ރަޝިޔާގެ އަސްކަރީ ބާރުގެ 95 ޕަސެންޓް ޔޫކްރޭންގައި
ރަޝިޔާގެ އަސްކަރީ ބާރުގެ 95 ޕަސެންޓް ޔޫކްރޭންގައި

ރަޝިޔާގެ އަސްކަރީ ބާރުގެ ގާތްގަނޑަކަށް 95 ޕަސެންޓް މިހާރު އޮތީ ރަޝިޔާ އަށް ޖަމާކޮށްފައި ކަމަށާއި، ޔޫކްރޭން ހަނގުރާމަ ފެށި ފަހުން، ޔޫކްރޭންގެ އެކި ތަންތަނަށް 600 މިސައިލުން ރަޝިޔާ ސިފައިން ހަމަލާ ދީފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނެފި އެވެ.

ރަޝިޔާގެ އަސްކަރީ ބާރުގެ 95 ޕަސެންޓް ޔޫކްރޭންގައި
ރަޝިޔާގެ އަސްކަރީ ބާރުގެ 95 ޕަސެންޓް ޔޫކްރޭންގައި

އެންމެ ވަރުގަދަ އަށް ދެ ފަރާތުގެ މެދުގައި އިއްޔެ ހަމަލާތައް ބަދަލުކުރީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ވަށައިގެންވާ ސަރަހައްދުތަކުގަ އެވެ. އޭގެ އިތުރުން ދެކުނު އައްސޭރީގައި އޮންނަ މަރިއުޕޯލްގަ އާއި އުތުރުން ބެލަރޫސް ކައިރީގައި އޮންނަ ޝެރްނިހީވްގަޔާއި އުތުރުގައި އޮންނަ ޚަރްކީވްގައި ވެސް ވަރަށް ވަރުގަދަ އަށް އިއްޔެ ހަމަލާތައް ބަދަލުކުރި އެވެ.

ނަމަވެސް ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާ ވަރުގަދަވުމުން، އެއިން އެއްވެސް ސަރަހައްދެއް ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދެވޭ ގޮތެއް ނުވެ އެވެ. އޭގެ އިތުރުން ވެރިރަށް ކިޔޭވް ހިފުމަށް ދަތުރުކުރި ބިޔަ އަސްކަރީ ގާފިލާގެ ކުރިއެރުން ވެސް މިހާރު ވަނީ ހުއްޓިފަ އެވެ.

ހުޅަނގުގެ މީޑިއާތައް ބުނާ ގޮތުން ވެރިރަށް ކިޔޭވްގެ ވައިގެ ސަރަހައްދުގެ ތެރޭގައި، ރަޝިޔާ ސިފައިންގެ އަސްކަރީ މަތިންދާބޯޓުތަކާއި ޔޫކްރޭންގެ މަތިންދާބޯޓުތަކުގެ ވަރުގަދަ ކުރިމަތިލުންތަކެއް އިއްޔެ ވެސް ހިނގި އެވެ. ނަމަވެސް އެ ކުރިމަތިލުންތަކުގައި ލިބުނު ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް ނުލިބެ އެވެ.

ޔޫކްރޭނަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ހަނގުރާމަމަތީ މަތިންދާބޯޓު ކަމަށް، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ. ޔޫކްރޭނާއި ކުރީގެ ސޮވިއެޓް ޔޫނިއަނުން މިނިވަންވި ގިނަ ގައުމުތަކުގައި މިހާރު ވެސް ބޭނުންކުރަނީ ރަޝިޔާގައި އުފައްދާފައިވާ މިގް މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކެވެ.

ޔޫކްރޭންގެ ޕައިލެޓުންނަކީ މިގް މަރުކާގެ މަތިންދާބޯޓަށް ތަމްރީން ކޮށްފައި ތިބި ބަޔަކަށް ވާތީ، ޔޫކްރޭން ބޭނުންވަނީ މިގް މަރުކާގެ މަތިންދާބޯޓުތަކެވެ. އެފަދަ ބޯޓުތައް އެންމެ ފަސޭހައިން މި ވަގުތު ލިބެން އޮތީ ޕޮލެންޑުންނެވެ. ނަމަވެސް ޕޮލެންޑުން އެބާވަތުގެ މަތިންދާބޯޓުތައް ޔޫކްރޭނަށް ދޭނީ، އޭގެ ބަދަލުގައި ބޭނުންކުރާނެ މަތިންދާބޯޓުތަކެއް ޕޮލެންޑަށް ލިބިގެން ކަމަށް އެ ގައުމުން ބުނެ އެވެ.

މިކަން ހައްލުކުރުމުގެ ގޮތުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން މިހާރު މަޝްވަރާ ކުރަމުން އަންނަނީ، އެމެރިކާގެ އެފް-16 މަރުކާގެ މަތިންދާބޯޓުތަކެއް ޕޮލެންޑަށް ދިނުމަށެވެ. މިކަމާ މެދު ގޮތެއް ނިންމައި ވީއެންމެ އަވަހަކަށް ޕޮލެންޑަށް އަސްކަރީ މަތިންދާބޯޓު ފޮނުވުމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އެމެރިކާ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

"އަހަރެމެންގެ ސިފައިން ޔޫކްރޭނަށް ފޮނުވޭކަށް ނެތް. އެކަމަކު މި ހަނގުރާމައިގައި ޔޫކްރޭން ރައްޔިތުންނަށް ކާމިޔާބު ހޯދައިދޭން އަހަރެމެންނަށް އެހީތެރިވެވިދާނެ. ރަޝިޔާގެ އަޒުމާއި ހިތްވަރަށް ވުރެ ޔޫކްރޭން ރައްޔިތުންގެ އަޒުމާއި ހިތްވަރު މާ ގަދަ. އެމީހުންގެ ނަފްސު ދިފާއުކުރުމަށް އަހަރެމެން އެމީހުންނަށް ހަތިޔާރު ފޯރުކޮށްދީފިއްޔާ، އެއީ އަހަރެމެންނަށް ރަޝިޔާ ބަލިކުރެވިދާނެ ގޮތެއް،" ހައުސް އޮފް ރެޕްރެޒެންޓޭޓިވްގައި ޓެކްސަސް ތަމްސީލް ކުރައްވާ ރިޕަބްލިކަން މެންބަރު މައިކަލް މެކްކޯލް ވިދާޅުވި އެވެ.