07 މާޗް 2022 - 14:04

ޓޫރިޒަމް ދާއިރާގައި ޔޫރަޕްގެ އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ގްރީސްގައި ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އެ ހިދުމަތް ދޭ އޮޕަރޭޓަރުން ބޭރުގެ މީޑިއާގައި ބުނީ، މިއީ ޔޫރަޕްގެ "ރާއްޖެ" އަށް ގްރީސް ހެދުމުގެ ބޭނުމުގައި ތައާރަފުކުރާ ހިދުމަތެއް ކަމަށެވެ. އެގޮތަށް ސިފަކުރީ ގްރީސްގައި ވެސް ރާއްޖެ ގޮތަށް ދުރުދުރުގައި އޮންނަ ކުދި ޖަޒީރާ ރަށްތައް ހުންނާތީ އެވެ.
ގްރީސްގެ ޓޫރިޒަމް ކުރިއަރާފައިވީ ނަމަވެސް އެ ގައުމުގައި އަދިވެސް މީހުންނަށް ދަތުރުނުކުރެވޭ އެތައް ރަށެއް އެބަހުރި ކަމަށާއި ސީޕްލޭންގެ ހިދުމަތާއެކު އެ ރަށްރަށަށް ވެސް ޓޫރިޒަމްގެ ސިނާއަތު ގެންދެވޭނެ ކަމަށް އޮޕަރޭޓަރުން ލަފާކުރެ އެވެ.
"ގްރީސްއަކީ ސީޕްލޭނަށް އެންމެ ރަނގަޅު އެއް މަންޒިލް. ރާއްޖޭގައި ގްރީސްގައި ހުރި ވަރަށް ވުރެ ދެ ގުނަ މަދު ރަށްތައް ހުރި ނަމަވެސް އެ ރަށްތަކަށް ދެވެނީ ސީޕްލޭންގެ ސަބަބުން. އެހެންވެ، އަޅުގަނޑުމެން ބޭނުންވަނީ ގްރީސްއަކީ ޔޫރަޕްގެ ރާއްޖެ އަށް ހަދަން،" ގްރީސްގެ ސީޕްލޭން އޮޕަރޭޓަރުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
މިހާރު ކުރިއަށް ގެންދަނީ އެ ހިދުމަތް ފަށަން ސީޕްލޭން އުފެއްދުމުގެ މަސައްކަތް ކަަމަށް ވާއިރު، އެ ކަން ނިމުމާއެކު ހިދުމަތް ފަށާނެ ކަމަށް އޮޕަރޭޓަރުން ބުނެ އެވެ.
ގްރީސްގައި ކުރިން ވެސް ސީޕްލޭންގެ ހިދުމަތް ފަށަން މަސައްކަތް ކުރި އެވެ. އެކަމަކު، އެ ދެ ފަހަރު އެ މަސައްކަތް ނާކާމިޔާބުވީ އެވެ. ފުރަތަމަ ފަހަރު 1920 ގައި އެ ހިދުމަތް ފެށުމަށް ފަހު ބޮޑު ހަނގުރާމައާ ގުޅިގެން ހުއްޓާލަން ޖެހުނުއިރު 2000 ގައި ސީޕްލޭންގެ ހިދުމަތް ފަށަން މަސައްކަތްކޮށް، އެކަމަކު މާލީ ދަތިތަކާ ހެދި ހުއްޓާލަން ޖެހުނީ އެވެ.