12 މާޗް 2022 - 10:49

ވީއޭއެމްއިން މުޅި ރާއްޖެ އަށް ހުޅުވައިލައިގެން ބާއްވާ، ރާއްޖެ އެޓޯލް ވޮލީ ޗެމްޕިއަންޝިޕްގައި، ފ. އަތޮޅު މުބާރާތުގައި އަންހެން ޑިވިޝަންގައި ރޭ ކުޅުނު މެޗު މަގޫދޫ ޒުވާނުންގެ ކްލަބުން ކާމިޔާބު ކޮށްފި އެވެ.

ރާއްޖެ އެޓޯލް ވޮލީ ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ފެށީ ވެސް ފ. އަތޮޅުގަ އެވެ. އެއަތޮޅުގެ މުބާރާތް ބާއްވަނީ މަގޫދޫގަ އެވެ. އަންހެން ޑިވިޝަންގެ މެޗުން ރޭ ފެށި މުބާރާތް ހުޅުވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް އާއި ވޮލީބޯޅަ ލެޖެންޑް ސައްޔިދު އަލީ އެވެ.

ދަރަނބޫދޫ ޕާޕަލް ޕަވާ ޕާޕަލްސް އާ ދެކޮޅަށް މަގޫދޫ ޒުވާނުންގެ ކްލަބް ކާމިޔާބު ހޯދީ ސީދާ ތިން ސެޓުންނެވެ. ފ. އަތޮޅުގެ މުބާރާތް ކުރިއަށްދާނީ މިމަހު 22 ގެ ނިޔަލަށެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަން މިއަދު ހަވީރު ފަށާނެ އެވެ. އެޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ދަރަނބޫދޫ ޒުވާނުންގެ ކްލަބާއި ބިލެތްދޫ ރައިޒިން ސްޓާސް އެވެ. އަންހެން ޑިވިޝަންގައި މިރޭ ބައްދަލު ކުރާނީ ފީއަލީ ޑިވޮލޮޕްމެންޓް ސޮސައިޓީ އާއި ނިލަންދޫ ސްޕޯޓްސް ކްލްބެވެ.
ވީއޭއެމުން މިހާރު ވަނީ ގދ. އަތޮޅުގެ މުބާރާތް އެއަތޮޅު ވާދޫގައި ބާއްވަން އިއުލާންކޮށް މުބާރާތުގައި ވާދަކުރަން ބޭނުންވާ ރަށްރަށަށް ފުރުސަތު ހުޅުވައިލައފަ އެވެ. އަދި ލ. އަތޮޅުގެ މުބާރާތް ފޮނަދޫގައި ބޭއްވުމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.
މުބާރާތުގައި ބައިވެރި ވެވޭނީ ރަށަކުން އަންހެން އަދި ފިރިހެން، ކޮންމެ ޑިވިޝަނަކުން އެއް ޓީމަށެވެ. އެ ޓީމު ވާން ޖެހޭނީ ކައުންސިލުން ވެސް އެންޑޯޒް ކުރާ ޓީމަކަށެވެ. ސިޓީ ތަކުންނަމަ ކޮންމެ އަވަށަކުން ޓީމެކެވެ.
އަތޮޅު މުބާރާތް ކާމިޔާބުކުރާ ޓީމެއް ކޮލިފައި ވާނީ ޒޯން ބުރަށެވެ. ވީއޭއެމް އިން ވަނީ ހަތް ޒޯނަކަށް މުޅި ރާއްޖެ ބަހާލައިފަ އެވެ. އަތޮޅަކުން އެއް ޓީމު ބައިވެރިވެއްޖެ ނަމަ އެ ޓީމަކީ އެ އަތޮޅުގެ ޗެމްޕިއަން ޓީމު ކަމަށް ކަނޑައަޅައި ޒޯން ބުރަށް ކޮލިފައި ވާނެ އެވެ. ޒޯން ބުރަށް ކޮލިފައިވާ ޓީމު އެހާ ހިސާބުން މުބާރާތުން ވަކިވިޔަސް އެ އަތޮޅެއްގެ އެހެން ޓީމަކަށް އެ ފުރުސަތު ނުދިނުމަށް ވީއޭއެމްއިން ވަނީ ހަމަޖައްސައިފަ އެވެ.
- ޒޯން 1: ހއ، ހދ، ށ
- ޒޯން 2: ނ، ރ، ބ، ޅ
- ޒޯން 3: ކ، އއ، އދ، ވ
- ޒޯން 4: މ، ފ، ދ
- ޒޯން 5: ތ، ލ
- ޒޯން 6: ގއ، ގދ
- ޒޯން 7: ފުވައްމުލައް، އައްޑޫ