ހަދަމުން ދަނިކޮށް ހާލު ދެރަވެ، ފަރުވާ ދެނިކޮށް މިދިޔަ އާދީއްތަ ދުވަހު 19 އަހަރުގެ ފިރިހެން ޒުވާނަކު މަރުވެފައި ވާއިރު އޭގެ ފަހުން ހާލު ދެރަވި 19 އަހަރުގެ އެކަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އަދި 21 އަހަރުގެ ޒުވާނަކަށް ވެސް އަންނަނީ ފަރުވާ ދެމުންނެވެ.
ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް މަރުވީ ނޭވާލާން އުނދަގޫވެގެން ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާ އަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.