09 މާޗް 2022 - 10:50

ޕާސަނަލް ކޮމްޕިއުޓަރަކަށް މިހާތަނަށް އުފައްދާފައިވާ އެންމެ ވަރުގަދަ ޗިޕްސެޓާ އެކު އެޕަލް އިން އެ ކުންފުނީގެ އާ ހާޑްވެއާތައް ދައްކާލައިފި އެވެ.

އެޕަލް އިން "ޕީކް ޕަފޯމެންސް"ގެ ނަމުގައި ރޭ ބޭއްވި އިވެންޓުގައި އެ ކުންފުނީގެ އާ ޑިވައިސްތައް ވަނީ އިއުލާންކޮށްފަ އެވެ. ފޯނުން ފެށިގެން އާ ކޮމްޕިއުޓަ ޑިވައިސްތައް އެ އިވެންޓުގައި ދައްކާލާފައިވާ އިރު، މުޅި އިވެންޓުން އެންމެ ފާހަގަކޮށްލެވުނު އުފެއްދުމަކަށް ވީ އާ ޗިޕްސެޓް "އެމް1 އަލްޓްރާ" އެވެ.

މިދިޔަ އަހަރު އެޕަލް އިން ނެރުނު މެކްބުކްގައި ބޭނުންކުރި އެންމެ ވަރުގަދަ ޗިޕްސެޓް ކަމަށްވާ "އެމް1 މެކްސް"ގެ ދެ ޗިޕްސެޓް އެއްކޮށްލާފައިވާ "އެމް1 އަލްޓްރާ" އަކީ މިހާތަނަށް އުފައްދާފައިވާ ދުނިޔޭގެ އެންމެ ވަރުގަދަ ޗިޕްސެޓެވެ. އެޕަލް ސިލިކަން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ޗިޕަކީ ސީޕީޔޫ އަދި ޖީޕީޔޫ ވެސް ވަރަށް ވަރުގަދަކޮށް ހިމެނޭ ޗިޕެކެވެ.

އެ ޗިޕްގެ ވީޑިއޯ މެމަރީ ނުވަތަ ގްރެފިކްސް އަށް އެކަނި ވެސް 128 ގިގަބައިޓްސް އިނދެ އެވެ. އެއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ވީޑިއޯ މެމަރީއަކަށް ލިބިފައި ނުވާ ވަރުގެ ބޮޑު އަދަދެކެވެ.

ރޭގެ އިވެންޓްގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައީ އެ ކުންފުނީގެ މެކް މިނީ ޕީސީ އަޕްޑޭޓެއް ނުވަތަ އިތުރު ތަފާތު ޑިވައިސް އެއް ދައްކާލާނެ ކަމަށެވެ. އޭގެ ބަދަލުގައި މިފަހަރު ފެނުނީ ކުރީގެ ޑިވައިސްތަކަށް ވުރެ ވަރަށް ބޮޑަށް ވެސް ތަފާތު މެކް ޑިވައިސެކެވެ. މެކް މިނީގެ ބަދަލުގައި ދައްކާލީ މުޅިން އާ މެކް ސްޓޫޑިއޯ އެވެ. އެޕަލްގެ އެމް1 އަލްޓްރާ ޗިޕްސެޓް ބޭނުންކުރާ ފުރަތަމަ ޑިވައިސް އަކީ އެ މެކް ސްޓޫޑިއޯ އެވެ.

މެކް ސްޓޫޑިއޯ ގައި އެމް1 އަލްޓްރާ ބޭނުންކުރާތީ އެ ޑިވައިސްގެ ޑިޒައިން ވެސް ވަނީ ބޮޑުކޮށްފަ އެވެ. ބޮޑެތި ޗިޕްތައް ހޫނުވާ މިންވަރު އިތުރުވާނެތީ އެ ޑިވައިސްގައި ބޮޑެތި ފަންކާ ހަރުކޮށްފައިވެ އެވެ. މި ޑިވައިސް އަކީ އެންމެ ވަރުގަދަ މެކްބުކް އާއި މެކް ޕްރޯ އަށް ވުރެ އެތައް ގުނައެއް ވަރުގަދަ ޑިވައިސަކަށް ވާނެ ކަމަށް އެޕަލް އިން ބުނެ އެވެ.

އާ ޗިޕްސެޓާ އެކު ނެރޭ މެކް ސްޓޫޑިއޯ ވިއްކަން ފަށާ އަގަކީ 3،999 އެމެރިކާ ޑޮލަރެވެ. މި މަހުގެ 15ގައި އެ ޑިވައިސް މާކެޓަށް ނެރޭއިރު މިހާރު ޕްރީއޯޑާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

މެކް ސްޓޫޑިއޯ އާ އެކު ބޭނުންކުރަން އެންމެ އެކަށީގެންވާ ޑިވައިސް ވެސް އެޕަލް އިން ވަނީ ދައްކާލައިފަ އެވެ. އެޕަލް ސްޓޫޑިއޯ ޑިސްޕްލޭ އަކީ އެ ކުންފުނިން މިހާތަނަށް އުފައްދާފައިވާ އެންމެ ވަރުގަދަ ޑިސްޕްލޭ އެވެ. ޖުމްލަ 27 އިންޗީގެ ސްކްރީން ޑިސްޕްލޭ އަކީ 5ކޭ ރެޒޮލިއުޝަން ޑިސްޕްލޭއެކެވެ. މުޅިން އާ ވަރުގަދަ ވެބް ކެމެރާއެއް ހަރުކޮށްފައިވާ އެ ޑިސްޕްލޭގައި އެޕަލްގެ ސްޕޭޝަލް އޯޑިއޯގެ ހިދުމަތް ވެސް ހިމެނެ އެވެ.

މި ޑިވައިސް ވިއްކަން ފަށާ އަގަކީ 1،599 ޑޮލަރެވެ. އަދި ޑިސްޕްލޭ އަށް އަޕްގްރޭޑް ކުރެވޭ ސްޓޭންޑެއް ވެސް ހިމެނެ އެވެ. އެ ސްޓޭންޑް ވިއްކަނީ 400 ޑޮލަރަށެވެ. އެ ޑިވައިސް ވެސް މި މަހުގެ 15 ގައި މާކެޓަށް ނެރޭނެ އެވެ.
އެޕަލްގެ އައިޕެޑް ލައިނަޕްގެ މިޑްރޭންޖް ޑިވައިސް އައިޕެޑް އެއާގެ އާ ޑިވައިސް ވެސް ވަނީ ރޭގައި ދައްކާލައިފަ އެވެ. މިފަހަރުގެ ޑިވައިސްގެ އެންމެ ހާއްސަ ސިފައަކީ އެ ޑިވައިސްގައި އެޕަލްގެ ވަރުގަދަ ސިލިކަން ޗިޕް "އެމް1" ބޭނުންކޮށްފައިވުމެވެ. އެ ޗިޕަކީ އައިޕެޑް ޕްރޯ ޑިވައިސްތަކުގައި ވެސް ބޭނުންކޮށްފައިވާ ޗިޕެކެވެ. އެހެންވެ، އެ ޑިވައިސް އަކީ ޕްރޯ ޑިވައިސް އާ އެއްވަރަށް ވަރުގަދަ ޑިވައިސަކަށް ވާނެ ކަމުގެ ޔަގީންކަން އެޕަލް އިން ދެ އެވެ.
އެ ޑިވައިސް އަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ވިއްކަން ފަށާ އަގަކީ 599 ޑޮލަރެވެ. އަދި 5ޖީ ވެސް ހިމެނޭ ގޮތަށް ބައެއް ޑިވައިސްތައް ތައްޔާރުކޮށްފައިވާ އިރު ،އެ ވިއްކަން ފަށާ އަގަކީ 749 ޑޮލަރެވެ.
އެޕަލް އިން ނެރޭ އެންޓްރީ ލެވެލްގެ ފޯން ސީރީޒް އެސްއީގެ އާ ފޯން ވެސް ވަނީ އެ އިވެންޓުގައި ދައްކާލައިފަ އެވެ. ކުރީގެ ޑިޒައިން ހިމެނޭ އެ ކުޑަކުޑަ އައިފޯނަކީ ވަރަށް ވަރުގަދަ ފޯނެކެވެ. އެޕަލްގެ ޕްރޯ ޑިވައިސްތަކުގައި ބޭނުންކުރާ "އޭ15 ބަޔޯނިކް" ޗިޕްސެޓް އެ ފޯނުތަކުގައި ބޭނުންކުރެ އެވެ. އޭގެ އިތުރުން އާ އެސްއީ ފޯނުތަކުގައި 5ޖީގެ ހިދުމަތް ވެސް ހިމެނެ އެވެ. އެ ފޯނުތައް ވިއްކަން ފަށާ އަގަކީ 429 ޑޮލަރެވެ.
އައިފޯން އެސްއީގެ އިތުރުން އެޕަލް އިން މިދިޔަ އަހަރު ނެރުނު އައިފޯން 13 ސީރީޒްގެ ފޯނުތައް ވެސް އާ ކުލަތަކެއްގައި ވަނީ ދައްކާލައިފަ އެވެ. އައިފޯން 13 އަށާއި 13 ޕްރޯ ސީރީޒަށް ވަނީ ތަފާތު ދެ ފެހިކުލައެއް ދައްކާލައިފަ އެވެ. އެއީ އެލްޕައިން ފެހި ކުލަ އެވެ.
މި ހުރިހާ ޑިވައިސަކަށް ވެސް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މި މަހު 15 ގައި ހުރިހާ އެއްޗެއް މާކެޓަށް ނެރޭނެ އެވެ.