20 ޑިސެމްބަރ 2016 - 13:02

ތޭރަ ވަނަ ސައުތު އޭޝިއަން ގޭމްސް 2019 ވަނަ އަހަރުގެ މާޗު މަހު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބާއްވަން އަދި ސައުތު އޭޝިއަން އޭޝިއަން އޮލިމްޕިކް ކައުންސިލްގެ ދާއިމީ އޮފީހެއް އެ ސިޓީގައި ގާއިމްކުރަން ނިންމައިފި އެވެ.
މީގެ 35 އަހަރުކުރިން 1981 ވަނަ އަހަރު އުފެދި ސައުތު އޭޝިއަން ފެޑެރޭޝަން (ސާފް) ގެ ނަން ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އަށް ބަދަލުކޮށްފައިވާއިރު އެ ޖަމިއްޔާގެ ފުރަތަމަ ބައްދަލުވުން ކަތުމަންޑޫގައި މިމަހު ކުރީކޮޅު ވަނީ ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި އެއްބަސްވެފައިވަނީ 2019 ވަނަ އަހަރުގެ މާޗު 9-18 އަށް 13 ވަނަ ސައުތު އޭޝިއަން ގޭމްސް ކަތުމަންޑޫގައި ބާއްވާށެވެ.
"މި މައްސަލައާ ބެހޭގޮތުން އަހަރެމެން ވަރަށް ގިނަ ވަގުތު މަޝްވަރާކުރުމަށް ފަހު އެންމެ ފަހުން އެއްބަސްވުމަކަށް އައީ 2019 ވަނަ އަހަރުގެ މާޗު މަހު ގޭމްސް ބާއްވަން،" ނޭޕާލް އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އެސްއޭއޯސީގެ އާ ޗެއާމަން ޖީވަން ރާމް ޝްރެސްތާ ވިދާޅުވި އެވެ.
ނޭޕާލުން މަސައްކަތްކުރަމުން އަންނަނީ މަދުވެގެން 25 ކުޅިވަރު ހިމެނޭ ގޭމްސްއެއް ބޭއްވުމަށެވެ. އެކަމަކު ނޭޕާލަށް މިދިޔަ އަހަރު އައި ބިންހެލުމާ ގުޅިގެން ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ހަލާކުވެފައިވާތީ، ގޭމްސްގައި ހިމަނާނެ ކުޅިވަރުގެ އަދަދު ފައިނަލްކުރާނީ ސަރުކާރާ މަޝްވަރާކޮށް ކަންކަން ނިމުމުން ކަމަށް ޝްރެސްތާ ވިދާޅުވި އެވެ.
"އަހަރެމެންގެ ހުށަހެޅުމަށް ސަރުކާރުން މިހާރު ވެސް އާނ ބަސް ބުނެފައިވަނީ އަދި މިކަމަށް ބަޖެޓް ވެސް ކަނޑައަޅާފައިވަނީ. ބޮޑުވަޒީރުގެ ބެއްލެވުމުގެ ދަށުން މޮނިޓަރިން އަދި އިންސްޓްރަކްޝަން ކޮމިޓީއެއް ވަނީ ގާއިމްކުރެވިފައި. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ ބެއްލެވުމުގެ ދަށުން ޕްރިޕަރޭޝަން ކޮމިޓީއެއްގެ މަސައްކަތް ވަނީ ފެށިފައި،" ޝްރެސްތާ ވިދާޅުވި އެވެ.
ނޭޕާލުގެ ކުޅިވަރާ ބެހޭ ވަޒީރު ވެސް ވަނީ ކަނޑައެޅިފައިވާ ތާރީހަށް ގޭމްސް ބާއްވަން ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މިއީ ހަމައެކަނި ލިބުނު ފުރުސަތެއް ނޫން. މިއީ އަހަރެމެންގެ ޝަރަފާ ގުޅުން ހުރި ކަމެއް. ގޭމްސް ތާރީހަށް ބާއްވަން ސަރުކާރުން މަސައްކަތްކުރާނެ،" ވަޒީރު ވިދާޅުވި އެވެ.
ގޭމްސްގެ ތާރީހު ފައިނަލްކުރި އިރު މެމްބަރު ގައުމުތަކުން އަންނަނީ ޖަމިއްޔާގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސް ހިންގުން ހަރުދަނާކުރަން މަސައްކަތްކުރަމުންނެވެ. އެގޮތުން ގޭމްސްތައް ތާރީހަށް ބޭއްވުމަށާއި ޖަމިއްޔާގެ މެމްބަރުންނަކީ އިންތިހާބީ ބަޔަކަށް ހެދުމަށް ވަނީ ހުށަހަޅައިފަ އެވެ.
ބޫޓާނުގައި އަންނަ އަހަރު ބާއްވާ ބައްދަލުވުމުގައި އެކަންކަމާ މަޝްވަރާކުރަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން މި ޖަމިއްޔާ ދޫކޮށް ސެންޓްރަލް އޭޝިއާއާ ގުޅެން ނިންމާފައިވާ އަފްގާނިސްތާނުގެ ވަކިވުމާ ގުޅޭގޮތުން ވެސް ގޮތެއް ނިންމާނެ އެވެ.
ޖަމިއްޔާގެ ހެޑްކުއާޓާޒް ކަތުމަންޑޫގައި ގާއިމްކުރަން ނިންމާފައިވާއިރު މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވެސް މެމްބަރުން ސިފަކުރި އެވެ. މީގެ ސަބަބުން ޖަމިއްޔާގެ މަސައްކަތްތައް އިތުރުކޮށް ހަލުވިވެގެންދާނެ ކަމަށް މެމްބަރުން ގަބޫލުކުރެ އެވެ.
"ހެޑްކުއާޓާޒް ގާއިމްކުރުމާ އެކު ކުޅިވަރުގެ މަންޒިލަކަށް ނޭޕާލް ވެގެންދާނެތީ އެކަމާ ވެސް އަހަރެމެން އުފާކުރަން،" ޝްރެސްތާ ވިދާޅުވި އެވެ.
ސައުތު އޭޝިއަން ގޭމްސް ތާރީހަށް ނުބޭއްވޭތީ އެތުލީޓުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އެގޮތުން 2010 ވަނަ އަހަރު ބަންގްލަދޭޝްގައި ގޭމްސް ބޭއްވުމަށް ފަހު އިތުރު ގޭމްސް އެއް ބޭއްވިފައިވަނީ ހަ އަހަރު ފަހުން މި އަހަރުގެ ކުރީކޮޅު އިންޑިއާގަ އެވެ. ގޭމްސް ބާއްވަން ފަސް ފަހަރެއްގެ މަތިން ތާރީހު ކަނޑައެޅި ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ފަސްވީ އެވެ.
ދެން އަންނަ ގޭމްސް ބޭއްވުމަށް ހަަމަޖެހިފައިވާ ކަތުމަންޑޫގައި ވަނީ މީގެ ކުރިން 1984 އަދި 1999 ވަނަ އަހަރު ގޭމްސް ބާއްވައިފަ އެވެ.