07 މާޗް 2022 - 10:23

ޕެރިސް (މާޗް 7) - ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ ކްރިޕްޓޯ ކަރަންސީގެ ދުނިޔެއަށް ވަން ފުރަތަމަ ކުލަބެވެ. އެ ޓީމުން ވަނީ 2018 ވަނަ އަހަރު 'ސޯސިއޯސް ޑޮޓް ކޮމް' އާ އެކު އެ މީހުންގެ ފުރަތަމަ ޑިޖިޓަލް ކަރަންސީ އުފައްދަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ ކުންފުނިން ވަނީ 'ޗިލީޒް އެހްޒެޑް' ބްލޮކްޗެއިންގައި 'ޕީއެސްޖީ ފޭން ޓޯކަން' ކިޔާ ކްރިޕްޓޯކަރަންސީއެއް އުފައްދައިފަ އެވެ. މި ޓޯކަންގެ ޒަރީއްޔާ އިން، އެކްސްކްލޫސިވް ޕްރޮމޯޝަންތަކުންނާއި ވީއައިޕީ ޓިކެޓު ގަނެގެން، ޕީއެސްޖީގެ ސަޕޯޓަރުންނަށް ކުލަބުގެ ނިންމުންތަކުގެ ވޯޓުގައި ބައިވެރިވެ، ގިނަ މަންފާތަކެއް ހާސިލް ކުރެވޭނެ އެވެ.
ލިއޮނެލް މެސީގެ ކޮންޓްރެކްޓާ އެކު ޕީއެސްޖީން އޭނާއަށް ތިން އަހަރު ތެރޭ 110 މިލިއަން ޔޫރޯ ދައްކަން ހަމަޖެހިފައިވާ އިރު، ފްރާންސްގެ މަޝްހޫރު ނޫހެއް ކަމަށްވާ ލެއިކުއިޕް އިން ބުނި ގޮތުގައި ޕީއެސްޖީން ވަނީ މި ވާޗުއަލް ކަރަންސީއަށް ދޭ އަހައްމިއްޔަތުކަން އިތުރު ހަރުފަތަކަށް ގެންގޮސްފަ އެވެ. އެއީ މެސީއާ އެކު ވެފައިވާ އެއްބަސްވުމުގައި އޭނާއަށް ފައިސާ ދެއްކުމުގައި ޕީއެސްޖީގެ ރަސްމީ ފައިސާ ކަމުގައިވާ ފޭންސް ޓޯކަން ބޭނުންކުރަން ނިންމާފައި ވާތީ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މެސީގެ ސޮއި ހޯދިތާ މަހެއްހާ ދުވަސް ފަހުން، ޕީއެސްޖީން ވަނީ ސެރީއޭ އާއި ފޯމިއުލާ 1 ކްލަބާ އެކު މިހާރު ވެސް އޮޕަރޭޓް ކުރަމުން އަންނަ ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ޕްލެޓްފޯމެއް ކަމަށްވާ 'ކްރިޕްޓޯ ޑޮޓް ކޮމް' އާ އެކު ސްޕޮންސާޝިޕްގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން ޕީއެސްޖީ އަށް ގާތްގަނޑަކަށް 30 މިލިއަން ޔޫރޯ ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީއަށް ފައިސާ ދައްކާނީ ވެސް ކްލަބުގެ ވާޗުއަލް ކަރަންސީ އިންނެވެ.
މި ގްރޫޕްވެފައި ވަނީ ކްރިޕްޓޯކަރަންސީ އާއި އެންއެފްޓީ މައިގަނޑު ގޮތެއްގައި ބޭނުންކުރާ ބްލޮކްޗެއިން ޓެކްނޮލޮޖީ \އާ އެކު، ޕީއެސްޖީއާ ގުޅުނު ތިންވަނަ ގްރޫޕަށެވެ. ޕީއެސްޖީ ވަނީ ޕެރިހުގެ ކުރެހުންތެރިޔާ ލޫޑޯގެ ޑިޖިޓަލް ކުރެހުންތަކެއްގެ ތީމެޓިކް ކަލެކްޝަނެއް ލޯންޗްކޮށް، އެންއެފްޓީގެ ދުނިޔެއަށް ވެސް ވަދެފަ އެވެ.
މެސީ އައުމުގެ ސަބަބުން ޕީއެސްޖީގެ ކްރިޕްޓޯކަރަންސީ، ފޭން ޓޯކަންގެ އަގު ވަނީ ބޮޑުވެފަ އެވެ. މެސީ އައުމުގެ ކުރިން ވެސް އޭގެ އަގު 43 ޕަސެންޓް ބޮޑެވެ. އަދި ޓޯކަންގެ އަގު އެންމެ ބޮޑަށް އުފުލުނީ މެސީ ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލި ދުވަހު އެވެ. އެ ދުވަހު ޓޯކަންއެއްގެ އަގު އުޅުނީ 63.3 ޑޮލަރަށެވެ.
ފޭންސް ޓޯކަން ފެށިއިރު އޭގެ އަގަކީ 3.57 ޑޮލަރެވެ. ނަމަވެސް މި ހަފްތާގައި އޭގެ އަގަކީ ގާތްގަނޑަކަށް 16 ޑޮލަރެވެ. މިއީ ފުޓުބޯޅަ ކުލަބުތަކުގެ ތެރެއިން ދެވަނައަށް އެންމެ އަގުބޮޑު ކްރިޕްޓޯ ކަރަންސީ އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ ހަ ޑޮލަރު އަދި ބާސެލޯނާ އަށް ވުރެ އަށް ޑޮލަރު ބޮޑު އަދަދެކެވެ.
'ސޯސިއޯސް ޑޮޓް ކޮމް' ކުންފުނީގެ ސީއީއޯ އަލެކްޒެންޑްރޭ ޑްރޭފަސް ވިދާޅުވާ ގޮތުގައި ޕީއެސްޖީ ޓޯކަންގެ
މާކެޓް ވެލިއު ކުރިޔަށް އޮތް މަދު އަހަރުތަކެއްގައި 10،000 ޑޮލަރާ ގާތްކުރާ އަދަދަކަށް އުފުލޭނެ އެވެ.