11 މާޗް 2022 - 07:15

މާވެލްގެ "ބްލެކް ޕެންތާ"ގެ ޑައިރެކްޓަރު ރާޔަން ކޫގްލާ އޭނާގެ އަމިއްލަ އެކައުންޓުން ފައިސާ ނަގަނިކޮށް އޭނާ އަކީ ވަގެއް ކަމަށް ހީކޮށް ހައްޔަރުކޮށްފި އެވެ.
ރާޔަން ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެޓްލެންޓާ ބޭންކަށް ގޮސް ފައިސާ ނަގަން އުޅެފަ އެވެ. ބޭންކަށް ގޮސް އޭނާގެ އަމިއްލަ އެކައުންޓުން 12،000 ޑޮލަރު ނަގަން އުޅެނިކޮށް ބޭންކުގައި މަސައްކަތް ކުރާ މީހަކު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ބޭންކުގައި މަސައްކަތް ކުރާ މީހާ ހީކުރީ ރާޔަން އަކީ ވައްކަން ކުރަން ބޭންކަށް ގޮސް އުޅުނު މީހެއް ކަމަށް ފުލުހަށް ހުށަހެޅި ރިޕޯޓުގައި ބުންޏެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ ރާޔަން ހައްޔަރު ވެސް ކޮށްފަ އެވެ.
"މި ކަމަކީ އެއްވެސް ހާލަތެއްގައި ވެގެން ނުވާނެ ކަމެއް،" ރާޔަން ބުންޏެވެ.
ކަޅު ނަސްލުގެ ރާޔަން އާ ދޭތެރޭގައި، ބޭންކަށް އޮޅިގެން ކަންތައް ކޮށްފައި ވަނީ އޭނާގެ ހަމުގެ ކުލަ އަށް ބަލައި އިތުރު ކަމަކާ ނުވިސްނައި ކަމަށް ބައެއް މީހުން ބުނެ އެވެ.
ނަމަވެސް ރާޔަން އެ ކަމަކަށް ވަކި ޖަވާބެއް ނުދެ އެވެ. އޭގެ ބަދަލުގައި ބޭންކުން ވަނީ އޭނާގެ ކިބައިން މަފާށް އެދި އެ މައްސަލަ ހައްލުކޮށްފައި ކަމަށް ބުނެފަ އެވެ.
މާވެލްގެ ހިޓް ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" 2018 ވަނަ އަހަރުގައި ރިލީޒްކުރި އިރު އެއަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވެ އެވެ. އެއާ އެކު އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ވެސް ރާޔަން އަންނަނީ ކުރަމުންނެވެ.