އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު ގަލް ގެޑޮޓްއާ އެކު
އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު ގަލް ގެޑޮޓްއާ އެކު

ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑްގެ މަސައްކަތް "ވޮންޑާ ވުމަން" ގެ ތަރި ގަލް ގެޑޮޓްއާ އެކު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އާލިއާ ހޮލީވުޑަށް ނިކުންނާނީ ކުޅަދާނަ ޓޮމް ހާޕާގެ ޑައިރެކްޓް ކުރާ "ހާޓް އޮފް ސްޓޯން" އިންނެވެ. އެއީ ސްޕައި ތްރިއްލާއެކެވެ.

އެ ފިލްމުގައި އާލިއާ އާއި ގަލް ގެޑޮޓްގެ އިތުރުން ޖޭމީ ޑޯނަން ވެސް ފެންނާނެ އެވެ. ހޮލީވުޑްގެ މަޝްހޫރު ތަރިންތަކަކާ އެކު އާލިއާ އަށް ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބުމުން އޭނާގެ ސަޕޯޓަރުން ތިބީ އުފަލުން ފޮޅިފަ އެވެ. އަދި އެ މަސައްކަތް ބަލާލަން ކެތްމަދުވެފަ އެވެ.

"ހާޓް އޮފް ސްޓޯން" އަކީ އެމެރިކާގެ ލިޔުންތެރިޔާ ގްރެގް ރުޗްކާ އާއި ސްކްރީން ރައިޓާ އެލިސަން ޝްރޯޑާ ތައްޔާރުކޮށްފައިވާ ސްކްރިޕްޓަކަށް ނެރޭ ފިލްމެކެވެ. އެ ފިލްމުގެ ވޯލްޑްވައިޑް ރައިޓްސް މިދިޔަ ޖެނުއަރީގައި ނެޓްފްލިކްސް އިން ގަނެފައި ވާތީ އެ ފިލްމު ނެރެނީ ނެޓްފްލިކްސް އިންނެވެ.

އާލިއާ ހޮލީވުޑަށް ނިކުންނަން ތައްޔާރުވެފައިވާ އިރު، އޭނާ ލީޑުން ފެންނަ "ގަންގޫބާއީ ކަތިއާވާޑީ" އަށް ފަހު އާލިއާ ހޮލީވުޑަށް ނިކުންނަން އުޅޭ ކަމުގެ އަޑުތައް ވެސް ގަދަވި އެވެ. މިދިޔަ މަހުގެ ފަހުކޮޅު ނެރުނު އެ ފިލްމަށް މުޅި ދުނިޔެ އިން ވެސް ބޮޑު ތަރުހީބެއް ނުލިބުނެވެ. މިހާތަނަށް އެ ފިލްމަށް 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އެއްޗެއް ލިބިފައިވެ އެވެ.

"ރާޒީ" ގެ ތަރި އާލިއާ ހޮލީވުޑްގެ މަސައްކަތްތަކަށް ދިޔަސް، ކުރިއަށް ވެސް އޭނާގެ ގިނަ ބޮލީވުޑްގެ މަސައްކަތްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ލޯބިވެރިޔާ ރަންބީރާ ކަޕޫރްއާ އެކު މަސައްކަތްކުރާ "ބްރަމަސްތްރާ" އަކީ ވެސް ހާއްސަ ފިލްމެކެވެ. އެއީ އެ ދެ ތަރިން އޮން ސްކްރީނުން އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. އަދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި "ޑާލިންސް" އާއި "ޖީ ލޭ ޒަރާ" އަކީ ވެސް އާލިއާގެ ކުރިއަށް ހުރި މަސައްކަތްތަކެވެ.

ބޮލީވުޑްގެ ތަރިންނަށް މިހާރު ވަރަށް ގިނައިން ހޮލީވުޑްގެ ފިލްމުތަކާއި ސީރީޒްތަކުން ފުރުސަތު ލިބެ އެވެ. ދީޕިކާ ޕަދުކޯން. ޕްރިންޔަންކާ ޗޯޕްރާ، އައިޝްވަރްޔާ ރާއީ ބައްޗަން، އިރްފާން ޚާން، އަނިލް ކަޕޫރް، އަނުޕާމް ކޭރް، ނަސީރުއްދީން ޝާހު، ފްރީދާ ޕިންޓޯ، އޯމް ޕޫރީ އަދި ގުލްޝަން ގްރޯވާ އަކީ ހޮލީވުޑްގައި މަސައްކަތް ކުރި ބޮލީވުޑްގެ ފަންނާނުންނެވެ.