09 މާޗް 2022 - 08:24

އާދިއްތަ ދުވަހާ ގުޅޭ
ވީމާ، ހަގީގަތް ކިޔައިދީގެން ފަލީހަތްވާކަށް ހަސަން ބޭނުމެއް ނުވިއެވެ. ލިބުނު މޮޅައިގެން ފޮނި ވާހަކަދައްކައިފައި ފޯނު ބޭއްވީއެވެ. ތިމާ ބަހައްޓައިފައި ހުރީ ކިހާ ކަޅު އަނދިރިގަނޑެއްގައިކަމެއް ޖަނާނަކަށް ނޭނގެއެވެ. ދަރިން ދެކެ ޖަނާން ވަރަށް ލޯބިވެއެވެ. އެކަމަކު މީޒާ ދެކެ ލޯބިވި ސަބަބު ނެތިގެންދިޔައީއެވެ. އެއީ މީޒާގެ ގުނަވަންތަކަމާއި ދަންފުޅި ބައްޓަމެވެ. އެއީ ވާ ގޮތެކެވެ. ސިފަ ދެކެ ލޯބިވި ނަމަ، ސިފަޔަށް ބަދަލު އަންނަ ވަރަކަށް ލޯތްބަށް ވެސް ބަދަލު އަންނާނެއެވެ. ޖަނާން ބޭނުންވަނީ ހުރިހައި ކަމެއް ޖަނާނަށް ފަހިވާ ގޮތަށް ނިމޭށެވެ. ދަރިން ގާތުގައި މީޒާ ބަހައްޓައިފައި، ރީތި އެހެން އަންބެއް ހޯދައިފައި، ދެ އަނބިން ވެސް ދެ އެކުވެރިން ފަދައިން އެއް ގޭގައި އުޅޭށެވެ. ޖަނާންގެ ތިން އެކުވެރިން އެހެން އުޅެއެވެ. ވަކި ޖަނާނަށް ނޫޅެވެންވީ ކީއްވެގެން ހެއްޔެވެ؟ ހަގީގަތް ބެލި އިރު ތިން އެކުވެރިންގެ ވެސް ކާމިޔާބުގެ ފަހަތުގައި އޮތީ ފަންޑިތައެވެ. އެ ކަން ވެސް ޖަނާނަށް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ފައިސާ އެބަ ހުއްޓެވެ. ޖަނާނަށް އެހީތެރިވީ ވެސް، އެހެން އެކުވެރިންނަށް އެހީވި ފަންޑިތަވެރިޔާއެވެ. ކާމިޔާބު ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ޖަނާންގެ ވިސްނުމަކީ އެއީއެވެ.
"ދެން ކޮން އިރަކުން އަހަރުމެން މެރީކުރާނީ؟" މެހެރީން އެހިއެވެ.
ޖަނާނާއި މެހެރީން ތިބީ ޖަނާންގެ ކޮޓަރީގައެވެ. އެ ކަމަކާ ވެސް މީޒާ އަޅައެއްނުލައެވެ. ހޭ ވެސް އަހައިނުލައެވެ. ނީނަސް މެހެރީނަކީ ޖަނާންގެ އަންބެއް ގޮތުގައި މީޒާ ބަލައިގެންފައިވާ ކަހަލައެވެ.
"މީޒާ ގާތުގަ ސީދާ ތިހެން އަހަން ނުކެރިގެން އަދިވެސް މި އުޅެނީ،" ޖަވާބުގައި ޖަނާން ބުންޏެވެ. "މީޒާ އެއްބަސްވާނެކަން އަހަންނަށް މިހާރު ގެރެންޓީ. އެކަމަކު މީޒާގެ ޕޭރަންޓުން އެއްބަހެއް ނުވާނެ. އެ ވެސް ހަމަ ގެރެންޓީ. މީޒާ ފަހަރެއްގަ އެ ސައިޑު ނަގައިފިއްޔާ ވަރަށް ކަޑަވާނެ."
"އަހަރެން އަހަންތަ؟" މެހެރީން ބުންޏެވެ.
އެއީ ރަނގަޅު ހިޔާލެއް ހެއްޔެވެ؟ ޖަނާނަކަށް ހިޔެއްނުވެއެވެ.
"އަހަރެން އަހާނީ،" ޖަނާން ނިންމިއެވެ. "މާދަމައަކީ އަހަރުމެންގެ އެނިވާސަރީ. ޓައިމިން ވަރަށް ރަނގަޅު."
މީޒާއާއި ޖަނާން ރޭގަނޑު ނިދަން ތިބެގެން ދެކެވުނު ވާހަކަތަކުގައި ވެސް ގިނައީ މެހެރީންގެ ވާހަކައެވެ. މީޒާގެ ހިތުގައި މެހެރީނާ މެދު އުފެދިފައިވަނީ ހައިރާންވާ ވަރުގެ ވަރުގަދަ ލޯތްބެކެވެ. މެހެރީނާ ދެ އަންބަށް އިންނަ ވާހަކަ ބުނަން، އެތައް ފަހަރަކު ޖަނާން އަނގަ ހުޅުވި ވެސް މެއެވެ. މީޒާ އިންކާރު ނުކުރާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ. ވަރަށް ބޮޑު ވާހަކައެއް ބުނަން އެބަ އޮތޭ ވެސް ޖަނާނަށް ބުނެވުނެވެ. އެހެން ބުނެފައި ވެސް ފަހަށް ލަސްކޮށްލީއެވެ.
"މާދަމާ!" ޖަނާން ވަރަށް ހިނިއައިސްފައި ބުންޏެވެ. "އެއީ ހަމަ ސަޕްރައިޒެއް."
"އައި ލައިކް ސަޕްރައިޒް!" ލާނެތް ރާގަކަށް މީޒާ ބުންޏެވެ.
ޖަނާންގެ ހިތް ފޮތެއް ފަދައިން މީޒާ ކިޔައިލިއެވެ. ޖަނާން ބުނަން އެ އުޅެނީ ކީކޭކަން ވެސް މީޒާއަށް އެނގެއެވެ. އެހެނަސް މީޒާ ކުރަން އުޅެނީ ކީއްކަމެއް ޖަނާނަކަށް ނޭނގެއެވެ. ދަންވަރުގެ އަނދިރިކަން ދުނިޔެއަށް ތަންދިނީ، ވަރަށް ވެސް އަނދިރި ހާދިސާއަކަށް އުދަރެސް ބަނަކުރަމުންނެވެ.
"މީޒާ!" ޖަނާން ހަޅޭއްލަވައިގަތެވެ.
ސިއްސައިގެން ގޮސްފައި މީޒާ ހޭލިއެވެ. އޭރު ގަނޑިން ދުވާލު އަށެއް ޖަހައި ބޮޑުވެއްޖެއެވެ.
"ކިހިނެއްވީ؟" ވަރަށް ހައިރާންވެފައި މީޒާ އެހިއެވެ.
"ކިހިނެއްހޭ ވީ؟" ޖަނާން ރުޅިއައިސްފައި ބުންޏެވެ.
މީޒާގެ މުލައްދަނޑީގައި ހިފައިގެން ޖަނާން ދިޔައީ މެހެރީންގެ ކޮޓަރިއަށެވެ. އެ ކޮޓަރީގެ ދޮރު ހުރީ ހުޅުވައިފައެވެ. މެހެރީން ރޯން އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ. ވީ ކީއްހޭއެއް މީޒާ ނާހައެވެ. އަހާކަށް ނުޖެހެއެވެ. މީޒާ ގޮވައިގެން ޖަނާން އައިސް ކޮޓަރި ތެރެއަށް މީޒާ ކޮއްޕައިލިއެވެ. މެހެރީން އިނީ އެނދުގައި އިށީނދެގެންނެވެ. ކާޅުކައިފައި ހުރިހެން ކޮށައިފައި ހުރި މެހެރީންގެ އިސްތަށިގަނޑާއި، އިސްތަށިތައް ހާމައަށް ފެންނަން ހުއްޓެވެ.
"މީ ކޮން ގަޑިއެއް ބޯކޮށަން؟" މީޒާ އެހެން ބުނީ ލާނެތް ރާގަކަށެވެ. "އެހާ ލޯބި އިސްތަށިގަނޑެއް ކީއްކުރަން ކޮށާލީ؟ ޖަނާތަ އޭނަގެ ބޯކޮށީ؟"
ދުރާލައި މެހެރީންގެ ގާތް އެކުވެރިއަކަށް މީޒާ ބަދަލުވި ސަބަބާއި، ރުހުންދިންކަމަށް ހެދުނު ސަބަބު ވެސް ޖަނާނަށް ވިސްނުނީ ދެނެވެ. މީޒާގެ ބޭނުމަކީ އިތުބާރުހޯދުމެވެ. މީޒާޔާ ދޭތެރޭ އެކަކު ވެސް ޝައްކު ނުކުރުމެވެ. ޖަނާން ބުނަން އުޅުނީ ވަރަށް ހުތުރު އެއްޗެކެވެ. އެހެނަސް ރުޅިމަޑުކޮށްލައިފައި ބުނީ އެހެން އެއްޗެކެވެ.
"އެއީ ރޭގަ މީހަކު ގަތް ގަނޑެއް،" ޖަނާން ބުންޏެވެ. "އަހަންނަކީ ނިދީގަ ހިނގާ މީހެއް ނޫން."
"އެހެންތަ؟" މަލާމާތީ ރާގަކަށް މީޒާ ސުވާލުކުރިއެވެ. "އެކަމަކު އަހަންނަށް ދަންވަރު ހޭލެވޭ އިރު ޖަނާ އެނދަކު ނޯވޭ. ދެން ކޮން ތާކަށް ޖަނާ ދަނީ؟"
މީޒާ ގައިގަ ޖަހަން ޖަނާން އަތް އުފުލައިލި ވަގުތު މެހެރީން ހަޅޭއްލަވައިނުގަތް ނަމަ، ޖަނާންގެ އަތްފައިން ގޯހެއް ހެދުނީހެވެ. ޖަނާނަށް ފެނުނީ އެންމެ ހައްލެކެވެ. މީޒާ ވަރިކުރުމެވެ. އެ ތަނުން އެ ތަނަށެވެ. ޖަނާން ގާތަށް އައިސްފައި ހުރި ރުޅިގަނޑު ކޮންޓުރޯލުކުރާނެ އެހެން ގޮތެއް ޖަނާނަކަށް ނުވިސްނުނެވެ.
"މީޒާ ވަރިކޮށްފަ ތިހިރީ! ނުކުމޭ މި ގެއިން." ޖަނާން އަމުރުކުރިއެވެ.
އެ އަމުރު ތަންފީޒުކުރަން މެހެރީން ވެސް ބޭނުމެވެ. އެއަށް ވުރެ ކުޑަ އަދަބަކުން މެހެރީންގެ ހިތަކަށް ފިނިކަމެއް ނުލިބޭނެއެވެ. މެހެރީންގެ އިސްތަށިގަނޑަކީ މެހެރީންގެ ޝަރަފެކެވެ. ފަހުރެކެވެ. ވަރަށް ލޯބިން ބަލަހައްޓާ ހަތިޔާރެކެވެ. ޖަނާންގެ ހިތް އަތުލުމަށް ވެސް މެހެރީން ބޭނުންކުރީ އެ ހަތިޔާރެވެ.
ޖަނާން އެހާ ކުއްލި ގޮތަކަށް ވަރިކޮށްފާނެކަމަކަށް މީޒާ ހިޔެއްނުކުރެއެވެ. ވަގުތުން ހަފީޒާއަށް ގުޅިއެވެ. ހަފީޒާގެ ފައިދަށުން ބިންގަނޑެއް ނުދެމެއެވެ. އެ ދުވަހަށް ހަފީޒާ ތައްޔާރުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މެހެރީން އައުމާއި، މީޒާ އެ ކަން ސިއްރުކުރިކަން އެނގުނު ހިސާބުން، މީޒާގެ ކައިވެނި ދެމިއޮންނާނެކަމުގެ އުންމީދެއް ހަފީޒާއަކަށް ނެތެވެ. އާތިފުގެ ކަންފަތާއި ސިކުނޑި ވެސް ހަފީޒާ ދިޔައީ މަޑުމަޑުން ހާނުވަމުންނެވެ.
މީޒާ ބަލާ މީހަކު އަންނާކަށް މީޒާ ބޭނުމެއް ނޫނެވެ. އަތުގައި ކިތަންމެ އަންނައުނަކާއި އެހެނިހެން ސާމާނެއް ހުރި ނަމަވެސް މީޒާ ގެއަށް ގެނައީ، ކުޑަ ދެ ފޮށްޓެވެ. ކޮޓަރިއަށް ފޮށި ވެއްދުމުގައި އާތިފާއި ހަފީޒާ ވެސް އެހީވިއެވެ. އެކަމަކު ސުވާލެއް ނުކުރެއެވެ. ޝަކުވާއެއް ވެސް ނުކުރެއެވެ. ޖަނާންގެ އާއިލާއަކީ ވިޔާނުދާ ބައެއްކަމާއި، ހިސާބުގަނޑު އެންމެން ދެއްކި ވާހަކަތައް ހަފީޒާ ހަނދާން ހުއްޓެވެ. އެ ވާހަކަތައް އަޑުނޭހުނު މޮޔަ، ތޫނު ކަށިތަކެއްހެން މީޒާގެ ގަޔަށް ހެރެމުންދިޔައެވެ. ތަކުރާރުކޮށް މައިންބަފައިން ދިން ނަސޭހަތް މީޒާ އަޑުނޭހީއެވެ. މީޒާ ބޭނުންވި ހެކި އެކަކަށް ވެސް ސާބިތުނުކުރެވުނީމައެވެ. މައިންބަފައިން ދެއްކީ ބުހުތާނު ވާހަކައެއްހެން ހީވި ދަނޑިވަޅެއް ވެސް ދިޔައެވެ. އެހެންނަމަވެސް އާހިރުގައި މައިންބަފައިންގެ ބަސް ތެދަކަށްވެ، ހުރިހައި ދެރައެއް ލިބުނީ މީޒާއަށެވެ. ހަފީޒާއާއި އާތިފު ވެސް ދެކެވުނު ވާހަކަތައް ހަނދާން ހުއްޓެވެ. އެހެނަސް، ދަރިފުޅު އިތުރަށް ހިތުގަޖައްސަން އެ މީހުން ބޭނުން ނުވީއެވެ.
"މަންމަމެން ދެއްކި ވާހަކަ އަޑުއެހުނު ނަމަ.." އެހެން ނުބުނެ މީޒާއަކަށް ނުހުރެވުނެވެ. "އަޅެ އަހަރެން ކީއްވެތަ..."
"އެ ވާހަކަ ދެން ނުދައްކާ ދަރިފުޅާ!" އާތިފު ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "ދަރިފުޅަށް އޭރު ނުވިސްނުނީ. އެ ޖަމީލުމެންނަކީ... ދެން އެ ވާހަކަ ނުދައްކަމާ ހިނގާ. ދަރިފުޅު ބަނޑުހައިވެފަތަ ތިހިރީ؟"
"އަހަރެން އިހަށް ރެސްޓްކޮށްލާނީ." މީޒާ ބުންޏެވެ.
"ރަނގަޅު. ރެސްޓުކޮށްލާ،" އާތިފު ވަގުތުން އެއްބަސްވިއެވެ. "ހަފީޒާ ހިނގާ ނުކުންނަމާ."
މީޒާ ބޭނުންވި ގޮތަށް، އަކުރަކަށް ފިއްޔަކަށް ވެސް ބަދަލެއް ނުގެނެސް މަންމައާއި ބައްޕަ ކަންތައްކުރީތީ މީޒާ ވަރަށް ހިތްހަމަޖެހުނެވެ. ފިކުރުތައް ކުޑަވިއެވެ. ހިތާއި ސިކުނޑިއަށް ވަރަށް ލުއިވިއެވެ. އެ ދަނޑިވަޅު މަންމަ ޝަކުވާ ފޮށި ހުޅުވައިލި ނަމަ މީޒާ މޮޔަވީހެވެ. ވަރިކުރުމަށް ވުރެ މީޒާ ދެރަވަނީ ކުދިން ނުފެންނާތީއެވެ. ކުދިންނަށް ދެން ވާނެ ގޮތެއް ނޭނގޭތީއެވެ. ހުރިހައި ވެސް ހާސްކަމަކީ އެއީއެވެ. ކުދިންނަށް ޖަނާން ކުރާ ހަރަދެއް މީޒާއަކަށް ނުކުރެވޭނެއެވެ. އެއީ ވާނެކަމެއް ނޫނެވެ. ދެން ހިތަށްއެރިއެވެ. ދެއަންބަށް އިންނަން ޖަނާނަށް ރުހުންދީފައި ގޭގައި ހުރެވުނު ނަމައެވެ. އެ ގޮތް މާ ރަނގަޅުވީހެވެ. އޭނަ އުޅޭ ގޮތަކަށް އޭނަ އުޅެފާނެ ނޫން ހެއްޔެވެ؟ ދަރިންނާ އެކުގައި މީޒާ ވެސް އުޅުނީމައި ނިމުނީ ނޫން ހެއްޔެވެ؟ އެ ވަގުތު ޖަނާންގެ ފޯނެއް އައެވެ.
"ކީއްކުރަން މީނަ މި ގުޅަނީ؟" ހިތާހިތުން މީޒާއަށް ބުނެވުނެވެ.
ޖަނާން ގުޅައިފާނެ އެތައް ސަބަބެއް މީޒާއަށް ވިސްނުނެވެ. އިސްތަށިގަނޑު ބުރިކޮށްލީތީ މީޒާއަށް ދައުވާކުރަން މެހެރީން ބޭނުންވީ ހެއްޔެވެ؟ އެ ގެއަށް ވަނުން މީޒާއަށް މަނާކުރަނީ ހެއްޔެވެ؟ މެހެރީނާ އިންނަ ވާހަކަ ބުނެލަން ޖަނާން ބޭނުންވީ ހެއްޔެވެ؟ ކުދިން ނުބެލޭނެ ވާހަކައާއި، ހަރަދު ވެސް ނުދޭނެ ވާހަކަ ބުނަން އުޅެނީ ހެއްޔެވެ؟ މީޒާ އެކަނި ދެ ކުދިން ބަލާނީ ކިހިނެއް ހެއްޔެވެ؟ ފައްސި އެއްވެސް ވިސްނުމެއް މީޒާގެ ސިކުނޑިއަކަށް، އެ ވަގުތަކު ނައެވެ. މީޒާ ގަތީ ފާޑެއްގެ ބިރެކެވެ. ފޯނު ނަގާކަށް ނުކެރުނެވެ. އިރުކޮޅަކުން ފޯނު ކެނޑުނެވެ. ދެން އައީ މެސެޖެކެވެ. އޭގައި އޮތީ ޖަނާނަށް ގުޅުމަށެވެ. އެ ކަން ވެސް ކުރާކަށް، އެ ވަގުތަކު މީޒާއަކަށް ނުކެރުނެވެ.
ދެ ކުދިންނާ ވަކިން މީޒާ ހޭދަކުރަން ޖެހުނު ފުރަތަމަ ރެއެވެ. ހީވަނީ ގައިން ބައެއް މަދުހެންނެވެ. މީޒާއަކަށް އޮށޯވެގެނެއް ނޯވެއެވެ. އިށީނދެގެނެއް ނީނދެވެއެވެ. ހުއްޓިއެއް ނުހުރެވެއެވެ. ނުވަގަޑި ބައިވާން އުޅެނިކޮށް، އަނެއްކާ ވެސް ޖަނާން ގުޅިއެވެ. އެ ނަން ފެންނަ އިރަށް މީޒާގެ ހިތް ވަރަށް ބާރަށް ތެޅިގަނެއެވެ. އެކަމަކު މީޒާ ހިތަށްއެރިއެވެ. އެހާ ފިނޑިއެއް ނުވާނަމެވެ. މީޒާ ފޯނު ނެގިއެވެ. ޖަނާން އެތައް ފަހަރަކު ހަލޯކިޔުމުން ވެސް މީޒާ ޖަވާބެއް ނުދިނެވެ.
"ކިޔާބަލަ ތި ކިޔާ އެއްޗެއް،" މީޒާ ބުނެލިއެވެ. "އަޑުއިވެޔޭ!"
"ކުދިން ގެންދަން ބޭނުން؟" ޖަނާން އެހިއެވެ.
ނުނިމޭ