21 ޑިސެމްބަރ 2016 - 06:27

ރިތިކް ރޯޝަން އާއި ޔާމީ ގޯތަމްގެ އާ ފިލްމު "ގާބިލް"ގެ ފުރަތަމަ ޓްރެއިލާ ބެލި ކޮންމެ މީހަކަށް ވެސް ބުނެލެވުނީ ހާދަ މޮޅޭ އެވެ. އެ ފިލްމު ބަލާލުމުގެ ޝައުގުވެރިކަން ގިނަ ބައެއްގެ ހިތުގައި އުފެދުނެވެ. ސޯޝަލް މީޑިއާގައި ވެސް އެންމެން މި އިޝްތިހާރުގެ މޮޅުކަމާއި ރީތިކަމުގެ ވާހަކަ ވަރަށް ގަދަޔަށް ދެއްކި އެވެ. ޔޫޓިއުބާއި ފޭސްބުކްގައި މި ޓްރެއިލާއަށް ލިބުނު ހިޓްސް އެތައް މިލިއަނަކަށް އަރައިގެން ދިޔަ އެވެ.
ފުރަތަމަ ޓްރެއިލާގައި ބޮޑަށް ދައްކަނީ ރިތިކް އާއި ޔާމީގެ ކެރެކްޓާގެ ރޮމެންޓިކް މަންޒަރުތަކެވެ. އަދި ކޮންމެވެސް ކަހަލަ ކަންތައްތަކެއް ދިމާވެ ރިތިކްގެ އަންހެނުން މަރުވުމުން ލޮލަށް ފެނުމުން މަހްރޫމްވެފައިވާ ހާލުގައި ވެސް އެކަމުގެ ބަދަލު ހިފަން ރިތިކް ނުކުންނަ ތަން ފުރަތަމަ ޓްރެއިލާގައި ފެނެ އެވެ.
މިހާރު މި ފިލްމުގެ ދެވަނަ ޓްރެއިލާއެއް ވެސް ވަނީ ނެރެފަ އެވެ. މި އިޝްތިހާރުގައި ވެސް ދައްކަނީ ހަމަ އެ އަސަރުތަކެވެ. ނަމަވެސް ފުރަތަމަ އިޝްތިހާރަށް ވުރެ ހުރިހާ ޖަޒުބާތުތަކެއް ވެސް ފެންނަނީ މާ މަތީގައި ހުއްޓަ އެވެ. މި އިޝްތިހާރުގައި ރިތިކް އާއި ޔާމީގެ ފުރަތަމަ ބައްދަލުވުމާއި ރިތިކް އަމީތާބުގެ އަޑުން ވާހަކަ ދައްކާ ތަން ވެސް ފެނެ އެވެ.
ނަމަވެސް ކުއްލިއަކަށް އެ ދެމަފިރިންގެ ހަޔާތަށް ބޮޑު މުސީބާތެއް ލައިގަނެ އެވެ. އެހިސާބުން އަމިއްލައަށް އިންސާފު ހޯދަން ރިތިކް ނުކުމެ އެވެ. އޭގެ ފަހުން އޭނާ ފެންނަނީ ވަރަށް ވަރުގަދަ ތަޅާފޮޅުންތަކަކާ އެކު ނުބައި މީހުންނާ ކުރިމަތިލާތަނެވެ.
މި ފިލްމުގައި ނުބައިބައި ކުޅެނީ އަސްލު ދެބެން ކަމަށްވާ ރޯހިތު އާއި ރޯނިތު ރޯއީ އެވެ.
ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ "ގާބިލް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 25 ވަނަ ދުވަހު އެވެ. މިފިލްމާ އެކު ޝާހްރުކް ޚާންގެ "ރައީސް" ވެސް އެދުވަހު ނެރޭނެ އެވެ.