07 މާޗް 2022 - 10:39

މާލެ އިން ރޭ ދަންވަރު ޓެކްސީއަކަށް އެރި އަންހެނަކު ގަދަކަމުން ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ގެންގޮސް އޭނާ އަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓެކްސީ ޑްރައިވަރަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 20 އަހަރުގެ ދިވެހި އަންހެނެއްގެ ނުރުހުމުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ގެންގޮސް އޭނާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އެ މައްސަލައިގެ ރިޕޯޓް ލިބުނީ ރޭގެ ދަންވަރު ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އަންހެންމީހާ ޓެކްސީ އަށް އެރީ ހެންވޭރުގައި ހުރި ގެއަކުން މާފަންނުގައި ހުރި ގެއަކަށް ދިއުމަށެވެ. އޭނާ ޓެކްސީ އަށް އެރުމާއެކު، އޭގައި އިން ޑްރައިވަރު ޓެކްސީގެ ހުރިހާ ދޮރެއް ލޮކް ކުރުމަށް ފަހު، ގަދަކަމުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ބީޗަށް ގެންދިޔަ އެވެ.
އެ އަންހެން މީހާ އަށް ޖިންސީ ގޯނާކުރަން އުޅެނިކޮށް، ބަޔަކު އެ ޓެކްސީ ޑްރައިވަރު އަތުލައިގަތް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.