ވެލެންސިއާ އަށް ފުރަތަމަ ތަށި ހޯދައިދިން ޓީމު 40 އަހަރު ފަހުން އެކުގައި
ވެލެންސިއާ އަށް ފުރަތަމަ ތަށި ހޯދައިދިން ޓީމު 40 އަހަރު ފަހުން އެކުގައި

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން، ވިކްޓަރީ ސްޕޯޓްސް ކްލަބުން ވިދިވިދިގެން ހޯދަމުން އައިސް އެ ކާމިޔާބަށް ބޮޅެއް އިތުރު ކުރުމަށް 1982 ގައި ކުރި މަސައްކަތައް ހުރަސް އެޅީ ވެލެންސިއާގެ މި ޓީމެވެ.

ވެލެންސިއާ އަށް ފުރަތަމަ ތަށި ހޯދައިދިން ޓީމު 40 އަހަރު ފަހުން އެކުގައި
ވެލެންސިއާ އަށް ފުރަތަމަ ތަށި ހޯދައިދިން ޓީމު 40 އަހަރު ފަހުން އެކުގައި

ފައިނަލުގައި ވިކްޓަރީ ބަލި ކުރުމަށް ފަހު ވެލެންސިއާ އިން ގައުމީ ޗެމްޕިއަންކަން ހޯދި ކާމިޔާބުވީ ތާރީހީ ގޮތުން ވެސް ހާއްސަ ކާމިޔާބަކަށެވެ. އެއީ 1979 ގައި ވެލެންސިއާ އުފައްދައިގެން އެ ޓީމަށް ހޯދުނު ފުރަތަމަ ތައްޓެވެ. ގައުމީ ފައިނަލްގައި ވެލެންސިއާ ޓީމަށް ކުޅެފައި ވަނީ އެ ކްލަބް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މީހުންނެވެ. އަދީލް ޖަލީލް އާއި ހީނާ އަހްމަދު ސަލީމް، އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އާއި އަހްމަދު ޝަފީގު (ސައްޕެ) ގެ އިތުރުން އަހްމަދު އަލީ ރިޒާ (އާންޑް) އެވެ.

"އަޅުގަނޑަށް ދެންނެވިދާނެ ވެލެންސިއާ އަކީ ޓީޓީ އަށް އުފެއްދި ކްލަބެކޭ ވެސް،" ވެލެންސިއާގެ ޓީޓީ ޓީމުގެ ކެޕްޓަންކަން ވެސް ކުރިން ކުރިތާޅަފިލި އަލިބެ ބުންޏެވެ.

"އޭރު ވިކްޓަރީން ވިދިވިދިގެން ގިނަ އަހަރުތަކެއްގައި ތަށި ހޯދަމުން ގޮސް އެ ބްރޭކްކޮށްލީ އަޅުގަނޑުމެން ވެލެންސިއާގެ ޓީމުން."

އޭރު ގައުމީ ފެންވަރުގައި އެއް ކުޅިވަރަށް ވުރެ ގިނަ ކުޅިވަރުތަކުގައި އެއް ކުޅުންތެރިޔަކަށް ވެސް ކުޅުމުގެ ފުރުސަތު ލިބެ އެވެ. އަލިބެ ވަނީ ޓީޓީގެ އިތުރުން ވެލެންސިއާގެ ޓީމަށް ހޮކީ ވެސް ކުޅެފަ އެވެ. އޭނާ ބުނި ގޮތުގައި އޭރު އެކި މުބާރާތް އޮންނަނީ އަހަރުގެ އެކި ދުވަސް ވަރު އެވެ. އެ މުބާރާތެއް ކައިރިވުމުން ދެން އެ ކުޅިވަރެއްގެ ޕްރެކްޓިސް ފަށަނީ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ތަށި ހޯދަން ނުކުތް އަހަރު ވަރަށް ރަނގަޅު ގޮތެއްވީ. އޭރު ހުންނެވި ޖަޕާން ކޯޗެއްގެ ކައިރިން އޭރު ކުޅުނު ހުރިހާ ކުދިން ތަމްރީން ވަމުން ދިޔައީ. އަޅުގަނޑުމެން ވެލެންސިއާގެ ޓީމު ވެސް ޖަޕާން ކޯޗުގެ ޓްރޭނިންތައް ލިބިގެން މުބާރާތް ކުޅުނީ،" ގައުމީ ޗެމްޕިއަންކަން ގިނަ އަހަރުތަކެއް ވަންދެން ހޯދި އަލިބެ ބުންޏެވެ.

ވެލެންސިއާގެ މި ޓީމުގައި ހިމެނުނު ފަސް މީހުންގެ ތެރެއިން ތިން މީހުންނަކީ އޭރު އެންމެ ޓޮޕް ލެވަލްގެ ޓީޓީ ކުޅުންތެރިންނެވެ. އަލިބެގެ އިތުރުން އަދީލް ޖަލީލް އާއި އާންޑް ވަނީ އިންޑިވިޖުއަލް އިވެންޓްތަކުގައި ވެސް ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ވެލެންސިއާ ތަށި ހޯދި އަހަރު އިންޑިވިޖުއަލް ފައިނަލްގައި އަލިބެ ވާދަކުރި އެވެ. ފައިނަލުގައި އޭނާ ބަލިވީ އޭރުގެ އެއްވަނަ ކުޅުންތެރިޔާ މަރްހޫމް ދުންތަރި އިބްރާހިމް މަނިކުއާ ވާދަކޮށެވެ. އެއީ ދުންތަރި އަލި މަނިކުގެ ފަހު މުބާރާތެވެ. އޭގެ ފަހުން ބޯޓް ދަތުރުކުރަން ގޮސް އުޅެނިކޮށް ހިނގި ހާދިސާއެއްގައި އަނިޔާވެރިއެއްގެ އަތުން އޭނާ ނިޔާވި އެވެ.

އެ އަހަރުގެ ގައުމީ މުބާރާތުގެ ކުރިން އިންޑޮނީޝިއާގައި އޮޮތް ޓީޓީ މުބާރާތެއްގައި ގައުމީ ޓީމު ތަމްސީލު ކުރަން އަލިބެ ދިޔަ އެވެ. އެ ޓީމުގައި މަރްހޫމް ދުންތަރި މަނިކު ވެސް ކުޅުނެވެ.

އިންޑިވިޖުއަލް ފައިނަލުގައި ދުންތަރި މަނިކުގެ އަތުން އަލިބެ ބަލިވިޔަސް ޓީމު އިވެންޓްގައި ދުންތަރި މަނިކު ކުޅުނު ވިކްޓަރީގެ ޓީމާ ދެކޮޅަށް ވެލެންސިއާ ހޯދި ކާމިޔާބު ފާހަގަ ކުރަން 40 އަހަރު ފަހުން ވެލެންސިއާގެ މި ޓީމު ބައްދަލު ކުރީ އަލިބެގެ ގެ ތާޅަފިލި ގެއިންނެވެ. އެގޭ ޓެރަސްގައި ޓީޓީ ކުޅެން އެ ފަސް މީހުން ވެސް ދިޔަީ ވެލެންސިއާގެ މީހާރުގެ ޖޯޒީގަ އެވެ.

ވެލެންސިއާ އަކީ މިހާރު ހަމައެކަނި ފުޓްބޯޅަ އަށް ހާއްސަ ކްލަބެއްގެ ގޮތުގައި މަޝްހޫރު ވިޔަސް ކުރިން ރާއްޖޭގައި ކުޅުނު ހުރިހާ ކުޅިވަރެއްގައި އެ ޓީމުގެ ވިދުން ގަދަވި އެވެ.