12 މާޗް 2022 - 07:02

މިދިޔަ އަހަރު ނެރުނު އެންމެ ބޮޑު އެއް ސައިފައި ފިލްމު "ޑޫން"ގެ ދެވަނަ ބަޔަށް، ޑިޒްނީގެ ބްލެކް ވިޑޯގެ އެކްޓަރު ފްލޮރެންސް ޕަފް އާއި "އެލްވިސް"ގެ ރޯލުން ފެނުނު އޯސްޓިން ބަޓްލާ ހަމަޖެއްސުމަށް މަޝްވަރާ ފަށައިފި އެވެ.
މި އަހަރުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިން ފަށާއިރު އެ ފިލްމުގެ ވަރަށް މުހިންމު ތިން ރޯލަކަށް އެކްޓަރުން ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން އޯސްޓިން އާއި ފްލޮރެންސްގެ ރޯލު ކަށަވަރުވުން ވަރަށް ގާތް ކަމަށް ޕްރޮޑަކްޝަނުން ބުނެ އެވެ.
އެ ފިލްމުގައި ފްލޮރެންސް ކުޅޭނެ ރޯލެއް އަދި ނޭނގެ އެވެ. ނަމަވެސް އޯސްޓިން ފެންނާނީ ވިލަނެއްގެ ރޯލުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ އަހަރު ނެރުނު ޑޫންގެ ފުރަތަމަ ބަޔަކީ އެ ފިލްމު ބިނާ ކޮށްފައިވާ ވާހަކަ ފޮތުގެ ދެބައިކުޅަ އެއްބައެވެ. ފުރަތަމަ ފިލްމުގައި ލީޑުން ފެނުނު ޓިމޮތީ ޝަލަމޭ އާއި ޒެންޑާޔާ އަދި ރިބެކާ ފާގަސަންގެ އިތުރުން ޖޯޝް ބްރޯލިން އާއި ހަވިއޭ ބާޑެމް އެވެ.
ޑޫންގެ ފުރަތަމަ ބަޔަށް ވަނީ 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. ކޮވިޑް ތެރޭގައި އެ ފިލްމު އެޅުވިއިރު އެއީ ވަރަށް ރަނގަޅު އާމްދަނީއެކެވެ. އެ ފިލްމުގެ ދެވަނަ ބައި ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ.