އާ މަހެއް ހޯދައި، ފިނިފެންމާގެ ނަމުން ނަން ދީފި
އާ މަހެއް ހޯދައި، ފިނިފެންމާގެ ނަމުން ނަން ދީފި

ރާއްޖެ އާއި ސްރީ ލަންކާގެ ފަރުތަކުގައި ދިރިއުޅޭ އާ މަހެއް ހޯދައި "ފިނިފެންމާ"ގެ ނަމުން ނަން ދީފި އެވެ.

މިއީ ދުނިޔެއިން އަލަށް ހޯދި މަހަކަށް ދިވެހި ނަމެއް ދިން ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް މެރީން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ބުނީ ރާއްޖެ އާއި ސްރީ ލަންކާ ސަރަހައްދުގެ ފަރުތަކުގެ ފުން ހިސާބަކުން ފެނިފައިވާ މި މަހަށް ދީފައިވާ ނަމަކީ "ސިރަހިލާބްރޫސް ފިނިފެންމާ" ކަމަށެވެ. އެ ނަން ދޭން ނިންމީ ރާއްޖޭގެ ގައުމީ މަލުގައި ހުންނަ ގޮތަށް ގަދަ ފިޔާތޮށި ކުލަަ އެ މަހުގައި ހުންނާތީ ކަމަށް އެމްއެމްއާރްއައި އިން ބުންޏެވެ.

މީގެ ކުރިން ވެސް އެ މަސް ފެނިފައިވާ ކަމަށާއި އެކަމަކު އަބަދުވެސް ހީވެފައި އޮންނަނީ އެއީ ޗާގޮސް އިން ފެންނަ އަދި އެކުއޭރިއަމް އިންޑަސްޓްރީގައި މަޝްހޫރު "ސީރިލާބްރޫސް ރުބްރިސްކުއާމިސް" ކަމަށް އިންސްޓިޓިއުޓުން ބުންޏެވެ.

އާ ދިރާސާތަކުގެ އަލީގައި އެ މަސް ދިރިއުޅޭ ސަރަހައްދުތަކާއި އުޅޭ ފުންމިން ވަނީ ހޯދައިފަ އެވެ.

"ފިނިފެންމާ ފެނިފައިވަނީ ރާއްޖެ އާއި ސްރީ ލަންކާގެ ފުން ފަރުތަކުން 40-70 މީޓަރު ފުން މިނުގައި،" އެ އިންސްޓިޓިއުޓް އިން ބުންޏެވެ.

އެ ހޯދުންތައް ދާދި ފަހުން އެކަޑަމީ އޮފް ސައިންސަސް، ޔުނިވާސިޓީ އޮފް ސިޑްނީ އާއި އޮސްޓްރޭލިއަން މިއުޒިއަމް ރިސާޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީ އަދި އެމްއެމްއާރްއައިއާ ގުޅިގެން ޒޫކީސްގައި ޝާއިއު ކޮށްފައިވާ ކަމަށް އެ އިންސްޓިޓިއުޓް އިން ބުންޏެވެ.

އެތަނުން ބުނި ގޮތުގައި ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސަސް އާއި ހޯޕް ފޮ ރީފްސް އިނީޝިއޭޓިވްއާ ގުޅިގެން ކުރާ މަސައްކަތުން އިތުރު އާ ހޯދުންތައް ހޯދޭނެ ކަމަށް އުންމީދުކުރެވެ އެވެ.