ޔުކްރޭނުގައި ހަނގުރާމަ ކުރަން ބޭރުގެ ވޮލަންޓިއަރުން ޕުޓިން ހޯއްދަވަނީ
ޔުކްރޭނުގައި ހަނގުރާމަ ކުރަން ބޭރުގެ ވޮލަންޓިއަރުން ޕުޓިން ހޯއްދަވަނީ

މޮސްކޯ (މާޗް 11) - ޔުކްރޭން ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭރު ގައުމުތަކުގެ ވޮލަންޓިއަރުން ހޯދުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ގޮވާލައްވައިފި އެވެ.

ރަޝިޔާގެ ސަލާމަތީ ކައުންސިލްގެ ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވީ ރަޝިޔާ ސިފައިންނާ ގުޅިގެން ޔުކްރޭނުގައި ހަނގުރާމަ ކުރަން ބޭނުންވާ ވޮލަންޓިއަރުންނަށް އެ ފުރުސަތު އެބައޮތް ކަމަށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސާގީ ޝޮއިގޫ ވިދާޅުވީ ރަޝިޔާ ސިފައިންނާ ގުޅިގެން ހަނގުރާމަ ކުރަން ބޭނުންވާ 16،000 ވޮލަންޓިއަރުން މެދުއިރުމަތީގައި އެބަތިބި ކަމަށެވެ. އެމެރިކާ އިން ބުނެފައިވާ ގޮތުގައި ވޮލަންޓިއަރުންގެ ތެރޭގައި ސީރިއާގެ ކޮމްބެޓް ޔުނިޓްތައް ހިމެނިދާނެ އެވެ.

ސީރިއާ އަކީ ރަޝިޔާއާ ގާތްގުޅުމެއް އޮންނަ ގައުމެކެވެ. އަދި ސީރިއާގެ މަދަނީ ހަނގުރާމައިގައި އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދަށް އެންމެ ބޮޑަށް ވާގިވެރިވާ ފަރާތަކީ ވެސް ޕުޓިން އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ދާދި ފަހުން ބުނެފައިވާ ގޮތުގައި ރަޝިޔާ އިން ދަނީ ސީރިއާގެ ހަނގުރާމަވެރިން ޔުކްރޭން ހަނގުރާމައިގައި ބައިވެރިކުރުވަމުންނެވެ. ސަބަބަކީ އެ މީހުންގެ އާބަން ވޯފެއާގެ ތަޖުރިބާގެ އެހީގައި ކިއޭވް ހިފަން މަގު ފަހިކުރުމެވެ.

ޓީވީން ވަގުތުން ދުރަށް ދެއްކި ސަލާމަތީ ކައުންސިލްގެ ބައްދަލުވުން ކުރިއަށް ދިޔަ އިރު ރަޝިޔާ ސިފައިން ޔުކްރޭނުގައި ދަނީ ވެރިރަށް ކިއޭވް ހިފުމަށް އާ އަމާޒުތަކަށް ހަމަލާ ދެމުންނެވެ.

ބޭރުގެ ހަނގުރާމަވެރިން ޚާއްސަކޮށް އިނގިރޭސި ވިލާތުގެ އެހާރާއި މިހާރުގެ ސިފައިން މިހާރު ދަނީ ޔުކްރޭން ސަރުކާރާ އެއްކޮޅަށް ހަނގުރާމަ ކުރަން އެ ގައުމަށް ޖަމާވަމުން ކަމަށް ޚަބަރުތައް ބުނެ އެވެ.

ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ދާދި ފަހުން ވިދާޅުވެފައި ވަނީ ޔުކްރޭން ސިފައިންނާ ގުޅުމަށް ބޭރުގެ 16،000 މީހުން ވޮލަންޓިއާކޮށްފައިވާ ކަމަށެވެ.