08 މާޗް 2022 - 10:42

މާލެ އިން ޓެކްސީއަކަށް އެރި އަންހެނަކު ގަދަކަމުން ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ގެންގޮސް އޭނާ އަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓެކްސީ ޑްރައިވަރު ތިން ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ހުއްދަ ދީފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހުޅުމާލޭ ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް އެ ކޯޓުން ތިން ދުވަސް ދީފައިވާ ކަމަށެވެ.
އުމުރުން 20 އަހަރުގެ ދިވެހި އަންހެނެއްގެ ނުރުހުމުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ގެންގޮސް އޭނާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ރިޕޯޓް ކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އަންހެންމީހާ ޓެކްސީ އަށް އެރީ ހެންވޭރުގައި ހުރި ގެއަކުން މާފަންނުގައި ހުރި ގެއަކަށް ދިއުމަށެވެ. އޭނާ ޓެކްސީ އަށް އެރުމާ އެކު، އޭގައި އިން ޑްރައިވަރު ޓެކްސީގެ ހުރިހާ ދޮރެއް ތަޅުލުމަށް ފަހު، ގަދަކަމުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބީޗަށް ގެންދިޔަ އެވެ.
ބަޔަކު އެ ޓެކްސީ ޑްރައިވަރު އަތުލައިގަތް ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.