ޔުކްރޭން ވަނީ ކާމިޔާބުގެ މަގުމަތީގައި: ޒެލެންސްކީ
ޔުކްރޭން ވަނީ ކާމިޔާބުގެ މަގުމަތީގައި: ޒެލެންސްކީ

ކިއޭވް (މާޗް 12) - ރަޝިޔާއިން ދޭ ހަމަލާތަކުގައި ޔުކްރޭން ވަނީ މުހިންމު ޕޮއިންޓަކަށް ވާސިލްވެފައި ކަމަށާއި އެ ގައުމު ވަނީ ކާމިޔާބުގެ މަގުމަތީގައި ކަމަށް ރައީސް ވޮލްޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޓީވީން ދެއްވި ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވީ ޔުކްރޭނުގެ ބިން މިނިވަންކުރަން ހޭދަވާނީ ކިހާ ދުވަހެއްކަން ދަންނަވަން ދަތި ކަމަށެވެ.

"އެކަމަކު މި ހަނގުރާމައިން ކާމިޔާބު ހޯދޭނެކަން ދަންނަވަން ކެރޭނެ. ސަބަބަކީ ކާމިޔާބު ހޯދުމުގެ މުހިންމު ޕޮއިންޓަކަށް ސްޓްރެޓިޖިކަލީ އަޅުގަނޑުމެންނަށް ވާސިލްވެފައި ވާތީ. އަޅުގަނޑުމެން މި ތިބީ ކާމިޔާބުގެ މަގުމަތީގައި،" ޒެލެންސްކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ދުޝްމަނުންނާ ދެކޮޅަށް ކުރާ ގައުމީ ހަނގުރާމައެއް ކަމަށެވެ. އަދި ރަޝިޔާ އިން ދަނީ އެ މީހުންގެ އަމިއްލަ ސިފައިންގެ ފުރާނައަށް ބެލުމެއް ނެތި ހަމަލާތައް ދެމުން ކަމަށް ވިދާޅުވި އެވެ.

ހަނގުރާމައިގައި ރަޝިޔާ އިން ކުލީ ސިފައިން ބައިވެރިކުރާ މައްސަލައިގައި ޒެލެންސްކީ ވިދާޅުވީ ބޮމާއި މިސައިލް ހަމަލާތަކަށް ފަހު ރަޝިޔާ އިން މިހާރު ދަނީ ސީރިއާގެ ކުލީ ސިފައިން ބޭނުން ކުރަމުން ކަމަށެވެ.

ރަޝިޔާގެ ހަމަލާތައް ވަރުގަދަކޮށްފައިވާ އިރު ޒެލެންސްކީ ތަކުރާރުކޮށް ވަނީ ޔުކްރޭނަށް އިތުރު އެހީ ދިނުމަށް ޔޫރަޕިއަން ޔޫނިއަން އަށް ގޮވާލައްވައިފަ އެވެ.

"ރަޝިޔާ އިން ބެލުމެއް ނެތި ޔުކްރޭނަށް ދަނީ ބޮން އަޅަމުން. މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިޔާ އަށް އަސަރެއް ނުކުރާ ނަމަ އާ ފިޔަވަޅުތައް އަޅަން ޖެހޭ. މި ބިރުވެރި ހަނގުރާމައިގެ އަގު ރަޝިޔާ އިން ދައްކަން ޖެހޭނެ،" ޒެލެންސްކީ ވިދާޅުވި އެވެ.