12 މާޗް 2022 - 09:53

ވޮޝިންޓަން (މާޗް 12) - ރަޝިޔާ އިން ޔުކްރޭނުގައި މިހާރު ކުރާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެ ނަމަ އެއީ ދުނިޔޭގައި ތިންވަނަ ބޮޑު ހަނގުރާމަ ފެށުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޒާރު ދެއްވައިފި އެވެ.
"ވަރަށް ސާފު ބަހުން ދަންނަވަން. ނޭޓޯގެ ޓެރިޓަރީގެ ކޮންމެ އިންޗިއެއް ވެސް އެ ޖަމާއަތުގެ ގުޅިފައިވާ ގުޅުމަކުން ދިފާއު ކުރާނަން،" ޓްވިޓާގައި ބައިޑަން ލިޔުއްވި އެވެ. އެކަމަކު ރަޝިޔާއާ ދެކޮޅަށް ޔޫކްރޭނުގައި އަޅުގަނޑުމެން ހަނގުރާމައެއް ނުކުރާނަން. ނޭޓޯ އާއި ރަޝިޔާ އިން ސީދާ ކުރިމަތިލުމަކަށް ހިނގައްޖެ ނަމަ އެއީ ދުނިޔޭގައި ތިން ވަނަ ބޮޑު ހަނގުރާމަ ފެށުން.
ބައިޑަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަން އެމެރިކާ ސިފައިން ޔުކްރޭނަށް ފޮނުވުމަކީ އެޖެންޑާގައި ނެތް ކަމެއް ކަމަށެވެ.
ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި އެމެރިކާ ސަރުކާރުން ވަނީ ރަޝިޔާ އާއި އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޕުޓިން އަށް މަދަދު ދޭ ރަޝިޔާގެ ބިލިއަނަރުންނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. ބައިޑަން އިއްޔެ ވަނީ ރަޝިޔާގެ އެލްކޮހޯލާއި ސީފުޑް އަދި ޑައިމަންޑް އެމެރިކާ އަށް އެތެރެ ކުރުން މަނާކޮށްފަ އެވެ. އޭގެ ކުރިން ވަނީ ރަޝިޔާގެ ތެލާއި ގޭސް އެމެރިކާ އަށް އިމްޕޯޓް ކުރުން މަނާކޮށްފަ އެވެ. އެމެރިކާ އިން ފިޔަވަޅު އަޅައި ރަޝިޔާގެ ބިލިއަނަރުންގެ ލިސްޓަށް ވަނީ އާ ނަންތައް އިތުރުކޮށްފަ އެވެ.
ޔުކްރޭނުގައި މިހާރު ރަޝިޔާ އިން ފަށާފައިވާ ހަނގުރާމައިގައި ޕުޓިން އަށް ކާމިޔާބު ނުވާނެ ކަމަށް ވެސް ބައިޑަން ވަނީ ވިދާޅުވެފަ އެވެ.
ރަޝިޔާ އިން މިހާރު ދޭ ހަމަލާތަކުން ދިފާއުވުމަށް ނޭޓޯގެ ގައުމުތަކުން އަސްކަރީ އެހީ ނުލިބޭތީ ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ވަނީ ތަކުރާރުކޮށް ނުރުހުން ފާޅުކުރައްވައިފަ އެވެ.