07 މާޗް 2022 - 09:45

ނޭޕްލްސް (މާޗް 7) - އިޓާލިއަން ސެރީ އާގައި ރޭ އޭސީ މިލާނުން 1-0 އިން ނަޕޯލީ ބަލިކޮށް، ޓޭބަލްގެ އެއްވަނައަށް ޖެހިލައިފި އެވެ.
އޭސީ މިލާނުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި އޮލިވިއޭ ޖިރޫ އެވެ. ޖިރޫ މި ލަނޑު ޖެހީ ޑިފެންޑަރު ޑެވީޑް ކަލާބިއާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ، ނަޕޯލީގެ ލާސްޓް ޑިފެންޑަރު ކައިރީ ހުރެ ބޯޅައިގައި ޖައްސާލައިގެންނެވެ.
ނަޕޯލީ އިން ނަތީޖާ ބަދަލުކޮށްލަން މަސައްކަތް ކުރި ނަމަވެސް މިލާނުގެ ޑިފެންސް ފޫއަޅުވާލައި ހުސް ފުރުސަތެއް ތަނަވަސް ކުރެވޭ ގޮތެއް ނުވި އެވެ. ވިކްޓާ އޮސިމްހެން ފޮނުވާލި ދެ ބޯޅައެއް މިލާނުގެ ކީޕަރު މައިކް މައިނަން ދިފާއު ކުރިއިރު، މިލާނުގެ އިސްމާއިލް ބެނާސިރާއި ތިއޯ ހެނާންޑޭޒް އަދި އެލެކްސިސް ސޭލްސްމޭކާސް ފޮނުވާލި ހަމަލާތައް ދިފާއުކުރީ ޑޭވިޑް އޮސްޕީނާ އެވެ.
އޭސީ މިލާނުގެ ބެނާސިރަށް ނަޕޯލީގެ ކަލިދޫ ކުލިބާލީ ކުރި ފައުލަކަށް ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް ރެފްރީ ޕެނަލްޓީ ދީފައެއް ނުވެ އެވެ. އޭގެ ކުރިން ފިކަޔޯ ޓޮމޯރީ، ނަޕޯލީގެ އޮސިމްހެން އަށް ކުރި ފައުލަކަށް ވެސް ރެފްރީ ޕެނަލްޓީ ދީފައެއް ނުވެ އެވެ.
ޖެނުއަރީ މަހު ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި އޭސީ މިލާނުގެ ޒްލަޓާން އިބްރަހިމޮވިޗް ވަނީ އަނިޔާއިން ރަނގަޅުވެ، ރޭގެ މެޗުގެ އިތުރު ވަގުތުގެ ފަހު ފަސް މިނިޓަށް ކުޅެން ނުކުމެފަ އެވެ.
މި ނަތީޖާއާ އެކު އޭސީ މިލާން އެއްވަނައަށް ޖެހިލީ 28 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ. އިންޓަ މިލާން ދެވަނައިގައި އޮތީ 27 މެޗުން ހޯދި 58 ޕޮއިންޓާ އެކު އެވެ. އަދި ނަޕޯލީ ވަނީ މި މެޗުން ބަލިވުމާ އެކު ތިންވަނައަށް ވެއްޓިފަ އެވެ. ނަޕޯލީ ކުޅުނު 28 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ.
ހަތަރު ވަނައިގައި އޮތް ޔުވެންޓަސް ވަނީ ރޭ އަމިއްލަ ދަނޑުގައި ސްޕެޒިއާއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށް، ލީގުގައި ބަލިނުވެ 14 މެޗު ހަމަކޮށްފަ އެވެ. ޔުވެންޓަސްގެ ހަމައެކަނި ލަނޑު މެޗުގެ 21 ވަނަ މިނިޓުގައި ޖެހީ، ޑޫސަން ވްލަހޮވިޗާއި މެނުއެލް ލޮކަޓެލީ ވެގެން ތަނަވަސްކުރި ފުރުސަތެއްގައި އަލްވަރޯ މޮރާޓާ އެވެ.
މި މޮޅާ އެކު ޔުވެންޓަސް ހަތަރުވަނައިގައި އޮތީ 28 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސްގެ ފަހަތުގައި އޮތީ 27 މެޗު ކުޅެގެން 47 ޕޮއިންޓް ހަމަކޮށްފައިވާ އެޓަލާންޓާ އެވެ. ހަވަނައިގައި އޮތް ރޯމާ 28 މެޗު ކުޅެގެން ހަމަކުރެވިފައި ވަނީ ވެސް 47 ޕޮއިންޓެވެ.
ރޯމާ ވަނީ މި ހަފްތާގެ ބަންދުގައި އަމިއްލަ ދަނޑުގައި އެޓަލާންޓާއާ ވާދަކުރި މެޗު 1-0 އިން ކާމިޔާބުކޮށްފަ އެވެ. ރޯމާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޓެމީ އަބްރަހަމް އެވެ. މި ލަނޑާ އެކު ޓެމީ އަބްރަހަމް ހިމެނިވެފައި ވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގައި މި ސީޒަނުގައި 20 ލަނޑު ހަމަކުރި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާގެ ގޮތުގަ އެވެ.
ޓެމީ އަބްރަހަމް ވަނީ ލީގުގައި 13 ގޯލު ޖެހުމުގެ އިތުރުން ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ހަ ގޯލު ޖަހައި، އިޓާލިއަން ކަޕުގައި ވެސް ލަނޑެއް ޖަހައިފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރާ އިނގިރޭސި ކުޅުންތެރިޔަކީ ޓޮޓެންހަމަށް ކުޅޭ ހެރީ ކޭން އެވެ. ކޭން ވަނީ މިހާތަނަށް 18 ލަނޑު ޖަހައިފަ އެވެ.