08 މާޗް 2022 - 15:34

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މާދަމާ ރޭ އިމަޖެންސީ ޑްރިލްއެއް ބާއްވަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ތައްޔާރު ވެއްޖެ އެވެ.

އެ ހަރަކާތް ހިންގަން ނިންމާފައިވަނީ މާދަމާ ރޭ 8-10 އާ ދެމެދުގަ އެވެ. އެ ވަގުތު އެއާޕޯޓު އާއްމުންނަށް ބަންދުވާނެ އެވެ.
އެއީ ހާދިސާއެއް ދިމާވާ ހާލަތެއްގައި، އެއާޕޯޓުގައި މަސައްކަތް ކުރާ އެކި ތަންތަނުގެ މީހުން ކަންތައް ކުރަންޖެހޭނެ ގޮތުގެ ތަމްރީނު ދިނުމަށް ބާއްވާ މަޖުބޫރު ހަރަކާތެކެވެ. އެ ހަރަކާތުގައި 200 މީހުން ބައިވެރިވާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.
އެ ހަރަކާތުގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި އެއާޕޯޓް ސެކިއުރިޓީ އާއި އިމިގްރޭޝަނާއި ކަސްޓަމްސް އާއި ހަނިމާދޫ ހެލްތު ސެންޓަރާއި ހަނިމާދޫ ކައުންސިލް އަދި އައިލެންޑް އޭވިއޭޝަނުން ހިމެނެ އެވެ.
މިއީ މިފަދަ ހަރަކާތެއް ރޭގަނޑުގެ ވަގުތު ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. ރޭގަނޑު މި ހަރަކާތް ބާއްވަން ނިންމީ ކޮންމެ ވަގުތަކު ވެސް ހާދިސާއެއް ހިނގާފާނެތީ އެ ކަމަށް ތައްޔާރުވެ ތިބަށް ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެ އެވެ.