ޝޯން އާއި ކަމިލާ ރުޅިވި ސަބަބު އެނގިއްޖެ
ޝޯން އާއި ކަމިލާ ރުޅިވި ސަބަބު އެނގިއްޖެ

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ޝޯން މެންޑޭޒް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމިލާ ކެބޭޔޯ ހަގީގަތުގައި ރުޅިވި ސަބަބު ކަމިލާ އެންމެ ފަހުން ހާމަކޮށްފި އެވެ.

ރައްޓެހިވެގެން ދެ އަހަރަށް ވުރެ ގިނަ ދުވަހު އުޅުމަށްފަހު ކަމިލާ އާއި ޝޯންގެ ގުޅުން ނިންމާލި ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެ ދެ މީހުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ. ނަމަވެސް އެ ދެމީހުން ސީދާ ރުޅިވި ސަބަބެއް އޭރު ހާމަކޮށްފައެއް ނުވެ އެވެ.

މި ހަފުތާގައި މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ކަމިލާ ބުނީ އެ ދެ މީހުންގެ އުމުރު މައްޗަށް ދިޔަވަރަކަށް، ދެ މީހުންގެ ލައިފް ގޯލްސްތައް ބަދަލުވާން ފެށި ކަމަށެވެ. އަދި އެއާ އެކު އެ ދެ މީހުންގެ މެދުގައި އޮތް ގުޅުމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަން އެނގުނު ކަމަށް ވެސް ބުންޏެވެ.

ޝޯންއާ ރައްޓެހިވެގެން އުޅުނު ދުވަސްވަރަކީ ވަރަށް ޑިޕްރެސިން ދުވަސްތަކެއް ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ތެރަޕީ އަށް ވެސް ދިޔަ ކަމަށް ބުންޏެވެ.

ޝޯން އާ ރުޅިވީ ކަމިލާ ކަމަށާއި އެއީ އެކީގައި ނިންމި ނިންމުމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު އަދިވެސް ޝޯން އަށް ވަރަށް އިހުތިރާމުކުރާ ކަމަށާއި އެކުވެރިކަން އޮންނަ ކަމަށް ވެސް ބުންޏެވެ.

ޝޯން އާއި ކަމިލާ ރައްޓެހިވެގެން އުޅޭ ކަމުގެ ވާހަކަތަކެއް ފެތުރެން ފެށީ 2015 ވަނަ އަހަރުގަ އެވެ. ނަމަވެސް ދެ މީހުން އެކަން ކަށަވަރު ކޮށްދިނީ 2019 ގަ އެވެ.