އެސްއެމްއެސް ކަޕް ޕްރޮގްރެސިވް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި
އެސްއެމްއެސް ކަޕް ޕްރޮގްރެސިވް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި

ސޮސައިޓީ ފޮ މާމެންދޫ ސްޕޯޓްސް (އެސްއެމްއެސް) ގެ ފަރާތުން ގއ. މާމެންދޫ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި އެސްއެމްއެސް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޕްރޮގްރެސިވް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

އެ ޓީމު ޗެމްޕިއަންކަން ހޯދީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި މުސީފް އަބްދުލްގަފޫރު ކާމިޔާބުކުރި ލަނޑާ އެކު 3-2 އިން ކްލަބް ޕީކޭ ބަލިކޮށްގެންނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ހޮވުނީ ޕްރޮގްރެސިވް ސްޕޯޓްސް ކްލަބުގެ މުހައްމަދު ހާޝިމް، އަހުމަދު ޝަމީމް، ރާމިހް ރަމީޒް އަދި ކްލަބް ޕީކޭގެ އިބްރާހިމް ލަތީފް، އިބްރާހިމް ސަމީހް، އިހުސާން މުހައްމަދު އަދި މާމެންދޫ ޔަންގް ސްޓާސްގެ މުހައްމަދު އިމްތިޔާޒް އަހުމަދެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ޕްރޮގްރެސިވް ސްޕޯޓްސް ކްލަބް ހޮވުނުއިރު ފެއާޕްލޭ ކުޅުންތެރިޔަކީ އެ ޓީމުގެ އިބްރާހިމް ޝުހުރާބެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ މާމެންދޫ ޔަންގް ސްޓާސްގެ އިބްރާހިމް ހަސަން އެވެ. އަދި 18 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ އެފްސީ ކަދެމަލެގެ ނާއިފް ޝަރީފެވެ.

އެއް ވަނަ ގޯލްކީޕަރުގެ މަގާމް ޔަންގް ސްޓާސްގެ ސާޖިދު އަބްދުﷲ ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ މާމެންދޫ ޔަންގް ސްޓާސްގެ އައްސަދު އަބްދުﷲ އެވެ. އެންމެ ގިނަ ގޯލް ޖެހީ ޕީކޭގެ އިބްރާހިމް ސަމީހާއި މާމެންދޫ ޔަންގް ސްޓާސްގެ މުހައްމަދު އިމްތިޔާޒް އަހުމަދެވެ.

އެސްއެމްއެސްގެ އޮފިޝަލަކު ބުނީ މި މުބާރާތުގެ ބޭނުމަކީ ބޮޑު ޗުއްޓީގެ ތެރޭގައި ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުޓްބޯޅައިގެ ހުނަރު ތަރައްގީކުރުން ކަމަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 7000ރ. ހުށަހަޅައިފަ އެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. މީގެ އިތުރުން ސާފް ފިއުލް އިން ވެސް މުބާރާތަށް އެހީވެދެ އެވެ.