08 މާޗް 2022 - 15:30

ދަރިން ގޮވައިގެން ގޮސް މަސައްކަތުގައި އުޅެވޭ ގޮތަށް ފޮރިން މިނިސްޓްރީގައި "ފެމިލީ ރޫމް" އެއް ގާއިމުކޮށް، އެ ތަން މިއަދު ހުޅުވައިފި އެވެ.
އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ ތަން ހުޅުއްވައި ދެއްވީ، އދ. ގެ މި ދައުރުގެ ރައީސްގެ މަގާމު ފުރުއްވާތީ އެމެރިކާގެ ނިއުޔޯކްގައި މިހާރު އުޅުއްވަމުން ގެންދަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ފޮރިން މިނިސްޓްރީގައި ފެމިލީ ރޫމެއް ގާއިމުކުރަން ޖެހުނީ މުވައްޒަފުންގެ އެދުމުގެ މަތިން ކަމަށެވެ. މަސައްކަތުގައި ގިނަ ވަގުތުތަކެއް އޮފީހުގައި ހޭދަކުރަން ޖެހޭތީ ކުދިންނަށް ވަގުތު ދިނުމަށް އެ މިނިސްޓްރީގެ މުވައްޒަފުންނަށް އުނދަގޫތަކެއް ކުރިމަތިވާތީ، އެ ދަތިތައް ލުއިކޮށްދޭން ފެމިލީ ރޫމެއް ގާއިމުކުރީ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ މުވައްޒަފުން ބުނީ ފެމިލީ ރޫމްގެ ސަބަބުން، އެ މިނިސްޓްރީގެ ރަސްމީ ގަޑީގެ އިތުރުން ވެސް މަސައްކަތްކުރަން ޖެހޭ ވަގުތުތަކުގައި ކުދިން ގޮވައިގެން ގޮސް މަސައްކަތުގައި އުޅެން ފަސޭހަވާނެ ކަމަށެވެ.
އެ ފެމިލީ ރޫމް ހަދާފައި ހުރީ ކުޑަކުދިންނާ ގުޅޭ ގޮތަކަށެވެ. އެތަނުގައި ކުޑަކުދިންނަށް ކުޅެ، ފޮތް ކިޔައި ކުރަހައި ހެދޭނެ އެވެ.