11 މާޗް 2022 - 17:21

އަންކަރާ (މާޗް 11) - ރަޝިޔާ އާއި ޔުކްރޭނުގެ ޚާރިޖީ ވަޒީރުން ތުރުކީގައި އިއްޔެ ބޭއްވި މަޝްވަރާތައް ނާކާމިޔާބުވެގެން ނިމުމާ އެކު މިހާރު ފަށާފައިވާ ޔުކްރޭން ހަނގުރާމަ އިތުރަށް ދިގުލައިގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ބައްދަލުވުމަށް ފަހު ޔުކްރޭނުގެ ޚާރިޖީ ވަޒީރު ދިމިތުރޯ ކުލެބާ ވިދާޅުވީ ރަޝިޔާގެ ޑިމާންޑްތަކަށް އެއްބަސްނުވެވޭނެ ކަމަށެވެ. ރަޝިޔާ އިން ބޭނުން ވަނީ ހަނގުރާމައިގައި ޔުކްރޭން އަމާން ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވީ އޭނާގެ ގައުމުގެ އަސްކަރީ އޮޕަރޭޝަން ދަނީ ޕްލޭނާ އެއްގޮތަށް ކަމަށެވެ.
މީގެ ދެ ހަފުތާކުރިން ރަޝިޔާ އިން ޔުކްރޭނަށް އަރައި ހަމަލާދޭން ފެށުމުން އެ ގައުމު ދޫކޮށް މިހާތަނަށް ވަނީ 2.3 މިލިއަން މީހުން އެހެން ހިސާބުތަކަށް ހިޖުރަކޮށްފަ އެވެ.
ހަނގުރާމަ އެންމެ ބޮޑަށް ހޫނުވެފައިވާ މަރިއުޕޮލްގައި ގަދަ ފިނީގައި ކަރަންޓެއް، ފެނެއް ނެތި އެތައް ބަޔަކު އެތައް ދުވަހެއް ވަންދެން ތާށިވެފައި ތިބެން ޖެހިފައިވާ ކަމަށް ކުލެބާ ވިދާޅުވި އެވެ.
"އަޅުގަނޑު ތަކުރާރުކޮށް ބުނަން ޔުކްރޭން އަމާނެއް ނުދޭކަން، ނުވެސް ދޭނެ،" އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ވަނީ އެ ގައުމުގެ ޑިމާންޑްތަކަށް ޔުކްރޭނުން އެއްބަސްވުމުން ނޫނީ ހަމަލާތަކަށް ހުއްޓުމެއް ނުގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. ރަޝިޔާގެ ޑިމާންޑްތަކުގެ ތެރޭގައި ޔުކްރޭނުގައި ހުރި ހަތިޔާރުތައް ނައްތާލައި ވަކި ފަރާތަކަށް ނުޖެހި އެ ގައުމު އޮތުން ހިމެނެ އެވެ.
ލަވްރޯފް ތުހުމަތު ކުރެއްވި ގޮތުގައި ހަނގުރާމަ އިތުރަށް ހޫނުކުރުމަށް ހުޅަނގުގެ ގައުމުތަކުން ދަނީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ.
"ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިޔާ އަރައިގަންނާނެ،" ލަވްރޯފް ވިދާޅުވި އެވެ. "ހުޅަނގަށް ބަރޯސާނުވެ އޮވެވޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން."