ސާފިން އާއި ވޮލީން ވެސް ޝަރޫފް ހުރީ އުންމީދުގައިި
ސާފިން އާއި ވޮލީން ވެސް ޝަރޫފް ހުރީ އުންމީދުގައިި

މިދިޔަ އަހަރު ބޭއްވި ފަރުމަންތާ ޗެލެންޖުގައި ވާދަކުރަން، ކ. ގުރައިދޫ ޒުވާން ރާޅާ އެޅުންތެރިޔާ ޝަރޫފް ޝާއިރު އެ މުބާރާތުގެ ކުރިން މާލެ އައީ މާލޭގެ ރާޅުގަނޑުގައި ޕްރެކްޓިސްކޮށްލައި ފަރިތަވެލުމުގެ ގޮތުންނެވެ. އެއީ އޭގެ ކުރިން ދުވަހަކު ވެސް މާލޭގެ ރާޅުގަނޑުގައި އޭނާ ރާޅެއްގައި އަޅައިފައި ނުވާތީ އެވެ.

ސާފިން އާއި ވޮލީން ވެސް ޝަރޫފް ހުރީ އުންމީދުގައިި
ސާފިން އާއި ވޮލީން ވެސް ޝަރޫފް ހުރީ އުންމީދުގައިި

އުމުރުން 10 އަހަރުގައި ރާޅާ އަޅަން ފެށި ނަމަވެސް އެހާ ތަނަށް ރަސްމީ އެއްވެސް މުބާރާތެއްގައި އޭނާ ވާދައެއް ނުކުރެ އެވެ. ރާޅުތަކުގެ ތެރެއަށް ކިތަންމެ ފަރިތަ ނަމަވެސް މުބާރާތެއްގައި އޮންނާނެ ޕްރެޝަރެއް އޭނާ އަށް ތަޖުރިބާ ނުކުރެވޭތީ މާލޭ ރާޅުގަނޑަށް ފަރިތަވުން އޭނާ އަށް މުހިންމުވި އެވެ. މުބާރާތް ފެށުމުގެ ދުވަސްކޮޅެއް ކުރިން މާލެ އަށް ކުރި ދަތުރުގައި ޝަރޫފް އަށް ދެވަނަ ކުޅިވަރަކުން ވެސް ދޮރު ހުޅުވުނެވެ. ލިބޭ ހުސް ވަގުތުތަކުގައި ހުޅުމާލޭގައި ހުންނަ ރެޑް ބުލް ކޯޓަށް ވޮލީ ކުޅެން އޭނާ ދިޔަ އެވެ.

ސާފިން އާއި ވޮލީން ވެސް ޝަރޫފް ހުރީ އުންމީދުގައިި
ސާފިން އާއި ވޮލީން ވެސް ޝަރޫފް ހުރީ އުންމީދުގައިި

"ރަށުގައި ވެސް ފޫހި ފިލުވައިލަން ވޮލީ ކުޅެން. ހުޅުމާލޭގައި ވެސް އެގޮތަށް ވޮލީ ކުޅެން ދިޔައީ. ވޮލީ ކުޅެން ގޮސް ރަށްޓެހި ކުދިންތަކެއް ބުނީ އެބައޮތޭ ޒުވާން ވޮލީ ޓީމެއް އެކުލަވާލަން ޓްރެޔަލްއެއް ހުޅުވާލާފައި. ފަހުން މަންމަ ވެސް ގުޅާފައި ބުނެފި ދާންވީނުހޭ ޓްރެޔަލް އަށް،" ޝަރޫފް ކިޔައި ދިނެވެ.

ވީއޭއެމްގެ ޔޫތު އެކްސެލެންސް ޕްރޮގްރާމެއް އެކުލަވައިލުމުގެ މަސައްކަތް ހަވާލު ކުރި ތަޖުރިބާކާރު ކޯޗް ފަތުހުﷲ ވަހީދު (ފައްލޯ) އާއި އޭނާގެ އެސިސްޓެންޓަކަށް ހަމަޖެއްސި ކުރީގެ ގައުމީ ކެޕްޓަން އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އަށް ޓްރެޔަލްގައި ޝަރޫފްގެ ކުޅުން ފާހަގަވި އެވެ.

"ފުރަތަމަ ދިޔައިރު ފައްލޯ ކޯޗަށް އަދި ލޯންގޭ ކޯޗަކަށް ވެސް ނޭނގޭނެ އަޅުގަނޑަކީ ސާފިންގައި ވެސް އުޅޭ މީހެއް ކަމެއް. އެކަމަކު ޓްރެޔަލްގައި ކުރިއަށް ދިޔަ ވަރަކަށް ދެން ކޯޗުންނަށް އެނގުނީ އަޅުގަނޑު ސާފިންގައި ވެސް އުޅޭކަން،" ޝަރޫފް، 17، ބުންޏެވެ.

"އެނގުނީމަ ވެސް ކޯޗުން ވަރަށް ސަޕޯޓިވް. ފަރުމަންތާ ޗެލެންޖުގައި ވާދަކުރަން ވެސް އަޅުގަނޑު ދިޔައީ ވެސް ކޯޗުން ރިލީޒް ދިނީމަ. އެއް މުބާރާތާއި އަނެއް މުބާރާތާ ފުށުއެރުމެއް ނާންނަ ނަމަ އެމްއެސްއޭ (ސާފިން އެސޯސިއޭޝަން) އިން ވެސް ކޮންސާން ފާހަގައެއް ނުކުރޭ."

ފަރުމަންތާ ޗެލެންޖުގައި ޖޫނިއާ ބައިން ދެވަނަ ހޯދައި ރަސްމީ ފުރަތަމަ މުބާރާތުގައި ޝަރޫފުގެ ފެށުން ރަނގަޅެވެ. ވާދަވެރިކަން ބޮޑުވި ގައުމީ މުބާރާތުގެ ސީނިއާ އަދި ޖޫނިއާ ބައިން ވެސް ކުއާޓާ ފައިނަލާ ހަމައަށް އޭނާ ދަތުރުކުރި އެވެ.

ގައުމީ ސާފިން ލީގުގެ ފުރަތަމަ މުބާރާތުގައި މިދިޔަ މަހު ގައްދޫގައި ބޭއްވި "ކަޅެގަލެކޮޑާ" ގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ޝަރޫފް ބުނި ގޮތުގައި ކުރިން އޭނާ ވާދަކުރި ދެ މުބާރާތަށް ވުރެ، "ކަޅެގަލެކޮޑާ" ގައި އޭނާގެ ޕާފޯމަންސް ރަނގަޅު ކަމަށް ސީނިއާ ސާފަރުން ވެސް ގަބޫލު ކުރެ އެވެ.

"ސީނިއާ ސާފާ ވެސް ފާހަގަ ކުރި ގައުމީ މުބާރާތަށް ވުރެ ވެސް އަޅުގަނޑުގެ ޓެކްނިކްތައް އިމްޕްރޫވް ވެއްޖެ ކަމަށް. އެގޮތަށް ފީޑްބެކްސް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކުރިއަށްދާން ވެސް ލިބޭ ހިތްވަރެއް،" އޭނާ ބުންޏެވެ.

ގައުމީ މުބާރާތަށް ފަހު ފުރަތަމަ ފަހަރަށް އެކުލަވައިލި ގައުމީ ސާފިން ޖޫނިއާ ޓީމުގައި ވެސް ހިމެނުނު ޝަރޫފް ގަބޫލު ކުރާ ގޮތުގައި ދެ ކުޅިވަރުގައި ވެސް ސީނިއާ ލެވަލް އަށް ދިއުމުން ކޮންމެ ވެސް އެއް ކުޅިވަރެއް އިހްތިޔާރު ކުރަން ޖެހޭނެ އެވެ.

"ވޮލީގައި ވެސް ޖޫނިއާ ޕޫލްގައި ހިމެނުނީމަ މި ވަގުތު ބޭނުން އޭގެއިން ވެސް ކުރިއަށް ދާން. އަނެއްކާ ސާފިންގައި ވެސް ޖޫނިއާ ގައުމީ ޓީމުގައި މި ހުރީ ފުރުސަތު އޮތިއްޔާ ދެ ކުޅިވަރުގައި ވެސް ކުރިއަށް ދާން،" ޝަރޫފް ބުންޏެވެ.

"އެކަމަކު މިހެން ބުނާއިރު ވެސް އެނގޭ ސީނިއާ ލެވެލް އަށް ދިޔައީމާ ކޮންމެވެސް އެއް ކުޅިވަރެއް ޗޫޒް ކުރަން ޖެހިދާނެކަން. އެކަމަަކު މި ވަގުތު އެކަމަކާ ނުވިސްނަން. މި ވަގުތު ބޭނުން ވަނީ ދެ ކުޅިވަރުގައި ވެސް އެންޖޯއިކޮށްލަން. އެކަމަށް ވަގުތު ޖެހުނީމަ އެކަން ނިންމާނަން."