ޅަދަރިމައިންގެ ހޮސްޕިޓަލަކަށް ރަޝިޔާ އިން ބޮންއަޅައިފި
ޅަދަރިމައިންގެ ހޮސްޕިޓަލަކަށް ރަޝިޔާ އިން ބޮންއަޅައިފި

ޔޫކްރޭންގެ ދެކުނު ސަހަރެއް ކަމަށްވާ މަރިއުޕޯލްގައި ހުންނަ، ޅަދަރިމައިންނާއި ތުއްތު ކުދިންގެ ހޮސްޕިޓަލަކަށް، ރަޝިޔާ ސިފައިން ބޮން އަޅައި ހަލާކުކޮށްލައިފި ކަމަށް ޔޫކްރޭނުން ބުނެފި އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ރަޝިޔާގެ ވައިގެ ސިފައިން ބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން ހަލާކުވި ހޮސްޕިޓަލުގެ ދަށުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޅަދަރިމައިން ތާށިވެފައި އެބަ ތިއްބެވެ. އެ ހޮސްޕިޓަލަށް ލިބިފައިވާ ގެއްލުންތައް ފެންނަ ވީޑިއޯއަކާ އެކު ކުރެއްވި ޓުވީޓްގައި ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ އެ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށެވެ.

ޔޫކްރޭން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލަށް ރަޝިޔާ ސިފައިން ބޮން އެޅުމުގެ ސަބަބުން 17 މީހަކު ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރޭގައި އެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ތިބި ބައެއް އަންހެނުންނާއި ބައެއް މުވައްޒަފުން ވެސް ހިމެނެ އެވެ. ނަމަވެސް ކުޑަކުއްޖަކު ޒަހަމްވި ކަމަކަށް ނުބުނެ އެވެ.

އެ ހޮސްޕިޓަލަށް ބޮން އެޅުމުގެ ހާދިސާގައި އެއްވެސް މީހަކު މަރުނުވާ ކަމަށް، އެ ހޮސްޕިޓަލްގެ އިދާރާ އިން ބުނެ އެވެ. ނަމަވެސް ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ނަމަވެސް ރަޝިޔާ އިން ބުނި ގޮތުގައި ޔޫކްރޭންގައި ހުރި ތުއްތުކުދިންގެ ހޮސްޕިޓަލަކަށް ރަޝިޔާ ސިފައިން ބޮން އެޅި ކަމަށް ބުނާ ވާހަކައަކީ ދޮގެކެވެ. ސަބަބަކީ އެ ބުނާ ހޮސްޕިޓަލަކީ މީގެ ކުރިން ޅަދަރިމައިގެން ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރުމަށް ފަހު، ޔޫކްރޭން ސިފައިންގެ އިމާރާތެއްގެ ގޮތުގައި ބޭނުންކުރާތާ އެތައް އަހަރެއްވީ އިމާރާތެއް ކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ.

އދ. ގައި ހުންނަ ރަޝިޔާގެ ފަސްޓް ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޑިމިޓްރީ ޕޮލްޔަންސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާ ސިފައިން އިއްޔެ ބޮން އެޅި ކަމަށް ބުނާ، ތުއްތު ކުދިންގެ ހޮސްޕިޓަލުން ރަޝިޔާ ސިފައިންނަށް ހަމަލާތައް ދެމުން އަންނަ ކަމަށް، މިމަހުގެ 7 ވަނަ ދުވަހު ރަޝިޔާ އިން ވާނީ އާންމުކޮށްފަ އެވެ. އެހެންކަމުން އެއީ އަސްކަރީ އަމާޒެއް ކަމަށް ރަޝިޔާ އިން ދެކެ އެވެ.

ޔޫކްރޭންގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ހޮސްޕިޓަލް ހުންނަ ސަރަހައްދަށް ރަޝިޔާ ސިފައިން ހަމަލާތައް ދޭން ފެށީ، އެ ސަރަހައްދު ދޫކޮށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ރަޝިޔާ އިން ބުނެފައިވާ ވަގުތުގެ ތެރޭގަ އެވެ. މި ހާދިސާގައި، ހޮސްޕިޓަލުގެ ބޭރުގައި ހުރި ގިނަ އަދަދެއްގެ ކާރުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

"މިފަދަ ޒަމާނީ ދުނިޔެއެއްގައި ދިރިއުޅޭ އިރު، ތުއްތު ކުދިންގެ ހޮސްޕިޓަލަކަށް ބަޔަކު ބޮން އަޅަނީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ. އެވާހަކަ ބުނީމާ އެކަން ގަބޫލު ކުރަން ގިނަ މީހުންނަށް ދަތިވި،" މަރިއުޕޯލްގެ ޑެޕިއުޓީ މޭޔަރުސެރްހީ އޮރްލޯވް ވިދާޅުވި އެވެ.

ޔޫކްރޭންގެ ރައީސް ޒެލެންސްކީ، ކުރެއްވި ޓުވީޓްގައި ރަޝިޔާ ބަހުން ވާހަކަ ދައްކަވަމުން ވިދާޅުވީ ރަޝިޔާ މިހާރު ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށެވެ.

"ރަޝިޔާއަކީ މިއީ ކޮން ކަހަލަ ގައުމެއް. ޅަދަރިމައިންނާއި ތުއްތު ކުދިންގެ ހޮސްޕިޓަލްތައް ދެކެ ބިރުން ގޮސް އެތަންތަން ސުންނާފަތިކުރަން ފެށީތަ؟" އޭނާ ސުވާލު ކުރެއްވި އެވެ.

ރަޝިޔާ ސިފައިން މަރިއުޕޯލް ވަށައިގެން ހިސޯރުކޮށްގެން ތިބޭތާ މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ޔޫކްރޭންގެ ރެޑް ކްރޮސް ޖަމާއަތުގެ ތަރުޖަމާނު އޮލޭނާ ސްޓޮކޯޒް ވިދާޅުވި ގޮތުގައި މަރިއުޕޯލްގައި މިހާރު ކަރަންޓާއި ބޯފެނާއި ކާބޯތަކެއްޗެއް ވެސް ނެތެވެ.