07 މާޗް 2022 - 09:32

އެލްޗޭ (މާޗް 7) - ސްޕެނިޝް ލަ ލީގާގައި ބާސެލޯނާގެ ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުތް ފޭރާން ޓޮރޭޒް އާއި މެމްފިސް ޑިޕާއިގެ ގޯލުތަކުން ފަހަތުން އަރައި 2-1 އިން އެލްޗޭ ބަލިކޮށް ލީގުގެ ތިންވަނައަށް އެެ ޓީމު ޖެހިލައިފި އެވެ.

ފުރަތަމަ ހާފުގައި ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި އެވެ. އުސްމާން ޑެމްބެލޭ އެލްޗޭގެ ކީޕަރު ބޯ މަތިން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ކީޕަރު ދިފާއު ކުރުމުން ރީބައުންސް ބޯޅަ ޑި ޔޮންގް ފޮނުވާލި ނަމަވެސް އެޓީމުގެ ޑިފެންޑަރުން ވަނީ ގޯލް ލައިން މަތިން ދިފާއު ކޮށްފަ އެވެ. އަދި އޭގެ ފަހުން ޑި ޔޮންގް މުޅިން ހުސްކޮށް ކުރިޔަށް އަރައި ފޮނުވާލި ބޯޅަ ދިފާއުކުރީ އެލްޗޭގެ ކީޕަރެވެ.
އެލްޗޭ އިން ލީޑު ނެގީ ފުރަތަމަ ހާފުގެ 44 ވަނަ މިނިޓުގައި ފިޑޭލް ޗާވޭސް ޖެހި ގޯލުންނެވެ. ޕެޑްރީ އަށް ހެދުނު ގޯހަކުން ބޯޅަ ހޯދައިގެން އޭރިއާ ތެރެއަށް ވަދެ ޗާވޭސް ވަނީ ތިރިތިރިން އޭނާގެ ވާތު ފައިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބާސާއިން ދެވަނަ ހާފު ފެށީ ގަވީގެ ބަދަލުގައި ފެރާން ޓޮރޭޒް ކުޅެން އަރުވައިގެންނެވެ. ޓޮރޭޒް ވަނީ ދެވަނަ ހާފު ފެށިގެން 15 މިނިޓު ތެރޭ ބާސެލޯނާއަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އޭނާ މި ލަނޑު ޖެހީ އުސްމާން ޑެމްބެލޭ ނަގައިދިން ހުރަހެއް ޖޯޑީ އަލްބާ ޖައްސާލުމުން މުޅިން ހުސްކޮށް ގޯލު ކުރިމަތީ ހުރެ ފޮނުވާލައިގެންނެވެ.
މެޗުގެ ފަހު 15 މިނިޓަށް ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ޑެމްބެލޭ އާއި ޕިއޭ އެމެރިކް އޮބާމެޔަންގެ ބަދަލުގައި އެޑަމާ ޓްރައޯރޭ އާއި މެމްފިސް ޑިޕާއި ކުޅެން އަރުވައިފަ އެވެ. ބާސެލޯނާ ލީޑު ނެގީ 84 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޑިޕާއި ޖަހައިދިން ލަނޑުންނެވެ. މި ޕެނަލްޓީއަކީ ޑިޕާއި އޭރިއާ ތެރެއިން އެލްޗޭ ކުޅުންތެރިއެއް ކައިރިން ނައްޓަން އުޅެނިކޮށް އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިގެން، ވީއޭއާރުގެ އެހީގައި ދިން ޕެނަލްޓީއެކެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ ޓޭބަލްގެ ތިންވަނައަށް ޖެހިލީ 26 މެޗު ކުޅެގެން 48 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު އިތުރަށް ކުޅެގެން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގައި އޮތީ އެންމެ ފަހުގެ ލީގު ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ.
އެތުލެޓިކޯ ވަނީ ރޭ ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ޔާއޯ ފެލިކްސް އާއި ތޯމަސް ލެމާ އެވެ. ޔާއޯ ފެލިކްސް ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ. ބެޓިސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކުރިން ބާސެލޯނާއަށް ކުޅުނު ކްރިސްޓިއަން ޓެލޯ އެވެ.
ރޭގެ މެޗުގެ ކުރިން ބެޓިސް އޮތީ ޓޭބަލްގެ ތިންވަނައިގަ އެވެ. ނަމަވެސް އެތުލެޓިކޯ އަތުން ބަލިވުމާ އެކު ބެޓިސް ވަނީ ޓޭބަލްގެ ފަސްވަނައަށް ވެއްޓިފަ އެވެ. ބެޓިސް ވަނީ 27 މެޗު ކުޅެގެން 46 ޕޮއިންޓް ހޯދައިފަ އެވެ.
ދެވަނައިގައި އޮތް ސެވިއްޔާ ވަނީ މި ހަފްތާގެ ބަންދުގައި އަލާވެސްއާ ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ސެވިއްޔާ ދެވަނައިގައި އޮތީ 27 މެޗު ކުޅެގެން ހޯދި 55 ޕޮއިންޓާ އެކު އެވެ.
އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް ވަނީ 27 މެޗު ކުޅެގެން 63 ޕޮއިންޓް ހޯދައިފަ އެެވެ. ރެއާލް ވަނީ ހަވަނައިގައި އޮތް ރެއާލް ސޮސިއެޑާޑާ ވާދަކޮށް ފަހަތުން އަރައި 4-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 10 ވަނަ މިނިޓުގައި މިކެލް އޮޔާޒަބަލް ޕެނަލްޓީއަކުން ސޮސިއެޑާޑަށް ލީޑު ނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޑުއާޑޯ ކަމަވިންގާ އާއި ލޫކާ މޮޑްރިކްގެ ލަނޑުތަކުން ރެއާލް ލީޑު ނެގި އެވެ. އަދި ދެވަނަ ހާފުގައި ރެއާލަށް ލަނޑުތައް ޖަހައިދިނީ ކަރީމް ބެންޒެމާ އާއި މާކޯ އަސެންސިއޯ އެވެ.