20 ޑިސެމްބަރ 2016 - 15:51

ޕެރިސް (ޑިސެމްބަރު 20) - ކޮރަޕްޝަނުގެ މައްސަލައެއްގައި އިހުމާލް އޮތް ކަމަށް ނިންމާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓީން ލަގާޑީ ކުށްވެރިވާ ކަމަށް ފްރާންސްގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ފަނޑިޔާރުންނާއި ޕާލަމެންޓުގެ މެންބަރުން ހިމެނޭ ޚާއްސަ ކޯޓަކުން މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ 2008 ވަނަ އަހަރު ފްރާންސްގެ މާލީ ވަޒީރަކަށް އެކަމަނާ ހުންނެވި އިރު ވިޔަފާރިވެރިއެއް ކަމަށްވާ ބާނާޑް ޓަޕީ އަށް ވިޔަފާރީގެ މަންފާ ލިބޭ ގޮތަށް މަސައްކަތްކޮށްފައިވާކަން ސާބިތުވާ ކަމަށެވެ. ކުންފުންޏަކާ ދެކޮޅަށް ޓަޕީ ކުރި ދައުވާ އޭނާއާ އެއްކޮޅަށް ނިމި 429 މިލިއަން ޑޮލަރު ސަރުކާރުން އޭނާ އަށް ވަނީ ދޭން ޖެހިފަ އެވެ. ލަގާޑީ ކުށްވެރިވެފައި ވަނީ ޓެކްސް ދައްކާ މީހުންގެ އަތުން މިހާ ބޮޑު އަދަދެއްގެ ފައިސާ ދޭން ޖެހޭ އިރު އެ މައްސަލައާ ދެކޮޅަށް މަސައްކަތް ކޮށްފައި ނުވާތީ އެވެ.
މައްސަލާގައި ހުކުމް އިއްވި ޝަރީއަތުގައި ލަގާޑީ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަނާގެ ވަކީލް ވިދާޅުވީ ލަގާޑީ އުޅުއްވީ ވޮޝިންޓަނުގައި މަސައްކަތުގައި ކަމަށެވެ. ނަމަވެސް މިދިޔަ ހަފުތާގައި އޮތް ޝަރީއަތުގެ އަޑުއެހުމަކަށް އެކަމަނާ ވަޑައިގެންނެވި އެވެ. ލަގާޑީ ކުށްވެރިވި ނަމަވެސް އެކަމަނާ އަށް އެއްވެސް އަދަބެއް ކަނޑައަޅައިފައެއް ނުވެ އެވެ.
ލަގާޑީ އަކީ ގާނޫނީ ގޮތުން މައްސަލަތަކާ ކުރިމަތިލައްވަން ޖެހުނު އައިއެމްއެފްގެ ތިން ވަނަ މެނޭޖިން ޑިރެކްޓަރެވެ. އެކަމަނާގެ ކުރިން އެ މަގާމުގައި ހުންނެވި ޑޮމިނިކް ސްޓްރައުސް ހާން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވަން ޖެހުނީ ޖިންސީ ކޯނާކުރި މައްސަލަތަކަކާ ގުޅިގެންނެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވި ރޮޑްރިގޯ ރާޓޯގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ސްޕޭނުގައި މިހާރު ދަނީ ބަލަމުންނެވެ.