އަންނަ މަހުން ފެށިގެން ހިޔާ ފްލެޓަށް ކުލި ދައްކަން ފަށަން ޖެހޭ
އަންނަ މަހުން ފެށިގެން ހިޔާ ފްލެޓަށް ކުލި ދައްކަން ފަށަން ޖެހޭ

ކުލި ދެއްކުން ހަތް މަސް ދުވަހަށް ފަސްކޮށްދީފައިވާ ހިޔާ ފްލެޓްތަކުގެ ކުލި އަންނަ މަހުުން ފެށިގެން ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އަންނަ މަހުން ފެށިގެން ހިޔާ ފްލެޓަށް ކުލި ދައްކަން ފަށަން ޖެހޭ
އަންނަ މަހުން ފެށިގެން ހިޔާ ފްލެޓަށް ކުލި ދައްކަން ފަށަން ޖެހޭ

ހިޔާ ފްލެޓްތަކުން މިދިޔަ ސެޕްޓެމްބަރުގައި ކުލި ނަގާ ގޮތަށް އޮތަސް އެ ތަންތަނުގެ ފިނިޝިން މަސައްކަތްކުރަމުން ކުލި ނެގުން ބުރަޔަކަށްވާނެ ކަމަށް ބުނެ ފްލެޓް ލިބުނު މީހުން ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ވަނީ ތިން މަސް ދުވަހަށް ކުލި ފަސްކޮށްދީފަ އެވެ. އޭގެ ފަހުން ޑިސެމްބަރުގެ ނިޔަލަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހެދި އެވެ.

އެވަރުން ވެސް ގިނަ ބަޔަކަށް ފްލެޓްގެ މަސައްކަތް ނިންމިފައި ނުވާތީ ސަރުކާރުން މިހާރު އޮތީ މިމަހުގެ ނިޔަލަށް ކުލި ފަސްކޮށްދީފަ އެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން އެޗްޑީސީން ބުނީ މިހާރު ނިންމާފައިވާ ނިންމުމަށް އަދި ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. އެހެންވެ އެތަންތަނަށް އޭޕްރީލް މަހުން ފެށިގެން ކުލި ދައްކަން ޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ކުލި ފަސްކޮށްދޭން ނިންމިކަން އިއުލާންކުރައްވައި ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތަކުގެ ފިނިޝިން ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސް ދުވަސް ފްލެޓްތަކުގެ ވެރިންނަށް ދޭން ނިންމީ ކަމަށެވެ. އަދި އެ މުއްދަތު ހަމަވާއިރު ގިނަ ބަޔަކު މަސައްކަތް ނިންމައި ފްލެޓްގައި ދިރިއުޅެން ފަށާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިހާރު 3،000 އެއްހާ އާއިލާ އުޅެމުން އަންނަ ހިޔާ ފްލެޓްތަކުން މަހު ކުއްޔަށް 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގަން ވަނީ ނިންމައިފަ އެވެ. އެ ކުލި ބޮޑު ކަމަށް ބުނެ ކުރީގެ ސަރުކާރުގައި ފްލެޓަށް ކަނޑައެޅި 5،600ރ. ކުއްޔަށް ނެގުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.