20 ޑިސެމްބަރ 2016 - 16:27

އަންކާރާ (ޑިސެމްބަރު 20) - ތުރުކީގައި އޮތް ފޮޓޯ މައުރަޒެއް ހުޅުވަން ވާހަކަ ދައްކަވަން ހުންނަވަނިކޮށް ތުރުކީ ފުލުހުންގެ މީހަކު ބަޑިޖަހާ ރަޝިޔާ ސަފީރު އަވަހާރަކޮށްލި މަންޒަރުގެ ފޮޓޯތައް ވަނީ އެސޯސިއޭޓެޑް ޕްރެސްގެ ފޮޓޯގްރާފަރެއް ކަމަށްވާ ބުރުހާން އޮޒްބުލިސީ ނަގައިފަ އެވެ.

އޮޒްބުލިސީ ބުނީ އޮފީސް ނިންމާފައިވާ ގެއަށް ދިއުމުގެ މަގުމަތީގައި މައުޒަށް ވަދެ ފޮޓޯ ނަގަން ޝައުގުވެރިވީ ރަޝިޔާ އާއި ތުރުކީގެ ގުޅުމާ ބެހޭ ގޮތުން ލިޔާ ލިޔުންތަކުގައި އެ ފޮޓޯތައް ބޭނުން ކުރެވިދާނެ ކަމަށް ބަލާފައި ކަމަށެވެ.

"އަހަރެން އެ ތަނަަށް ވަން އިރު މައުރަޒު ހުޅުވުމުގެ ގޮތުން ބައެއް މީހުން ވާހަކަ ދައްކައިފި. ރަޝިޔާ ސަފީރު ވާހަކަ ދައްކަން ފެށުމާ އެކު އަހަރެން ތަންކޮޅެއް ކައިރިއަށް ޖެހިލިން. އެއީ ސަފީރުގެ ފޮޓޯތައް މުހިންމުވާނެތީ،" އޮޒްބުލިސީ ބުންޏެވެ. "ސަފީރު ވާހަކަ ދައްކަން ހުއްޓާ ކުއްލިއަކަށް ފަހަތުން ބަޑިޖަހަން ފެށީ. އެވަގުތު އޯޑިއެންސްގައި ތިބި މީހުން ވެސް ސަލާމަތްވާން މަސައްކަތް ކުރި."

އޮޒްބުލިސީ ބުނީ ވަޒަން އަރައިގެން ސަފީރު ވެއްޓިފައި އޮތް ތަނުގައި ލޭގެ ކޯރެއް ހެދުނު ކަމަށެވެ. އެ ވަގުތު ހަމަލާ ދިން މީހާ ދިޔައީ ﷲ އަކްބަރު ގޮވާ އަޑު ގަދަކުރަމުންނެވެ. އަދި ހަމަލާ ދިން މީހާ ދިޔައީ ސީރިއާ އާއި ހަލަބުގެ މަތިން ހަނދާން ނައްތާނުލުމަށް އެދި ގޮވަމުންނެވެ. އޭނާ ބުނީ އެ މީހުން މަރާފައި، އެހެން މީހުންނަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ނެރެން ޖެހޭނީ މަރާފައި ކަމަށް ވެސް ބުންޏެވެ.

އޮޒްބުލިސީ ބުނީ އޭނާގެ ކުރިމަތީގައި މީހަކު މަރުވެ ދިޔުމުން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ވީގޮތް އެނގިއްޖެ ކަމަށެވެ. އަދި ފާރެއްގެ ނިވަލަށް ވަދެ ފޮޓޯތައް ނަގަން ފެށި ކަމަށް ބުންޏެވެ. އަދި ހަމަލާ ދިން މީހާ ދިޔައީ އެކި މީހުންނާ ދިމާލަށް ބަޑިދިއްކޮށް ވެއްޓިފައި އޮތް ސަފީރުގެ ވަށައިގެން އެނބުރެމުން، އަޑުގަދަ ކުރަމުން ކަމަށް ބުންޏެވެ. އެ ވަގުތު ސިކިއުރިޓީ ގާޑުން ވަނީ އެންމެން ހޯލުން ނުކުތުމަށް އަންގައިފަ އެވެ.
"އަހަރެން އެނބުރި އޮފީހަށް ގޮސް ފޮޓޯތައް އެޑިޓް ކުރަން ފެށުމުން ލިބުނީ ބޮޑު ޝޮކެއް. އެއީ ސަފީރު ވާހަކަ ދައްކަމުން ދިޔަ އިރު ވެސް ހަމަލާ ދިން މީހާ ހުރީ އޭނާގެ ފަހަތުގައިކަން އެނގުމުން،" އޮޒްބުލިސީ ބުންޏެވެ.