މަޝްހޫރުވެ، މާ ފޮނިވެވުނީމަ ބުބަން މާފަށް އެދިއްޖެ
މަޝްހޫރުވެ، މާ ފޮނިވެވުނީމަ ބުބަން މާފަށް އެދިއްޖެ

ޓިކްޓޮކްގައި މަޝްހޫރުވި "ކައްޗާ ބަދާމް" ލަވައިން ގިނަ ބަޔަކަށް އެނގުނު އިންޑިއާގެ ބެންގޯލްގައި ބަދަނުގެ ވިޔަފާރީ ކުރި ބުބަން ބަޑޭކަރަށް "މާ ބޮޑަށް ފޮނިވެވުމުން" އޭނާ މާފަށް އެދިއްޖެ އެވެ.

"ސެލެބްރިޓީ" އަކަށްވެފައިވާ ކަމަށާއި ދެން ބަދަނުގެ ވިޔަފާރީގައި ނޫޅެނެ ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކަށް އޭނާ ދިން އިންޓަވިއުއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާ އޭނާ ކުރިމަތިލާން ޖެހުނެވެ. އޭނާ މާފަށް އެދުނީ، މާ ފޮނިވާން ހަދައިގެން ކޮންމެ ފަދަ ކަމެއް ވެސް ކުރިމަތިވެދާނެ ކަމަށް ބުނެ ބައެއް މީހުން އޭނާއާ ދިމާކޮށްލުމުންނެވެ.

އޭނާ ބުނީ މަޝްހޫރުވީ އެހެން މީހުންގެ ސަބަބުން ކަން އެނގޭ ކަމަށާއި އެ ކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މިހާރުގެ ހާލަތު އަނެއްކާ ވެސް ބަދަލުވެއްޖެ ނަމަ، ބަދަނުގެ ވިޔަފާރިއަށް ނިކުންނަން ޖެހިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"މަޝްހޫރުކަމަކީ ކޮންމެ ވަގުތަކު ވެސް ގެއްލިދާނެ އެއްޗެެއް ކަން ގަބޫލުކުރަން. ކުއްލިއަކަށް ބޮޑު މަގްބޫލުކަމެއް ލިބުން ކަމުގައި ވިޔަސް އަހަންނަށް ދެވެން އޮތް ޔަގީން ކަމަކީ އަހަންނަށް އެއްވެސް ބަދަލެއް ނާންނަކަން،" އޭނާ ބުނެފައިވެ އެވެ.

ކައްޗާ ބަދާމް އިން މަގުބޫލުވި 50 އަހަރުގެ ބުބަން އަކީ ބަދަން ވިއްކައިގެން އޭނާގެ އާއިލާގެ 10 މެމްބަރުންގެ ކަންކަން ބަލަހައްޓަމުން އައި، ވަރަށް ހާލުގައި އުޅުނު މީހެކެވެ. އެކަމަކު އޭނާގެ ލަވައާ އެކު އިތުރު ފުރުސަތުތައް ފަހިވެ އާމްދަނީ އިތުރުވި އެވެ.

ބުބަންގެ ލަވަ މިއުޒިކް އުފައްދާ ކުންފުންޏަކުން ގަނެފައިވާއިރު އެއިން އެކަނި ވެސް 1.5 ލައްކަ ރުޕީސް ލިބުނެވެ. ބެންގޯލްގެ އާޓިސްޓުންތަކެއް ވަނީ އޭނާއާ އެކު އެ ލަވައިގެ ރިމިކްސް ވީޑިއޯއެއް ވެސް ހަދައިފަ އެވެ. އެ ލަވަ އަށް ވަނީ ޔޫޓިއުބްގައި 53 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ. އޭނާ އަށް މިއުޒިކީ ދާއިރާއިން މިހާރު ގިނަ ފުރުސަތުތަކެއް ލިބެ އެވެ.