23 ދުވަހާ ހެދި ވަޒީފާ ގެއްލުނު ރަޝީދުގެ އަދަބު ލުއިކޮށްދީފި
23 ދުވަހާ ހެދި ވަޒީފާ ގެއްލުނު ރަޝީދުގެ އަދަބު ލުއިކޮށްދީފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ތަންފީޒުނުކޮށްދީ އޮތް 23 ދުވަހާ ހެދި ވަޒީފާ ގެއްލުނު އިބްރާހިމް ރަޝީދުގެ އަދަބު ލުއިކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

ޅ. ނައިފަރު، މިސްކިތު މަސައްކަތުގެ މީހެއްގެ ވަޒީފާ ލިބުނުތާ މަހެއް ފަހުން އިބްރާހިމް ރަޝީދު ވަކިކުރީ ކައުންސިލުން ކުށުގެ ރެކޯޑު ސާފުކުރި އިރު އެ 23 ދުވަސް ތަންފީޒުކުރަން ޖެހޭ ކަމަށް އޮތުމުންނެވެ. ތަންފީޒުކުރަން ޖެހޭ މި މުއްދަތު އޮތް ކަން އެނގުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި ޖަލަށް ލާން ކުރި ހުކުމް ފަސްކޮށް، ފަރުވާއަށް ބަދަލުކޮށް މިނިވަންވިތާ ހަތް އަހަރު ވެފައި ވަނިކޮށެވެ.

ހުކުމުގެ ބާކީ 23 ދުވަހާ ހެދި، އަހަރުތަކެއް ފަހުން އޭނާއަށް އަދަބު ލިބި ދިރިއުޅުން ހުއްޓުމުން އޭނާ ވަނީ އިދާރާތަކުގައި ވެސް ޝަކުވާކޮށްފަ އެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ނިންމީ އޭނާގެ އަދަބު ލުއިކޮށްދޭށެވެ.

އިބްރާހިމް ރަޝީދު "މިހާރު"އަށް ބުނީ އޭނާގެ ހުކުމުގެ ބާކީ އޮތް 23 ދުވަހުގެ ތެރެއިން 20 ދުވަސް ތަންފީޒުކުރަން ނުޖެހޭ ގޮތަށް ހަދައި ކަރެކްޝަންސުން އެކަން އަންގާފައިވާ ކަމަށެވެ.

"ބާކީ ތިން ދުވަސް ކިހިނެއްތޯ ހަދާނީ އެހީމަ، އަޅުގަނޑު އެދުނީ ގޭބަންދުގައި ތަންފީޒުކުރަން. އެ 23 ދުވަސް ވެސް އަޅުގަނޑަށް ގިނައެއް ނޫން ޖަލުގައި ހޭދަކުރަން. އެކަމަކު އަދަބު ލުއިކޮށް އެހީމަ އެގޮތަށް ބުނީ،" އޭނާ ބުންޏެވެ.

އޭނާ މިއަދު ވެސް ކަންބޮޑުވުންފާޅުކުރީ އެ 23 ދުވަހާ ހެދި ދިރިއުޅުމުގައި ކުރިއަށްދާން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އެވެ.

"އަދަބު ލުއިކޮށްދިނަސް ފަސް އަހަރަށް ކުށުގެ ރެކޯޑުގައި އެކަން އޮންނާނެ. މިއީ އަޅުގަނޑަށް ވަޒީފާ ލިބުމުގައި ކުރިމަތިވާނެ އުނދަގުލެއް. އަޅުގަނޑު އަރަބި ޓީޗިން ޑިގްރީ މި ހަދަނީ ކުދިންނަށް ކިޔަވައިދޭންވެގެން،" އޭނާ ބުންޏެވެ.

ކުށުގެ ރެކޯޑެއް އޮއްވައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ތަންތަނުން ވަޒީފާ ދޭން ދެކޮޅު ހަދަ އެވެ.

އިބްރާހިމް ރަޝީދު ބުނީ މަސްތުވާތަކެތީގެ ފަރުވާ ފުރިހަމަކުރުމަށް ފަހު 2015 ގައި އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލި ފަހުން މިހާތަނަށް އެއްވެސް މައްސަލައެއްގައި އޭނާއާ ސުވާލުކޮށްފައި ނުވާ ކަމަށެވެ. އިސްލާހުވާން އަޒުމް ކަނޑައަޅައިގެން ކުރި މަސައްކަތުން ޖަލުން ނުކުމެވި ފަރުވާ ފުރިހަމަކުރި ފަހުން ވެސް މިހާތަނަށް އުޅުނީ ވަޒީފާ އަދާކޮށްގެން ކިޔެވުމުގައި ކަމަށް ބުންޏެވެ.

އިބްރާހިމް ރަޝީދަށް މިސްކިތުގެ ވަޒީފާ ހަމަޖެހުނީ ވަގުތީ މުވައްޒަފެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި މުއްދަތު ހަމަވެފައި ވަނިކޮށް އެ މަގާމަށް ދާއިމީ މީހަކު ހޯދަން އިއުލާންކުރުމުން ކުރިމަތިލުމުންނެވެ. ކުށުގެ ރެކޯޑް ސާފުކުރަން ކައުންސިލުން ފޮނުވީ ޕްރޮބޭޝަންގެ މުއްދަތުގެ ތެރޭގަ އެވެ.

އިބްރާހިމް ރަޝީދު ބުނީ މައިންބަފައިން ވަކިވެ ދިމާވި ގޮތުން މަސްތުވާތަކެތީގެ ތެރެއަށް އުމުރުން ނުވަ އަހަރުގައި ވަދެވި ކުށުގެ މާހައުލުން އަރައިނުގަނެވި އުޅުން ދުވަސްތަކުގެ މަތިން މިހާރު ހަނދާން ވެސް ކުރަން ބޭނުން ނުވާ ކަމަށެވެ. ހަޔާތުން ގެއްލުނު އެ ދުވަސްތަކާ މެދު އޭނާ ދެރަވެ އެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމާއި މާރާމަރީ އާއި ވައްކަންތަކަކީ އޭނާގެ ހިތްދަތި މާޒީ އެވެ.

މިކަންކަމާ ދުރުވެ، 2015 ގައި ޖަލުން މިނިވަންވީ ފަހުން އިބްރާހިމް ރަޝީދު އަންނަނީ ރަނގަޅު ދިރިއުޅުމަކަށް މަސައްކަތް ކުރަމުންނެވެ. ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އޭނާ އިސްލާހުވެއްޖެ ކަން ބަހާއި އަމަލުން އަންނަނީ ދައްކަމުންނެވެ.