11 މާޗް 2022 - 10:56

މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 40 ޕަސެންޓް އިތުރުވެއްޖެ އެވެ.
އެ އިދާރާއިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު 1.41 ބިލިއަން ރުފިޔާ އެ އިދާރާއިން ވަނީ ބަލައިގެންފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި ލިބުނީ 994.12 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހުގެ އާމްދަނީ އިތުރުވީ ޓޫރިސްޓުން އައި އަދަދު އިތުރުވުމުންނެވެ. މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 43.1 ޕަސެންޓް އިތުރުވެފަ އެވެ.
މީގެ އިތުރުން ޖީއެސްޓީ އާއި އިންކަމް ޓެކްސް އާއި ގްރީން ޓެކްސް އާއި ޓޫރިޒަމް ބިމު ކުއްޔާއި އެއާޕޯޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް މީރާ އިން މައުލޫމާތު ދެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެންނެވެ. ޖީއެސްޓީގެ ގޮތުގައި 972.10 މިލިއަން ރުފިޔާ ލިބިފައިވާއިރު އިންކަމް ޓެކްސްގެ ގޮތުގައި 138.21 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 91.44 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 51.99 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 63.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.