07 ޖޫން 2016 - 07:54

ކެއްކުމަކީ ފާތިމަތު ޚުރުޝިދާ އަށް އުނދަގޫ ކަމެއް ނޫނެވެ؛ ޚާއްސަކޮށް އަމިއްލަ އަށް އުފައްދައިގެން ކެއްކުމުގެ ތަޖުރިބާތައް ކުރުމަކީ އޭނާ އަބަދު ވެސް ކުރާ ހިތްވާ ކަމެކެވެ. އަދި އެ ތަޖުރިބާތައް އެހެން މީހުންނަށް ކިޔައިދިނުމަކީ ފާތިމަތު ޚުރުޝިދާ އެންމެ ލޯބި ކުރާ ކަންތަކެވެ.

އެހެންވެ "ރުމާ" ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައިގެން އޭނާ އަންނަނީ އޭނާގެ ޚާއްސަ ރެސިޕީތައް އާންމުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ. މިހާތަނަށް އޭނާ ވަނީ 300 އަށް ވުރެ ގިނަ ރެސިޕީ އާންމުންނަށް ފޯރުކޮށްދީފަ އެވެ. ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ؛ މި ހުރިހާ ރެސިޕީތަކުގެ ތެރޭގައި ގިނައީ މުޅިން ދިވެހި ރަހަތައް ކަމެވެ. އޭނާގެ ރެސިޕީތައް https://web.facebook.com/Rumaa-495764227208278/ އިން ލިބެން ހުންނާނެ އެވެ.
މި ރޯދަ މަހުގެ ތެރޭގައި ކޮންމެ ދުވަހަކު، "މިހާރު"ގެ ކިޔުންތެރިންގެ ބަދިގެ ފަޅުފިލުވާލަދޭނީ ޚުރުޝިދާގެ މުޅިން އާ އުފެއްދުންތަކުންނެވެ.
400 ގުރާމު ކުކުޅުމަސް (ބޯންލެސް، ކޮށައިފައި، މުށިކުލަ އަރަންދެން ތެއްލައިފައި)
1 ފިޔާ (ބޮޑު، މެދުން ފަޅައިފައި ބޮޑެތިކޮށް ކޮށައިފައި)
1 ސައިސަމުސާ ލޮނުމެދު (ގާނައިފައި)
½ ސައިސަމުސާ އިނގުރު (ގާނައިފައި)
2 ކެޕްސިކަމް (ކަރުގަނޑު ނަގައިފައި، ބޮޑެތިކޮށް ކައްޗަށް ކޮށައިފައި)
1 ޓޮމާޓޯ ފަޅި (ބޮޑެތިކޮށް ކޮށައިފައި)
3 މޭޒުމަތީސަމުސާ ޗިލީ ސޯސް (ލައިފް)
3 މޭޒުމަތީސަމުސާ ޓޮމާޓޯ ސޯސް (މެގީ)
1 މޭޒުމަތީސަމުސާ އޮއިސްޓާ ސޯސް (މެގީ)
1 ސައިސަމުސާ ސޯޔާ ސޯސް
2 ހިކިމިރުސް (ތެއްލައިފައި)
½ ސައިސަމުސާ އަސޭމިރުސް (މުގުރައިފައި)
⅓ ސައިސަމުސާ މިކްސްޑް ހާބްސް.
ހިކަނދިފަތް، ތެޔޮ، ލޮނު
އެންމެ ފުރަތަމަ، (ކޮށައިފައިވާ) ކުކުޅުކޮޅުގެ ތެރެއަށް ލޮނާއި، އަސޭމިރުސް އަޅައިފައި ދިހަ މިނެޓު ވަންދެން ބެހެއްޓުން. އޭގެ ފަހުން، މަޑު މުށިކުލަ އަރަންދެން ކުކުޅުކޮޅު ތެއްލުން.
ކުޑަ ތެޔޮފޮދެއްގައި ފިޔާކޮޅު މީރުކުރުން. ފިޔާކޮޅު ވަޅޯ ވީމައި، އިނގުރު، ލޮނުމެދު، ކެޕްސިކަމް އަޅައިފައި އެއްކޮށްލުން. އެއް މިނެޓު ފަހުން ޗިލީ ސޯސް، ޓޮމާޓޯ ސޯސް، އޮއިސްޓާ ސޯސް، ސޯޔާ ސޯސް، އަސޭމިރުސް އަޅައިފައި ބޮކިޖަހައި ކެކެން ފެށުމުން ކުކުޅު އެޅުން. (ބޭނުން ނަމަ މިކްސްޑް ހާބްސް އެޅުން) އެ އަށް ފަހު ޓޮމާޓޯ އާއި ތެއްލި ހިކިމިރުސް އަޅައިފައި ލޮނު ހެޔޮވަރުކުރުން. މަޑު ގިނީ ގައި ތިން މިނެޓު ވަންދެން ކައްކައިލުމަށް ފަހު ހިކަނދިފަތް އެޅުން.
ބޭނުން ނަމަ ސޯސް ގިނަ ކުރެވިދާނެ.
2 ޖޯޑު ރަތް މުގު (ރަނގަޅަށް ދޮވެފައި)
2 ޖޯޑު ހަކުރު
6 ޖޯޑު ފެން
½ ޖޯޑު ކާށިކިރު (އޮލަކޮށް)
½ ސައިސަމުސާ ފިނިފެން (ރޯސްވޯޓާ)
½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރާފައި)
ރާނބާފަތް
ފެނުގެ ތެރެއަށް މުގު އަޅާފައި މަޑުކުރަން އުދުން. މަޑުވީމަ ހަލަންޏަކަށް އަޅާފައި ފެންފޮދު ހުސްކޮށްލުން. މުގުކޮޅު ނަގާފައި ތެއްޔަކަށް އަޅާފައި އޭގެތެރެއަށް ހަކުރު އެޅުން. ރަނގަޅަށް ހަކުރު ވިރެންދެން އެއްކުރަމުން ކެއްކުން. ބޮނޑިބަތް ކުޑަކޮށް ހިކެން ފެށީމައި ކާށިކިރު، ފޮނިތޮށިކާފޫރުތޮޅި، ރާނބާފަތް، ފިނިފެން އެޅުމަށް ފަހު އެއްކޮށްލާފައި އުނދުން ނިއްވާލުމަށް ފަހު، ތެލީގެ މަތި ޖަހައިފައި، ދިހަ މިނެޓު ވަންދެން ބެހެއްޓުން.
ހޫނުކޮށް ނުވަތަ ފިނިކޮށްގެން ވެސް މި ބޮނޑިބަތް ވަރަށް މީރު ވާނެ.