ތަމްރީން ހެދުމަށް ރަފާ ޖަޕާނަށް
ތަމްރީން ހެދުމަށް ރަފާ ޖަޕާނަށް

އެންމެން ހައިރާންކޮށްލުމަށް ފަހު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި އުމުރުން 13 އަހަރުގެ އައިޝަތު ރަފާ ނާޒިމް އިތުރު ތަމްރީން ހެދުމަށް ޖަޕާނަށް ފުރައިފި އެވެ.

ރަފާ އަށް މި ފުރުސަތު ލިބުނީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ދާދި ފަހުން ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ކަމާބެހޭ ފަރާތްތަކާ އެކު ކުރެއްވި މަޝްވަރާތަކަަށް ފަހު އެވެ.

ރަފާ ތަމްރީން ހެދުމަށް ހަމަޖެހިފައިވަނީ ޖަޕާނުގެ މެއިޖީ ޔުނިވާސިޓީގަ އެވެ. ދޮޅުމަސް ދުވަހުގެ މި ތަމްރީން ދަތުރުގައި ފެންވަރު ރަނގަޅު ކޯޗުންގެ އިރުޝާދުގެ ދަށުން ޓްރެއިނިން ހެދުމުގެ އިތުރުން މެޗުތައް ކުޅެ ތަޖުރިބާ ވެސް ހޯދާނެ އެވެ. ޖަޕާނަކީ ދުނިޔޭގެ ޓޭބަލް ޓެނިހުގެ އެންމެ ކުރީގައި އޮތް އެއް ގައުމެވެ.

ރަފާ މި އަހަރުގެ ގައުމީ ތަށި ހޯދީ މިދިޔަ 13 އަހަރު ޗެމްޕިއަންކަން ހޯދި މުއީނާ މުހައްމަދު ބަލިކުރުމަށް ފަހު އެވެ.

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނި، ވިދަން ފެށި ރަފާ ވަނީ މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރާއްޖެ އަށް ރިހި މެޑަލް ވެސް ހޯދައިދީފަ އެވެ.