11 މާޗް 2022 - 09:29

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ލޮލުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން ކާމިޔާބުކަމާ އެކު "އެޕިރެޓިނަލް މެމްބުރޭން ޕީލިން" އަދި ސިލިކޯން އޮއިލް ނައްތާލުމުގެ ސާޖަރީއެއް ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
މިއީ ރާއްޖޭގައި މިފަދަ ސާޖަރީއެއް ކުރި ފުރަތަމަ ފަހަރެވެ. އެ ސާޖަރީ ކުރީ ހަކުރު ބަލީގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރު ކޮށްފައިވާ 50 އަހަރުގެ އަންހެނެއް ކަމަށްވާ ސަމްސާދާ އައްބާސެވެ.
ޓްރީޓޮޕުން ބުނީ ސަމްސާދާ ލޮލުގެ ތަދަށް ފަރުވާ ހޯދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ސާޖަރީ ހަދަން ޖެހުނީ އޭނާ ކުރިން ހަދާފައިވާ ސާޖަރީއެއްގެ ސަބަބުން "އެޕިމެކިއުލާ މެމްބްރޭން" އަދި ސިލިކޯން އޮއިލް އޭނާގެ ލޮލުގެ އަލިދުލީގައި ހުރުމުގެ ސަބަބުން އެ ނައްތާލަން ކަމަށެވެ. އެ ސާޖަރީގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ލޮލުގެ އަލިދުލީގައި ސިލިކޯން އޮއިލް ހުރުމުގެ ސަބަބުން ލޮލަށް ކުރާ ޕްރެޝަރު ބޮޑުވާނެ އެވެ. އަދި އެޕިރެޓިނަލް މެމްބުރޭންގެ ސަބަބުން ލޮލުގައި ފުސް އުފެދި ފެނުމަށް އަސަރު ކުރެ އެވެ.
ސަމްސާދާ އެންމެ ފުރަތަމަ ސާޖަރީ ހެއްދީ ރާއްޖޭން ބޭރުންނެވެ. ނަމަވެސް ރާއްޖޭގައި އާއިލާ ކައިރީގައި ހުރެގެން ސާޖަރީ ހެދުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ބުންޏެވެ.
"ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޓީމުގެ މެމްބަރުންނަށް އިންތިހާއަށް ޝުކުރު އަދާކުރަން. މާލޭގައި ހުރެގެން މި ސާޖަރީ ކުރިއަށް ގެންދެވޭނެ ފުރުސަތު ލިބުމަކީ ހިތްހަމަޖެހުމެއް،" ސަމްސާދާ ބުންޏެވެ.
އެ ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވީ ޓްރީޓޮޕްގެ ލޮލުގެ ހާއްސަ ޑޮކްޓަރު، ޑރ. ޕަރާގް އަޕްތެ، އާއި ޑރ. އަދިތުޔާ ރެގޭ އެވެ. އަދި ހުނަރުވެރި ނަރުހުންގެ ޓީމަކާއި ބަޔޯމެޑިކަލް ޓީމެއް ވެސް މި ސާޖަރީގައި ހަރަކާތްތެރިވި އެވެ.
ދާއިރާއިން 17 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑރ. ޕަރާގް ހާއްސަ ދާއިރާއަކީ "ވިޓްރިއޯރެޓިނަލް" ސާޖަރީ އެވެ. އޭނާ ޝައުގެވެރިވާ ދާއިރާތަކުގެ ތެރޭގައި ރެޓިނަލް ސާޖަރީ އާއި ފެކޮއިމޮލްސިފިކޭޝަނާއި ރެޓިނަލް ލޭޒާ އާއި އިންޓްވިޓްރިއަލް އިންޖެކްޝަންސް އާއި އާރްއޯޕީ ލޭޒާ އަދި މެޑިކަލް ރެޓިނާ ހިމެނެ އެވެ. އޭނާ އޮފްތަލްމޮލޮޖީން މާސްޓާސް ހާސިލް ކޮށްފައި ވަނީ އިންޑިއާގެ ގަވަމަންޓް މެޑިކަލް ކޮލެޖުންނެވެ. އަދި ވިޓްރިއޯރެޓިނާ ދާއިރާއިން ފެލޯޝިޕް ފުރިހަމަކޮށްފައިވަނީ އެ ގައުމުގެ ސަންކަރާ ނެތުރަލަޔާ އިންނެވެ.
ޑރ. އަދިތުޔާ އަކީ "ޓަރިޖީއަމް" ސާޖަރީ އާއި "ފަކައިމޮލްސިފިކޭޝަން" އާއި "ކަލޭޒިއަން" ސަޖަރީ އާއި ހަކުރު ބަލީގެ ސަބަބުން ދިމާވާ ލޮލުގެ ބަލިތަކާއި ގްލޮކޯމާ ބަލިތަކަށް ހާއްސަ ތަމްރީން ލިބިފައިވާ ތަޖުރިބާކާރު ކޮންސަލްޓަންޓެކެވެ. އޭނާ މާސްޓާސް އަދި އެމްބީބީއެސް ހާސިލްކޮށްފައިވަނީ އިންޑިއާގެ ބާރަތީ ވިދްޔަޕީތު ޔުނިވާސިޓީ މެޑިކަލް ކޮލެޖުންނެވެ. އަދި ފެލޯޝިޕް ފުރިހަމަ ކޮށްފައިވަނީ އެޗްވީ ދެސައި އައި ހޮސްޕިޓަލުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގައި ހަރަކާތްތެރިވަނީ ތަޖުރިބާކާރު ކޮންސަލްޓަންޓް ޑޮކަޓަރުންނެވެ. އެ ޑިޕާޓްމަންޓުން ބޮޑެތި މީހުންގެ އިތުރުން ކުޑަ ކުދިންނަށް ދިމާވާ ލޮލުގެ ގިނަ މައްސަލަތަކަށް ވެސް ފަރުވާދެ އެވެ.