20 ޑިސެމްބަރ 2016 - 13:29

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ސައިފް އަލީ ޚާނަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ. ކަރީނާ ވިހެއީ މުމްބައިގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގަ އެވެ.
ކަރީނާ އާއި ސައިފްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ދަރިފުޅަށް ނަން ވެސް ކިޔައިފި ކަމަށާއި ނަމަކީ ތައިމޫރް އަލީ ޚާން ޕަތައުޑީ ކަމަށެވެ.
އިންޑިއަން އެކްސްޕްރެސް އަށް ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު ބުނި ގޮތުގައި ކަރީނާ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅެވެ. އަދި ދެ ފަރާތުގެ އާއިލާގެ އެންމެން މިވަގުތު ހޮސްޕިޓަލުގައި އެބަތިބި ކަމަށާއި އެންމެންނަށް ވެސް ލިބިފައި ވަނީ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.
ކަރީނާ ބުނި ގޮތުގައި ވިހައިގެން މާ ގިނަ ދުވަސްތަކެއް ނުވެ ފިލްމު ކުޅެން ވެސް ފަށާނެ އެވެ.
ކަރީނާ މިހާރު ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ނުނިމި އޮތީ ހަމައެކަނި "ވީރް ދީ ވެޑިން" އެވެ. ސޯނަމް ކަޕޫރާ އެކު އޭނާ ކުޅޭ މި ފިލްމު ލަސްކުރީ ވެސް ވިހާ ގަދަވަންދެންނެވެ.