ވެކްސިން ޖެހި ޓޫރިސްޓުންނަށް އެޕްރީލް 1 ގައި މެލޭޝިޔާ ހުޅުވާލަނީ
ވެކްސިން ޖެހި ޓޫރިސްޓުންނަށް އެޕްރީލް 1 ގައި މެލޭޝިޔާ ހުޅުވާލަނީ

ކުއާލަ ލަމްޕޫރު (މާޗް 8) - ވެކްސިން ފުރިހަމަކޮށްފައިވާ ޓޫރިސްޓުންނަށް އަންނަ މަހު 1 އިން ފެށިގެން މެލޭޝިއާ ހުޅުވާލާ ގޮތަށް ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސައުތު އީސްޓް އޭޝިއާގެ ގައުމުގެ ބޯޑަރުތައް ބަންދުކުރީ މާޗް 2020 ގަ އެވެ. ނަމަވެސް އެ ގައުމަށް އެތެރެވުމަށް މިހާރު ބޭނުން ވަނީ ވެކްސިން ޖަހާފައިވާ ނަމަ ނެގެޓިވް ޕީސީއާރް ޓެސްޓެކެވެ.

"ސަރުކާރުން މިހާރު ނިންމާފައި ވަނީ އެޕްރީލް 1، 2022 އިން ފެށިގެން ބޯޑަރުތައް ހުޅުވާލަން،" މެލޭޝިއާގެ ބޮޑުވަޒީރު އިސްމާއިލް ސަބްރީ ވިދާޅުވި އެވެ. "މި ނިންމުގެ ސަބަބުން މެލޭޝިއާގެ އިގްތިސާދަށް ދިރުން ގެނެވި، ހީނަރުވެފައިވާ ޓޫރިޒަމް ސެކްޓަރު އަލުން ހިނގައިގަންނާނެ."

މެލޭޝިއާގެ ބޯޑަރުތައް ހުޅުވާލަން ނިންމިއިރު ފަހަކަށް އައިސް އެ ގައުމުން ކޮންމެ ދުވަހަކު ވެސް ދަނީ 25،000 އިން މަތިން ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންނެވެ.

މެލޭޝިއާ ހުޅުވާލާއިރު އަވަށްޓެރި ގައުމުތައް ކަމަށްވާ ސިންގަޕޫރު، ތައިލެންޑް އަދި ފިލިޕީންސް އިން ވެސް ދަނީ އެ ގައުމުތަކަށް އެތެރެވުމަށް ލުއިތައް ދެމުންނެވެ.

މެލޭޝިއާގެ ބޯޑަރުތައް ހުޅުވާލަން ނިންމުމާ އެކު އެ ގައުމުގެ ބަޖެޓް އެއާލައިން އެއާ އޭޝިއާ އިން ވަނީ ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ.

ވެކްސިން ޖަހާފައިވާ ޓޫރިސްޓުން މެލޭޝިއާ އަށް އެތެރެވުމަށް ފަހު ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. ނަމަވެސް އެ ގައުމަށް އެތެރެވުމުގެ ދެ ދުވަސްކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހޭނެ އެވެ. އޭގެ ފަހުން ގައުމަށް އެތެރެވާތާ 24 ގަޑިއިރު ތެރޭ އެންޓިޖެން ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

މެލޭޝިއާ އިން ވަނީ 3.6 މިލިއަން މީހުންނަށް ކޮވިޑް ޖެހި 33،000 މީހުން މަރުވެފަ އެވެ. އެ ގައުމުގެ 32 މިލިއަން މީހުންގެ އާބާދީގެ ތެރޭން 80 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.