21 ޑިސެމްބަރ 2016 - 06:29

ޔޫއޭއީގެ ޒުވާން އަންހެނެއް ކަމަށްވާ މުއާޒު އަލް މަތުރޫޝީގެ އުމުރުން ނުވަ އަހަރުގައި، 2001 ވަނަ އަހަރު، ލޭގެ ބައްޔެއްގެ ސަބަބުން ކީމޯތެރަޕީ ދޭން ޖެހިގެން އޭނާގެ އޯވަރީގެ ޓިޝޫތައް ނަގާ، އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި، ގަނޑުކޮށް ރައްކާކުރި އެވެ. އޭރު އޭނާގެ މައިންބަފައިން އުއްމީދުކުރީ، ކޮންމެވެސް ދުވަހަކުން އެ ޓިޝޫތައް ބޭނުންކޮށްގެން ކުއްޖަކު ލިބޭނެ މަގު ދަރިފުޅަށް ފަހިވާނެ ކަމަށެވެ.
ދަަރިމައިކުރަން އެ ދުވަސްވަރު އެފަދަ ޓެކްނޮލޮޖީއެއް ތަރައްގީއެއް ނުވެ އެވެ. ހަށިގަނޑުން ނަގައި، ގަނޑުކޮށްފައި ބޭއްވި އޯވަރީގެ ޓިޝޫތައް ބޭނުންކޮށްގެން އެންމެ ފުރަތަމަ ވެސް މީހަކު ވިހެއީ 2004 ގަ އެވެ.
މުއާޒުގެ މައިންބަފައިން އޭރު ދުށް ހުވަފެން މިއަދު ވަނީ ހަގީގަތަކަށް ވެފަ އެވެ. އުމުރުން 24 އަހަރުގެ އަންހެން ދަރިފުޅު ލަންޑަންގެ ޕޯޓްލޭންޑް ހޮސްޕިޓަލްގައި މި މަހު 13 ވަނަ ދުވަހު ފިރިހެން ކުއްޖަކު ވިހެއީ އޭގެ 15 އަހަރު ކުރިން ރަައްކާކުރި ޓިޝޫތައް ބޭނުންކޮށްގެންނެވެ.
މުއާޒާ ބުނީ މިއީ މުއުޖިޒާތެއް ފަދަ ކަމެއް ކަމަށެވެ.
މުއާޒާގެ ޑޮކްޓަރު ސާރާ މެތިއު ވިދާޅުވި ގޮތުގައި އޭނާގެ ބަލިވެއިނުމަކީ ދަރިމައިވުމުގެ ދާއިރާގައި އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ.
މީގެ ކުރިން އޯވޭރިއަން ޓިޝޫ ލައްވައިގެން ދަރިން ލިބެނީ އުމުރުން ދުވަސް ވީ އަންހެނުންނަށެވެ. އެހާ ކުޑަ ކުއްޖެއްގެ ޓިޝޫތައް ފްރީޒްކޮށްގެން އަލުން އެ މަސައްކަތް ކޮށްފާނެ ކަމަކަށް މީގެ ކުރިން ހީނުކުރާ ކަމަށް ސާރާ ވިދާޅުވި އެވެ.
މުއާޒާ އަކީ އެގޮތަށް ޓިޝޫ ޓްރާންސްޕްލާންޓް ކުރި އެންމެ ހަގު މީހާ އެވެ.
އޭނާ ކީމޯތެރަޕީ ހެދީ ތެލެސީމިއާ ކުއްޖަކަށް ވުމުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިންނެވެ. ކީމޯތެރަޕީގައި އޯވަރީތައް ހަލާކުވެ އެވެ.
އޭނާ އަށް ފަރުވާ ފެށުމުގެ ކުރިން ޑޮކްޓަރުން އޭނާގެ ކަނާތު އޯވަރީ ނަގާ ގަނޑުކުރި އެވެ. އަދި ޚާއްސަ ގޮތަކަށް އެ ރައްކާކުރި އެވެ.
މިދިޔަ އަހަރު ޑެންމާކްގެ ޑޮކްޓަރުން ވަނީ މި ޓިޝޫތަކުގެ ތެރެއިން ފަސް އެތިކޮޅު މޮއާޒާގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓް ކޮށްފަ އެވެ. އޭގެ ހަތަރު އެތިކޮޅު އޭނާގެ ހަލާކުވެފައިވާ ކަނާތު އޯވަރީގަ އެވެ. އަނެއް އެތިކޮޅު އޭނާގެ ޔުޓެރަސްގެ އެއް ފަރާތުގަ އެވެ.
މި ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން މުއާޒާ ހުރީ އިއްދައިން ކެނޑުމުގެ މަރުހަލާގަ އެވެ. ނަމަވެސް ޓްރާންސްޕްލާންޓާ އެކު އޭނާގެ ހޯމޯން ލެވެލް މަތިވެ ނޯމަލް ވި އެވެ. އަދި އޭނާގެ ދަރިމައިވުމުގެ ނިޒާމުގެ މަސައްކަތް ބަރާބަރުވި އެވެ. ނަމަވެސް ކުއްޖަކު ނުލިބިދާނެތީ ބިރުން މުއާޒާ އާއި އޭނާގެ ފިރިމީހާ އަހުމަދު ވަނީ އައިވީއެފްގެ ފަރުވާ ވެސް ހޯދާފަ އެވެ.
މި ޕްރޮސީޖާ މަސައްކަތްކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިފަދަ މައްސަލަތައް ޖެހިފައިވާ ޒުވާން އެތައް އަންހެނުންނަށް ލިބުނު އުންމީދެކެވެ. ޚާއްސަކޮށް ކެންސަރާއި ލޭގެ މައްސަލަތައް އަދި އިމިއުން ޑިސްއޯޑާ އަށް ދޭ ފަރުވާތަކުގެ ސަބަބުން ދަރިން ހޯދަން ދަތިވާ މީހުންނަށެވެ.