09 މާޗް 2022 - 16:27

ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޗުއްޓީއެއް އެމްޕީއެލުން ރޭ ތައާރަފް ކޮށްފި އެވެ.
އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ހަފްލާގައި ތައާރަފް ކުރީ ހަތް ދުވަހުގެ ޗުއްޓީއެކެވެ. ޗުއްޓީގައި ހުންނައިރު ހުރިހާ އިނާޔަތްތަކެއް ވެސް ލިބޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ޗުއްޓީ ދޭން ޕޮލިސީއަށް ބަދަލު ގެނައީ ނަފްސާނީ ދުޅާހެޔޮކަމާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅިފައިވާތީ ކަމަށެވެ. ޗުއްޓީގެ ސަބަބުން މުވައްޒަފުންގެ ދިރިއުޅުމުގައި ދިމާވާ "ޓްރޯމާ"ތަކުން އަރައިގަތުމަށް އެހީވެ، މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީވާނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
ޗުއްޓީ ދިނުމުގައި އެމްޕީއެލުން ބަލާ ކަންކަމުގެ ތެރޭގައި ބަނޑުބޮޑުއިރު ބައިގެން ދިއުން ފަދަ ދިމާވާ ހިތާމަވެރި ހާދިސާތަކާއި މުވައްޒަފުންގެ ދަރިއެއް މަރުވުމާއި އަލިފާން ރޯވުމުގެ ސަބަބުން މުވައްޒަފަކު ވަގުތީ ހިޔާއަކަށް ބަދަލުވުން ފަދަ ހާލަތްތައް ވަނީ ހިމަނައިފަ އެވެ.