ރަޝިޔާއިން ޔޫކްރޭނަށް ކެމިކަލް ހަމަލާއެއް ދީފާނެ: އެމެރިކާ
ރަޝިޔާއިން ޔޫކްރޭނަށް ކެމިކަލް ހަމަލާއެއް ދީފާނެ: އެމެރިކާ

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ގޮސް، ނަތީޖާއެއް ނުނެރެވި ގިނަ ދުވަސް ވަމުންދާ ނަމަ، ޔޫކްރޭނަށް ކެމިކަލް ނުވަތަ ބަޔޮލޮޖިކަލް ހަތިޔާރުން، ރަޝިޔާ ސިފައިން ހަމަލާ ދީފާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރުގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ ރަޝިޔާ އެފަދަ ޖަރީމާއެއް ހިންގައިފާނެ ކަމަށް ފާރަވެރިވެ ތިބެންޖެހޭ ކަމަށެވެ. ޔޫކްރޭން ހަނގުރާމަ އިތުރަށް ވަރުގަދަވެ، ނުރައްކާތެރި ބާވަތްތަކުގެ ހަތިޔާރުތައް ރަޝިޔާ ސިފައިން ބޭނުންކުރަން ފަށައިފާނެ ކަމަށް، ވިލާތުގެ ގައުމުތަކުން ވެސް ވަނީ އިންޒާރުކޮށްފަ އެވެ.

ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި ޔޫކްރޭން ހަނގުރާމައާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ވިސްނުން، ކެމިކަލް ނުވަތަ ބަޔޮލޮޖިކަލް ހަތިޔާރާ ދިމާލަށް އަމާޒުވެދާނެ ކަމަށް ބަލަންޖެހޭ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، މިފަހުގެ ތާރީހުގައި ރަޝިޔާ ބައިވެރިވި ހަނގުރާމަތަކުގައި ރަޝިޔާ އިން އަމަލުކޮށްފައިވާ ގޮތެވެ.

އޭގެ ތެރެއިން ސީރިޔާގެ ދާހިލީ ހަނގުރާމައިގައި އެ ގައުމުގެ ސަރުކާރު ސިފައިންނަށް މަދަދު ދިނުމުގައި ރަޝިޔާ ސިފައިން ބައިވެރިވި އިރު، އިދިކޮޅު ހަނގުރާމަވެރިންނަށް ކެމިކަލް ހަތިޔާރުން ހަމަލާ ދީފައިވާ ކަމަށް ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރެ އެވެ.

އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާ އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި ދިން ހަމަލާތަކުގައި ތާމޯބެރިކް ރޮކެޓް ވެސް ބޭނުންކޮށްފައިވެ އެވެ. ތާމޯބެރިކް ރޮކެޓް (ވެކިއުމް ބޮން) އަކީ އޭތި އަމާޒުވާ ތަނެއްގެ ވަށައިގެން ހުންނަ އޮކްސިޖަންކޮޅު ވަގުތުން އޭގެ ތެރެއަށް ދަމައިގަނެ، ވަރަށް ހޫނު ގަދަ ގޮވުމެއް އުފައްދާ ބޮމެކެވެ.

ހުޅަނގުގެ ގައުމުތަކުން ރަޝިޔާ އަށް މި ތުހުމަތުތައް ކުރާއިރު، ރަޝިޔާ އިން ބުނެފައި ވަނީ ޔޫކްރޭނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިނގިރޭސި ވިލާތުގައި ހުންނަ ރަޝިޔާ އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުން، ޔޫކްރޭނުން ދާދި ފަހުން ފެނުނު ލިޔެކިޔުންތަކުގެ ތެރޭގައި، އެމެރިކާގެ ދިފާއީ ވުޒާރާގެ މާލީ އެހީތެރިކަމާ އެކު، ބަޔޮލޮޖިކަލް ހަތިޔާރުގެ ބައިތައް ޔޫކްރޭންގެ ލެބޯޓެރީތަކުގައި އުފައްދާފައިވާ ކަމުގެ ހެކި ވަނީ ލިބިފަ އެވެ.

އޭގެ އިތުރުން ޑާޓީ ބޮން އުފެއްދުމަށް ވެސް ޔޫކްރޭނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރަޝިޔާ އިން ތުހުމަތުކުރެ އެވެ. ޑާޓީ ބޮމަކީ، އާދައިގެ ބޮމުގެ ތެރެއަށް ރޭޑިއޯއެކްޓިވް މާއްދާތައް އަޅައި ބާރުގަދަކޮށްގެން އުފައްދާ ބޮމެކެވެ.

ނަމަވެސް ޔޫކްރޭނާއި އެމެރިކާ އިން މި ތުހުމަތުތައް ދޮގުކުރެ އެވެ. ހުޅަނގުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިފަދަ ދޮގު ވާހަކަތައް ރަޝިޔާ އިން ފަތުރަނީ، އެ ބަހަނާތަކުގެ ނިވަލުގައި ރަޝިޔާ އިން ޔޫކްރޭނަށް އެފަދަ ހަތިޔާރުތަކުން ހަމަލާއެއް ދިނުމަށް ރާވާފައިވާތީ އެވެ.