ޔޫކްރޭންގެ ވައިގެ ބަނދަރެއް ހަލާކުކޮށްލައިފި
ޔޫކްރޭންގެ ވައިގެ ބަނދަރެއް ހަލާކުކޮށްލައިފި

ޔޫކްރޭންގެ މެދުތެރޭ ސަހަރެއް ކަމަށްވާ ވިނިޓްސިއާގައި އޮންނަ މަދަނީ ވައިގެ ބަނދަރަށް ރަޝިޔާ ސިފައިން އިއްޔެ ދިން ރޮކެޓް ހަމަލާތަކެއްގައި، ބޭނުން ނުކުރެވޭ ވަރަށް އެ ވައިގެ ބަނދަރު ހަލާކުކޮށްލައި، އެ ސަހަރުގެ ވައިގެ ސަރަހައްދު ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

ޔޫކްރޭންގެ ވައިގެ ބަނދަރެއް ހަލާކުކޮށްލައިފި
ޔޫކްރޭންގެ ވައިގެ ބަނދަރެއް ހަލާކުކޮށްލައިފި

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވީ ރަޝިޔާ ސިފައިން އެ ވައިގެ ބަނދަރު ސުންނާފަތި ކޮށްލީ، އިއްޔެ ދިން ރޮކެޓް ހަމަލާތަކެއްގައި ކަމަށެވެ. އެ ވައިގެ ބަނދަރު އެއްކޮށް ސުންނާފަތިކޮށްލީ ބާރު ގދަ މިސައިލަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ 12 ވަނަ ދުވަހަށް ފެށިފައިވާ އިރު، ޔޫކްރޭންގެ ވަރަށް ގިނަ ސަރަހައްދުތަކަށް ރަޝިޔާގެ ސިފައިންގެ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ. އޭގެ އިތުރުން އެ ގައުމުގެ ވައިގެ ބަނދަރުތަކަށާއި ކަރަންޓު އުފައްދާ އިންޖީނުގެތަކަށް ވެސް ގިނަ ހަމަލާތަކެއް ދީ، އޭގެ ތެރެއިން ގިނަ ތަންތަން ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލައިފަ އެވެ.

ފެބްރުއަރީ 24 ގައި ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅޭ ގޮތުން ރަޝިޔާ އިން ބުނެފައިވަނީ އެއީ "އަސްކަރީ ހާއްސަ ހަރަކާތެއް" ކަމަށާއި ޔޫކްރޭން ހިފުމުގެ ނިޔަތެއް ނެތް ކަމަށެވެ. މޮސްކޯގެ ވެރިކަމުގެ ދަށުން ކުރީގެ ސޮވިއެޓް ޔޫނިއަންގެ ޖުމްހޫރިއްޔާއެއްގެ ގޮތުގައި އޮތް ޔޫކްރޭން 1991 ގައި ސޮވިއެޓް ޔޫނިއަން ރޫޅި ދިއުމާ އެކު، މިނިވަން ދައުލަތަކަށްވެ، މިހާރު އަންނަނީ ހުޅަނގާ އެކު ގާތް ގުޅުމެއް އުފައްދަމުންނެވެ.

ޔޫކްރޭން މިހާރު ބޭނުންވަނީ، ނޭޓޯގެ މެމްބަރުކަމާއި ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ހޯދުމަށެވެ. މިއީ ރަޝިޔާ ފާޅުގައި ދެކޮޅު ހަދާ ކަމެކެވެ. ނޭޓޯ އާއި ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ޔޫކްރޭނަށް ދިނުމަކީ، އެމެރިކާ އާއި ހުޅަނގުގެ ނުފޫޒާއި އަސްކަރީ ނުރައްކާތައް ރަޝިޔާއަށް ހުށަހެޅޭނެ ކަމެއް ކަމަށް ބުނެ، ރަޝިޔާ އިން އަންނަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.

ރަޝިޔާ އިން މިހާރު ދެމުންދާ ހަމަލާތަކުން ޔޫކްރޭން ދިފާއުކުރުމުގެ ގޮތުން ވެސް، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމުގައި ނޭޓޯ އާއި ވިލާތުގެ އިއްތިހާދުން ކަނޑައަޅައިދިނުމަށް، ޔޫކްރޭންގެ ރައީސް ޒެލެންސްކީ މިހާރު ވެސް އަންނަނީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.

"އަހަރެމެން ތަކުރާރުކޮށް ކޮންމެ ދުވަހަކު މި ގޮވައިލަނީ، ޔޫކްރޭންގެ ވައިގެ ސަރަހައްދު ބަންދުކޮށްދިނުމަށް. ރަޝިޔާގެ ހުރިހާ މިސައިލްތަކާއި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށާއި އެމީހުންގެ ހުރިހާ ޓެރަރިސްޓުންނަށް ޔޫކްރޭންގެ ވައިގެ ސަރަހައްދު ބަންދުކޮށްދިނުމަށް،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

"ކަލޭމެން އަހަރެމެންގެ ވައިގެ ސަރަހައްދު ބަންދުކޮށްނުދޭ ނަމަ، އަދި އެންމެ ކުޑަމިނުން އަހަރެމެންގެ އަމިއްލަ ނަފްސު ދިފާއުކުރެވޭ ވަރަށް އަހަރެމެންނަށް ހަނގުރާމަމަތީ މަތިންދާބޯޓު ނުދޭ ނަމަ، އެކަމުން އަހަރެމެންނަށް ފެންނަނީ ހަމަ އެންމެ ނަތީޖާއެއް. އެއީ ކަލޭމެން އެދެނީ، ލަސްލަހުން އަހަރެމެން މަރުވެ ނެތިގެންދާން."

ޒެލެންސްކީގެ އެ ހުށަހެޅުމާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް އެއްވެސް ގައުމަކުން ކަނޑައަޅައިފި ނަމަ، އެ ގައުމެއް އެ ވަންނަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ކަމަށެވެ.

ރައީސް ޒެލެންސްކީގެ އެ އެދިވަޑައިގަތުމާ އެއްގޮތަށް އަމަލުކުރެވެން ނެތް ކަމަށް، ވިލާތުގެ އިއްތިހާދާއި ނޭޓޯ އިން ވެސް ވަނީ ބުނެފަ އެވެ. ސަބަބަކީ ރަޝިޔާއާ ކުރިމަތިލާން ބޭނުން ނުވާތީ އެވެ.