07 މާޗް 2022 - 13:27

މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުން ދޮގު މައުލޫމާތެއް ދީފި ނަމަ މަގާމުން ވަކިކޮށް ދެ އަހަރުގެ ޖަލު ހުކުމެއް އަންނަ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅި "މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމުގެ ބިލު" ބަލައިގަންނަން ފާސް ވީ 58 މެމްބަރުންގެ ވޯޓުންނެވެ.
އެ ބިލު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވަން، ރިޔާސަތުގައި އިންނެވި އީވާ ނިންމެވި އެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކާއި ހުށަހަޅަން ޖެހޭ މައުލޫމާތާއި އަދި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އަމަލުކުރަން ޖެހޭނެ ގޮތް ބަޔާންކުރާ އެ ބިލުގައިވާ ގޮތުން އެއްވެސް ފަރާތަކުން މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ހިމެނުމަކީ ކުށެކެވެ.
އެ ކުށުގެ އަދަބަކީ އެ މީހަކު މަގާމުން ވަކިކުރުމާއި ދެ އަހަރަށް ޖަލަށް ލުން އަދި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި 500،000ރ. އިން ޖޫރިމަނާ ކުރުން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެ ބިލުގައި އޮތް ގޮތުން، ދޮގު މައުލޫމާތު ދޭ ފަރާތެއްގެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ މުއައްސަސާއަކަށް ފޮނުވަން ޖެހޭނެ އެވެ. އަދި އެ މައްސަލަ 30 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި ކޯޓުތަކުން ވެސް 60 ދުވަސް ތެރޭގައި އެ މައްސަލާގައި ހުކުމް ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
މާލީ ބަޔާން ހުށަހެޅުމަށް ބިލުގައި ބުނާ މުއްދަތަށް ވުރެ ލަސްވިޔަސް ކުޑަބޮޑުމިނަށް ބަލައި ގިނަވެގެން 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
- ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މިލްކުވާ ނުވަތަ ކުއްޔަށް ހިފާފައިވާ ގޯތިގެދޮރުގެ ތަފްސީލް
- ރާއްޖެ ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނީގެ ތަފްސީލް
- ބޭރުގެ އެއްވެސް ބެންކެއްގައި ނުވަތަ މާލީ އިދާރާއެއްގެ އެކައުންޓުގައިވާ ފައިސާގެ ތަފްސީލް
- ނަގާފައިވާ އަދި ދޫކޮށްފައިވާ ލޯނާއި ރަހުނުކޮށްފައިވާ މުދަލުގެ ތަފްސީލް
- މަގާމާ ގުޅިގެން ލިބިފައިވާ ހަދިޔާތަކާއި ދަތުރުތަކާއި ވަގުތުން ބޭނުން ކުރެވޭ ތަކެތީގެ ތަފްސީލް
މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން މުދަލާއި ފައިސާ ލިބޭ ގޮތާއި އެކި މުއްދަތުގައި ހުށަހަޅާފައިވާ ބަޔާންތަކުގައި ހިމެނޭ މައުލޫމާތު އަޅާކިޔަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި ތިން ވަނަ ފަރާތަކުން ހުށަހަޅާ ޝަކުވާއަކާ ގުޅިގެން ސައްހަކަން ކަށަވަރު ކުރާ މުއައްސަސާ އިން އިސްނެގުމުގެ މަތިން އިތުރަށް ކަންކަން ބަލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައި ވެ އެވެ.
މިއަދާ ހަމަޔަށް އައިއިރު ވެސް މަޖިލީހަށް ހުށަހަޅާ ނުވަތަ ސަރުކާރުގެ އިދާރާތަކުން ފޮނުވާ މާލީ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯވެ އެވެ. އަދި ދޮގު ބަޔާނެއް ދިނަސް އެކަން ބެލޭނެ އަދި އެޅޭނެ ފިޔަވަޅެއް ވެސް ނޯވެ އެވެ.