ވާޑީގެ ކަކުލަށް އަނިޔާވެ މުހިއްމު މެޗުތަކެއް ގެއްލެނީ
ވާޑީގެ ކަކުލަށް އަނިޔާވެ މުހިއްމު މެޗުތަކެއް ގެއްލެނީ

ލެސްޓާ (މާޗް 10) - އިނގިރޭސި ކްލަބް ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށްދާން ޖެހުމުން ލެސްޓާގެ މުހިއްމު މެޗުތަކެއް އޭނާ އަށް ގެއްލިއްޖެ އެވެ.

ވާޑީގެ ކަކުލަށް އަނިޔާވެ މުހިއްމު މެޗުތަކެއް ގެއްލެނީ
ވާޑީގެ ކަކުލަށް އަނިޔާވެ މުހިއްމު މެޗުތަކެއް ގެއްލެނީ

ލެސްޓާ އަށް މި ސީޒަނުގައި 12 ލަނޑު ޖަހައިދީފައިވާ ވާޑީގެ ކަކުލަށް އަނިޔާވީ މި ހަފްތާ ބަންދުގައި ލީޑްސް ޔުނައިޓެޑް އަތުން މޮޅުވި މެޗުގަ އެވެ. އެ މެޗަކީ މި އަހަރު ވާޑީ ކުޅުނު ފުރަތަމަ މެޗެވެ. އޭގެ ކުރިން ހޭމްސްޓްރިންގް މައްސަލައަކާ ގުޅިގެން ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ވާޑީ ހުރީ ކުޅުމާ ދުރުގަ އެވެ. ވާޑީގެ ހޭމްސްޓްރިންގަށް އަނިޔާވީ މިދިޔަ ޑިސެމްބަރު މަހު ލިވަޕޫލް އަތުން މޮޅުވި މެޗުގަ އެވެ.

"ވާޑީގެ ކަކުލަށް ވަނީ އަނިޔާވެފައި. އުންމީދު ކުރަނީ ކުރިޔަށް އޮތް ތިނެއް ނޫނީ ހަތަރު ހަފްތާ ތެރޭ ރަނގަޅު ވާނެ ކަމަށް،" ލެސްޓާގެ ކޯޗު ބްރެންޑެން ރޮޖާސް ބުންޏެވެ.

އަނިޔާގެ ސަބަބުން ވާޑީއަށް މިފަހަރު އެންމެ ފުރަތަމަ ގެއްލޭނީ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ފްރާންސްގެ ރެންސް އާ ދެކޮޅަށް މިރޭ ލެސްޓާ ކުޅޭ ފުރަތަމަ ލެގު މެޗެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި، ރެންސްއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގު މެޗު ވެސް ވާޑީ އަށް ގެއްލޭނެ އެވެ.

ލެސްޓާ ސިޓީ އަކީ މި ވަގުތު ކޮންފަރެންސް ލީގުގައި ކުޅޭ އިނގިރޭސި ހަމައެކަނި ކުލަބެވެ. ނަމަވެސް އެޓީމު ކޮންފަރެންސް ލީގު ކުޅެން ޖެހުނީ، ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގެ ތިންވަނައިގައި ނިންމަން ޖެހުމުންނެވެ. ގަދަ 16 އަށް ދަތުރުކުރީ ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ޑެންމާކުގެ ރެންޑާސް ބަލިކޮށްފަ އެވެ. ރެންޑާސްއާ ދެކޮޅަށް ކުޅުނު ޕްލޭއޮފް ދެ ލެގުގައި ވެސް ވާޑީ ކުޅެފައެއް ނުވެ އެވެ.

ސީޒަން ފެށިއިރު އިންގްލެންޑުން ކޮންފަރެންސް ލީގަށް ކޮލިފައިވީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ނަމަވެސް އެޓީމު ގުރޫޕް ސްޓޭޖުން ކެޓީ އެ ބުރުގެ ފަހު މެޗުގައި ރެންސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ކެންސަލް ކުރަން ޖެހުމުން، ގުރޫޕްގެ ތިންވަނައިގައި ނިންމައިގެންނެވެ. ގުރޫޕުގެ އެއްވަނައާ އެކު ރެންސް އަށް ގަދަ 16 އިން ސީދާ ޖާގައެއް ލިބުނެވެ.

މި ގުރޫޕުގެ ދެވަނައިގައި ނިންމި ނެދަލެންޑްސްގެ ވިޓޭސޭ އަށް ޖެހުނީ ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅޭށެވެ. ޕްލޭއޮފް ކާމިޔާބުކޮށް، ގަދަ 16 ގައި މިރޭ އެޓީމު ނުކުންނާނީ އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށެވެ.

ވާޑީގެ އިތުރުން ލެސްޓާގެ ޑިފެންޑަރު ވެސްލީ ފޮފާނާ އަށް ވެސް މިރޭގެ މެޗު ގެއްލޭނެ އެވެ. އޭނާ އަށް މެޗުގައި ނުކުޅެވެނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެންނެވެ. ފޮފާނާ ވަނީ މި ހަފްތާގައި، ލެސްޓާއާ އެކު އޭނާގެ ކޮންޓްރެކްޓް ވެސް 2027 ވަނަ އަހަރާ ހަމައަށް އާކޮށްފަ އެވެ.