08 މާޗް 2022 - 20:54

ވަޒީފާގެ މާހައުލުގައި އަންހެނުން ބާރުވެރިކޮށް ދެ ޖިންސުގެ ހަމަހަމަކަން ގާއިމްކޮށް، ކުންފުނި ހިންގުމުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް އެމްޑަބްލިއުއެސްސީން "ޖެންޑަ މެއިންސްޓްރީމިން" ޕްލޭނެއް މިއަދު އެކުލަވާލައިފި އެވެ.
އެ ޕްލޭނުގެ ދަށުން އެމްޑަބްލިއުއެސްސީގައި އަންހެނުންނަށް ވަޒީފާގެ މައިދާނުގައި ކުރިއަށްދިއުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަންނާނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަންކަން ހައްލު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަންހެނުންނަށް ވަޒީފާގެ ދާއިރާގައި ހުރި ގިނަ ގޮންޖެހުންތަކެއް މިހާރު ވެސް ފާހަގަކުރެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އޭގެ ތެރޭގައި ޓެކްނިކަލް ދާއިރާގައި ފުރުސަތުތައް މަދުވުމާއި އަންހެނުން ބާރުވެރި ކުރުވުމުގައި ފިރިހެނުންގެ ދައުރު ނޭނގުމާއި ދެ ޖިންސުގެ މުވައްޒަފުންނަށް އެކަށީގެންވާ ގޮތަކަށް ވަޒީފާގެ މާހައުލު ބައްޓަން ކުރެވިފައި ނެތުމާއި އެ ކުންފުނީގެ މެނޭޖްމަންޓާއި މުހިންމު ކޮމިޓީތަކުގައި ދެ ޖިންސުގެ ދައުރު ހަމަހަމަ ކުރެވިފައި ނެތުން ހިމެނެ އެވެ.
އެ ކުންފުންޏަށް ފާހަގަ ކުރެވުނު ކަންކަން ހައްލު ކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ރާވާފަ އެވެ.
- ކުންފުނީގެ ކޮމިޓީތަކާއި ޓީމުތަކުގައި އަންހެން މުވައްޒަފަކު ހިމެނުން.
- ސީނިއާ މެނޭޖްމަންޓާއި ސުޕަވައިޒަ ލެވެލްގައި އަންހެނުން ހިމަނައި "ވުމަން އިން މެނޭޖްމަންޓް" ޕްރޮގްރާމެއް ހިންގުން.
- އަންހެން މުވައްޒަފުންނަށް ލީޑާޝިޕް ފުރުސަތު ހޯދައިދީ ޓްރެއިނިން ޕްރޮގްރާމްތައް ހިންގުން.
- މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކުރެވޭ ގާބިލިއްޔަތުކަން ހުރި އަންހެން މުވައްޒަފުންނަށް އެ ޓްރެއިނިން ދިނުން.
- އަންހެނުން ކުރިއެރުވުމަށް ފިރިހެނުންގެ ދައުރު އަންގައިދޭ ބައްދަލުވުންތަކެއް ބޭއްވުން.
- އަންހެނުންނަށް ހާއްސަ ތެކްނިކަލް އެޕްރެންޓިސް ޕްރޮގްރާމްތަކެއް ފެށުން.
- ކުންފުންޏަށް އަލަށް ވަންނަ އަންހެން މުވައްޒަފުންނާއި ތަޖުރިބާ ހުރި އަންހެން މުވައްޒަފުންނާ ޕާޓްނާކޮށް ކުންފުނީގެ މަސއްކަތްތަކަށް އަހުލުވެރިކުރުމަށް ފަސޭހަ ކުރުން.
- އޮފީސް މާހައުލުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ބޭނުން ކުރެވޭ ފާހާނާ ހެދުމާއި މަސައްކަތުގައި ބޭނުން ކުރާ އާލާތްތައް ދެ ޖިންދުގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެހެން ބަދަލު ކުރުން.