11 މާޗް 2022 - 14:49

ކިއޭވް (މާޗް 11) - ޔުކްރޭނުގެ ވެރިރަށް ކިއޭވް ވަށައިގެން ރަޝިޔާގެ ލަޝްކަރު އަލުން ރުކުރުވާލާފައިވާ މަންޒަރު އެމެރިކާގެ ކުންފުންޏެއްގެ ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.

ރަޝިޔާގެ ލަޝްކަރު އެންމެ ފަހުން ގާއިމްވެ ތިބީ ކިއޭވްގެ ހުޅަނގު އުތުރުން އޮންނަ އެންޓޮނޯވް އެއާޕޯޓާ ކައިރީގަ އެވެ. ލަޝްކަރުގެ ހަރަކާތްތަކުން ބޮޑަށް ފެންނަނީ ކިއޭވަށް އަރައިގަތުމަށް އަލުން މަސައްކަތް ކުރަން އުޅޭހެންނެވެ.
މެކްސާ ޓެކްނޮލޮޖީސް އިން ބުނީ އެ ކުންފުނީގެ ސެޓެލައިޓްތަކުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރަޝިޔާގެ ލަޝްކަރު ވަނީ ކިއޭވް ވަށައިގެންވާ ޓައުންތަކުގައި ރުކުރުވާލައިފަ އެވެ.
ކިއޭވް ވަށައި ރަޝިޔާގެ ލަޝްކަރު އަލުން އެތުރުނު އިރު ޔުކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިން ދަނީ އިތުރު އަމާޒުތަކަށް ހަމަލާ ދެމުންނެވެ.
"ޔުކްރޭނުގެ ބޮޑެތި ސިޓީތައް އަނެއްކާވެސް ވަނީ ސުންނާފަތި ކުރަން ފަށާފައި،" ރައީސް ވޮލްޑޮމީރް ޒެލެންސްކީގެ އެޑްވައިޒަރު މިޚަޔަލް ޕޮޑޮލިއަކު ވިދާޅުވި އެވެ.
ރަޝިޔާ ސަރުކާރު މީޑިއާތަކުން ބުނެފައި ވަނީ ޔުކްރޭނުގެ ސިޓީއެއް ކަމަށްވާ ވޮލްނޮވަކާ ވަނީ ރަޝިޔާ އަށް ތާއީދުކުރާ، ޔުކްރޭނުން ވަކިވެގަތުމަށް މަސައްކަތްކުރާ ބާރުތަކުން ހިފައިފައި ކަމަށެވެ.
އެމެރިކާގެ ދިފާއީ އޮފިޝަލަކު ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރަޝިޔާގެ ލަޝްކަރު ވަނީ ކިއޭވްއާ ފަސް ކިލޯމީޓަރު (ތިން މޭލު) އަށް ކައިރިވެފައި ކަމަށެވެ. އަދި ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ ޔުކްރޭނުގެ އިރު އުތުރުން އެ ސިޓީ ބަންދުކޮށްލަން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ކިޔޭވްގެ މޭޔަރު ވިޓަލީ ކްލިޓްޝްކޯ ވިދާޅުވީ ތިން މިލިއަން މީހުން ދިރިއުޅުނު އެ ސިޓީގެ ދެ ބައިކުޅަ އެއްބައި މީހުން އެ ރަށް ދޫކޮށް ހިނގައްޖެ ކަމަށެވެ.
"ކޮންމެ މަގެއް. ކޮންމެ އިމާރާތެއް. ކޮންމެ ޗެކްޕޮއިންޓެއްގައި ވަނީ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި،" މޭޔަރު ވިދާޅުވި އެވެ.
ޔުކްރޭން ސިފައިން ވެރިރަށް ދިފާއު ކުރަން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޔުކްރޭނުގެ އެތައް ހާސް އާއްމުންނެއް ވަނީ ޓެރިޓޯރިއަލް ޑިފެންސް ޔުނިޓްތައް އުފައްދައިފަ އެވެ.