އިންތިހާބު ފަސްކުރަން އުޅޭނީ ބަލިވުމުން: އިންތި
އިންތިހާބު ފަސްކުރަން އުޅޭނީ ބަލިވުމުން: އިންތި

އިންތިހާބެއް ފަސްކުރަން ހިފާނީ އެހާތަނަށް އިންތިހާބުން ބަލިވުމުން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ރައްދު ދެއްވައިފި އެވެ.

ފަސް އަހަރުގެ ދައުރަކަށް އެމްޑީޕީގެ ޗެއާޕާސަނެއް އިންތިހާބު ކުރުމުގެ ވޯޓު ނަގާ ގޮތަށް ހަމަޖައްސާފައި އޮތީ އަންނަ މަހުގެ 16 އަށެވެ. މިއީ، ރޯދަ މަސް ތެރެއަށް ވުމުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެ ގައުމީ މަޖިލީހުން ގޮތެއް ނިންމަން ހުށަހެޅުއްވީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ޓީމުންނެވެ.

މި ހުށަހެޅުއްވުމާ މެދު ގޮތެއް ނިންމަން ބޭއްވި ގައުމީ މަޖިލީހުން ވަނީ މެއި 14 އަށް އިންތިހާބު ފަސްކޮށްފަ އެވެ. އިންތިހާބު ފަސްކުރުމަކީ ސައްހަ ކަމާ މެދު ސުވާލު އުފެދޭނެ، ވަރަށް ޕީޕީއެމް ޒާތުގެ ކަމެއް ކަމަށް އިންތިގެ ޓީމުން ހިތްހަމަނުޖެހުންފާޅުކުރަމުން ދަނިކޮށް އެގޮތަށް ފާސްކުރީ ގައުމީ މަޖިލީހުގެ 100 މެމްބަރުންގެ ވޯޓުންނެވެ. މިކަމާ ދެކޮޅުވީ 15 މެމްބަރުންނެވެ.

އިންތިހާބު ފަސްކުރުމާ އެކު އިންތި ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން އޮތްކަން ފާޅުކުރައްވައިފަ އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި އިންތި ވިދާޅުވި ގޮތުގައި އިންތިހާބު ލަސްކުރަން އޭނާ ބޭނުމެއް ނުވެ އެވެ. ކެމްޕޭންގައި، އޭނާއަށް ތާއީދުކުރާ ޕާޓީގެ އާއްމު މެމްބަރުން ވެސް ތިބީ އިންތިހާބު ފަސްކުރާ ގޮތަކަށް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ގޮވައިލެއްވީ ބަހަނާއެއް ނުދައްކައި ކުރީގެ ތާރީހުގައި އިންތިހާބު ބޭއްވުމަށެވެ.

އެ ވާހަކައަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރޯދަ މަހު އިންތިހާބެއް ބާއްވަން ޖެހުމަކީ އުނދަގޫވެގެން ލަސްކުރަން ޖެހޭ ސަބަބެއް ނޫން ކަަމަށެވެ. އިންތިހާބު ލަސްކުރުމަކީ އެ ޕާޓީގެ ކަމެއް ނޫން ކަމަށާއި އެއީ އިންތިހާބާ މެދު އިތުބާރު ވެސް ގެއްލޭނެ ކަމެއް ކަމަށެވެ.

"އެ ކަހަލަ ޕީޕީއެމް ކަންތައް މި ޕާޓީގެ ތެރޭގައި ނުފެށުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" އީވާ ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އިންތިޚާބުގެ ތާރީޚު ފުރަތަމަ ކަނޑައެޅި ޖަލްސާގައި ފައްޔާޒް ބައިވެރިވެ ވަޑައިގަތްއިރު އެއްވެސް މައްސަލައެއް އޭރު ފާހަގަ ކުރައްވާފައި ނުވާ ކަމަށެވެ. އަދި މިހާރު އިންތިޚާބު ފަސްކުރަން އުޅެނީ ގިނަ މެމްބަރުންގެ ތާއީދު އޮތީ އިންތިއަށް ކަން ފައްޔާޒަށް އެނގިވަޑައިގަތުމުން ކަމަށާއި އެގޮތަށް އަމަލު ކުރުމަކީ އެމްޑީޕީގެ ވިސްނުމާ ވަރަށް ދެކޮޅު ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ މެމްބަރުންގެ ވިސްނުން ހުރި ގޮތް ވަޒަން ކުރެވުނީމާ، އެނގިވަޑައިގަތީ އަދި ކަމަކު ދާކަށް ނެތޭ ލަސްނުކޮށް. އެކަމާ ހެދިގެން ކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ،" އިލްޔާސް ވިދާޅުވި އެވެ.