12 މާޗް 2022 - 13:31

ކިއޭވް (މާޗް 12) - ޔުކްރޭނުގެ އިރު ދެކުނުގެ ސިޓީއެއް ކަމަށްވާ މެލިޓޮޕޮލްގެ މޭޔަރު ރަޝިޔާ ސިފައިން ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސިޓީގެ އިމާރާތަކުން މޭޔަރު އިވާން ފެޑެރޯވް ނެރެގެން ގެންދާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެނެ އެވެ.
ޔުކްރޭނުގެ އިންޓީރިއާ މިނިސްޓްރީގެ އެޑްވައިޒަރު އެންޓޮން ހެރައްޗެންކޯ ވިދާޅުވީ ފެޑެރޯވް ވަގަށް ނަގާފައި ވަނީ މެލިޓޮޕޮލް ސިޓީގެ "ކްރައިސިސް ސެންޓަރުގައި" އިންނަވަނިކޮށް ކަމަށެވެ. އޭނާ ގެންދިޔައީ ބޮލަށް ޕްލާސްޓިކް ކޮތަޅެއް މަހައިގެން ކަމަށް ވިދާޅުވި އެވެ.
ޔުކްރޭނުގެ ފޮރިން މިނިސްޓްރީން ބުނީ އެއީ ޖެނީވާ ކޮންވެންޝަނުގެ ދަށުން ބަލާ ނަމަ ހަނގުރާމައިގައި ހިންގި ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ މޭޔަރު ވަގަށް ނެގީ އޭނާގެ ބޮލުގައި ޓެރަރިޒަމްގެ ތުހުމަތު އެޅުވުމަށް ފަހު ކަމަށެވެ.
މެލިޓޮޕޮލް ރަޝިޔާ ސިފައިން ހިފާފައި ވަނީ މީގެ ދެ ހަފުތާ ކުރިންނެވެ. އޭރު ފެޑެރޯވް ވިދާޅުވެފައި ވަނީ އެ ސިޓީގެ ރައްޔިތުން ރަޝިޔާ އަށް އެއްބާރުލުން ދެމުން ނުދާ ކަމަށެވެ.